މުނިފޫހިފިލުވުން

ދުނިޔޭގެ މިއުޒިކް ދުވަސް ފާހަގަކުރުމަށް ކޮންސެޓެއް


ކޮންމެ އަހަރެއްގެ ޖޫން 21 ގައި ފާހަގަކުރާ ދުނިޔޭގެ މިއުޒިކް ދުވަސް ފާހަގަކުރުމުގެ ގޮތުން އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިންތަކެއް ގުޅިގެން އޮންލައިން މިޔުޒިކް ކޮންސެޓެއް ބޭއްވުމަށް ނިންމައިފިއެވެ. މި ޝޯގައި
ބޮލީވުޑްގެ މަޝްހޫރު ޕްލޭ ބެކް ސިންގަރ ޝްރެޔާ ގޯޝާލް، އަރުމާން މާލިކް އަދި ޝިލްޕާ ރާއޯ ހިމެނޭގޮތަށް 30 ފަންނާނުން ބައިވެރިވާނެއެވެ.

ޕްލޭބެކް ސިންގަރ ޖޮނިތާ ގާންދީ ހޯސްޓް ކުރާ މި ކޮންސެޓްގައި ފަންނާނުން އެމީހުންގެ ހިތުގައި މިއުޒިކަށް އޮތް ލޯބި ހާމަކުރުމާއި ކޮންމެ ފަންނާނަކުވެސް އެ ފަންނާނަކު އެންމެ ހިތްހަމަޖެހޭ ލަވައެއް ހުށަހަޅާދިނުމަށް ވަނީ ހަމަޖެހިފައެވެ.

ކޮންސެޓްގައި ބައިވެރިވާ އިތުރު ބައިވެރިންގެ ތެރޭގައި އަމާލް މާލިކް، ރޮޗާކް ކޯލީ، ތުލްސީ ކުމާރު، ޝަލްމާލީ، ސޯނާ މޮހާޕަތްރާ، ޝާން، ސަޗިން ޖިގަރު، ސަލީމް ސުލައިމާނު، އަރުޖުން ކަނުންގޯ، އަކާޝާ، ރަފްތާރު، އަސީސް ކޯރު، ހަރްޝްދީޕް ކޯރު. ވިޝާލް މިޝްރާ، ނިކީތާ ގާންދީ، ޝާޝްވަތް ސިންގް، އަނޫޝާ މާނީ، ސަންދީޕް ހަލްދީޕޫރު، ޝާޝާ ތްރިޕަތީ، ޖުބިން ނޯޓިޔާލް، ޕާޔަލް ދޭވް، ސްޓެބިން ބެން، ރާގަވް މިއްތަލް، އަވަންތީ ނަގްރަލް، އެލް ފްރެޝް ދަ ލަޔަން އަދި ކަމަކްޝީ ކަންނާ ހިމެނެއެވެ.

މިކަހަލަ ހިތާމަވެރި ދަނޑިވަޅެއްގައި މިއުޒިކަކީ ހިތަށް ފިނިކަން ގެނެސްދޭނެ ކަމެއްކަމަށް ލަވަކިޔުންތެރިޔާ ޝާން ވަނީ މި ކޮންސެޓާއި ގުޅިގެން ބުނެފައެވެ. ޖޫން 21 ގައި އޮންއެއަރ ކުރުމަށް ހަމަޖެހިފައިވާ މި ކޮންސެޓް ދައްކާނީ އެމްޓީވީ ބީޓްސް، ވީ އެޗް 1 އިންޑިއާ އަދި އެމްޓީވީ އިންޑިއާއިންނެވެ.