މުނިފޫހިފިލުވުން

އިންޑަސްޓްރީއަށް އަޖޭގެ ހަރަދުގައި ވެކްސިން


ހިންދީ ފިލްމު އިންޑަސްޓްރީގައި މަސައްކަތްކުރާ ފަރާތްތަކާއި މީޑިއާ މީހުންނަށް ޚާއްޞަކޮށް ބޮލީވުޑް ތަރި އަޖޭ ދޭވްގަންގެ އެންވައި ފައުންޑޭޝަންގެ ފަރާތުން ވެކްސިން ކޭމްޕެއް ފަށައިފިއެވެ. މިކަން ޔަޤީންކޮށްދިނީ ބޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ތަރަން އާދާޝް އޭނާގެ ޓްވިޓަރގައެވެ.

ކޯވިޑްގެ މި ބަލިމަޑުކަމަށް އެހީވުމުގެ ގޮތުން މިދިޔަ އޭޕްރީލް މަހު އަޖޭވަނީ ބްރިހާމް މުމްބާއީ މުނިސިޕަލް ކޯޕަރޭޝަނާއި ހިންދުޖާ ހޮސްޕިޓަލް ގުޅިގެން އެ ހޮސްޕިޓަލް އައިސީޔޫއަކަށް ބަދަލުކޮށްދީ އިމަރޖެންސީގައި ބޭނުންކުރާނެ ސިއްޙީ އާލާތްތައް ހޯދާދީފައެވެ.

މީގެކުރިން ޑައިރެކްޓަރ ޕްރޮޑިއުސަރ ރާޖް ކުމާރު ހިރާނީ ކަރަން ޖޯހަރު އަދި ޕްރޮޑިއުސަރ މަހާވީރު ޖެއިން ވެސް ވަނީ މުނިފޫހިފިލުވުމުގެ ދާއިރާގެ މީހުންނަށް ހިލޭ ވެކްސިން ފޯރުކޮށްދީފައެވެ.

އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނަށް އެންމެ ފުރަތަމަ ވެކްސިން ދޭން ފެށީ ޔާޝްރާޖް ފިލްމްސުންނެވެ. ޔާޝްރާޖް ފިލްމްސްގެ އަމާޒަކީ މަދުވެގެން 4000 މީހުންނަށް ފުރަތަމަ ފޭސްގައި ވެކްސިން ދިނުމެވެ.

މީގެއިތުރުން ނަދިއާދްވާލާ ގްރޭންޑްސަން އެންޓަރޓެއިންމަންޓްގެ ފަރާތުން ޕްރޮޑިއުސަރ ސާޖިދުވެސް ވަނީ އެ ކުންފުނީގައި މަސައްކަތްކުރާ މީހުންނާއި އެމީހުންގެ އާއިލާތަކަށް 500 ވެކްސިން ޑޯޒް ފޯރުކޮށްދީފައެވެ.

އިންޑިއަން މޯޝަން ޕިކްޗަރ ޕްރޮޑިއުސަރސް އެސޯސިއޭޝަން (އައިއެމްޕީޕީއޭ) އިންވެސް ވަނީ އެސޯސިއޭޝަންގެ މުވައްޒަފުންނަށް ހިލޭ ވެކްސިން ފޯރުކޮށްދޭނެކަމަށް ބުނެފައެވެ.