ފުލުހުންނާއި ސިފައިން އަދި ކަރެކްޝަނަލް ސަރވިސް ގުޅިގެން މާފުށި ޖަލާއި މާލެ ޖަލުގައި ހިންގި އޮޕަރޭޝަނުގައި 40 އަށްވުރެ ގިނަ ފޯނު ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ ޖަލުތަކުގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގައި މާފުށި ޖަލުން 43 ފޯނު އަދި މާލެ ޖަލުން ފޯނަކާއި ސިމްކާޑެއް ފެނިފައިވާކަމަށެވެ. އަދި އެމައްސަލަ މިހާރު ތަހުޤީޤްކުރަމުން އަންނަކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިއޮޕަރޭޝަންގައި ޓޭޒަރ ބޭނުންކުރިކަމަށް ދައްކަމުންދާ ވާހަކައަކީ ހަގީގަތާއި ޚިލާފުވާހަކަތަކެއްކަމަށެވެ. އެހެންނަމަވެސް ފުލުހުންގެ އޮޕަރޭޝަންގައި އެއްބާރުލުން ނުދީ ނުކިޔަމަންތެރިކަން ދެއްކި ދެ ގައިދީއަކާ ދެކޮޅަށް ޕެޕަރ ސްޕްރޭ ބޭނުންކުރިކަމަށް ފުލުހުން ބުންޏެވެ. އަދި ޕެޕަރ ސްޕްރޭ ބޭނުންކުރުމުގެ ސަބަބުން އެ ދެ ގައިދީންނަށް ސިއްހީ ފުރަތަމަ އެހީ ފޯރުކޮށްދީފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މީގެއިތުރުން ނުކިޔަމަންތެރިކަން ދެއްކުމުގެ ސަބަބުން ބިޑިއަޅުވާފައި ހުރި ގައިދީއަކު ސިމެންތި އައްޓެއްގައި އަމިއްލައަށް ބޮލުންޖަހާ އަމިއްލަ ނަފްސަށް ގެއްލުން ދިނުމާއި ގުޅިގެން ފަރުވާއަށް މާލެ ގެނެސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ޕެޕަރ ސްޕްރޭގެ ސަބަބުން އަނިޔާވި ދެމީހުންނާއި އަމިއްލައަށް ގެއްލުން ދިން މީހާ ފިޔަވައި އިތުރު ގައިދީއަކަށް އަނިޔާއެއްވެފައި ނުވާކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.
ސަލާމަތީ ބާރުތަކުން ޖަލުތަކުގައި ކުރިއަށްގެންދިޔަ އޮޕަރޭޝަނަކީ ކުރީގެ ރައީސް އަދި ރައްޔިތުން މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ޖަލުތަކުގައި ކުރިއަށްގެންދިަޔަ ޚާއްސަ އޮޕަރޭޝަނެއްކަމަށް ކަމާބެހޭ އިދާރާތަކުން ވިދާޅުވެއެވެ. މިދިޔަ މަހުގެ 6 ވަނަދުވަހު ރައީސް ނަޝީދަށް އަމާޒުކޮށް ދިން ހަމަލާއާއި ހަރުކަށި ފިކުރާއި ދެކޮޅަށް މާފުށީ ޖަލާއި މާލޭ ޖަލުގައި ހިންގި އޮޕަރޭޝަން ރޭ ފަތިހު 5:00 އިން ފެށިގެން އިރުއޮއްސި 6:00 ޖަހަންދެން ކުރިއަށްދިޔައެވެ.