ޚަބަރު

ކަރެކްޝަންސްގެ 24 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފި


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެސްސީއެސް)ގެ 24 ވަނަ އަސާސީ ތަމްރީން ދިނުމުގެ ކޯހުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

ކ. މާފުށީ ޖަލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް މުޙައްމަދު ޝާހީން ޢަލީއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 24 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަކޮށް ކަރެކްޝަންސްއާ އަލަށް ގުޅިފައި ވަނީ ކޯހުގައި ބައިވެރިވި 25 މީހުންގެ ތެރެއިން 24 މީހެކެވެ.

މި ރަސްމިއްޔާތުގައި ދަސްވެނިންނަށް ސެޓްފިކެޓް ހަވާލުކޮށްދެއްވާފައިވަނީ މާފުށީ ޖަލުގެ ޑިރެކްޓަރ އޭއެސްޕީ އަޙްމަދު ޖާދުﷲ އާއި ޑެޕިއުޓީ ޑިރެކްޓަރ ޢަބްދުﷲ އަމީން އާއި އޭސްޕީ ޢަބްދުލް ޣަނީގެ އިތުރުން ސީޕީއޯ ޙުސެޢިން ރިޟްވާންއެވެ.

މި ރަސްމިއްޔާތުގައި ވަނީ ކޯހުން އެކި ވަނަތައް ހޯދި ފަރާތްތަކަށް އިނާމުވެސް ހަވާލުކޮށްދީފައެވެ. އެގޮތުން މުޅި ކޯހުގެ އެންމެ ދުޅަހެޔޮ ސިއްހަތެއް ހުރި އޮފިސަރު ނުވަތަ “ފިޓެސްޓް” އޮފިސަރުކަމަށް ހޮވިފައިވަނީ ޕްރައިވެޓް ސަނީމް ޝަމާއިލްއެވެ. އަދި މުޅި ޕްރޮގްރާމްއިން އެއްވަނަ ކާމިޔާބުކޮށްފައިވަނީ ޕްރައިވެޓް އަޙްމަދު ނާއިލްކަންވެސް ފާހަގަކޮށްލެވެއެވެ.

އަދި މި ކޯހަކީ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އައިކޯސްޓްއިން މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ޚިދުމަތާ ގުޅޭ ޕްރިޒަން އޮފިސަރުންނަށް ޖަލުތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ޢިލްމު އުގަންނައިދީ، ވަޒީފާގެ މާޙައުލަށް އަހުލުވެރިކޮށް، ތަމްރީނު ކުރުމަށް ހިންގާ ކޯހެކެވެ. އަދި ހަމައެއާއިއެކު ކޯހުގައި ބައިވެރިވާ އޮފިސަރުންނަކީ އަޚްލާޤު ރަނގަޅު، ސިފަވަންތަ ބަޔަކަށް ހެދުމާއި ޖަލުގެ ކަންކަން ހަރުދަނާކޮށް ތަޢުލީމީ ޒުވާނުންތަކަކަށް ހެދުމަކީވެސް މި ތަމްރީން ޕްރޮގްރާމްގެ އެއް އަމާޒުކަމަށްވެސް ކަރެކްޝަންސްއިން ފާހަގަކުރެއެވެ.

މިރަސްމިއްޔާތުގައި މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަޙަމަދު ޖާދުﷲ އާއި ސީނިއަރ މެނޭޖްމަންޓް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ އެޗްޕީއޭގެ އުޞޫލުތަކާ އެއްގޮތަށް ކަމަށްވެސް ކަރެކްޝަންސް އިން ފާހަގަކޮށްފައިވެއެވެ.