ޚަބަރު

ދިގު ދަތުރެއްކުރަމުންދާ ޗައިނާގެ އެތްތަކަކަށް ދުނިޔޭގެ ސަމާލުކަން


ޗައިނާގެ ޔުނާން ޕުރޮވިންސުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ދޫކޮށް އެތްތަކެއް ކުރަމުންދާ ދަތުރަށް ދުނިޔޭގެ ސަމާލުކަން ހުއްޓިއްޖެއެވެ.

ޗައިނާގައި އެންމެ ބޮޑަށް ޙިމާޔަތްކޮށްފައިވާ ޖަނަވާރުތަކުގެ ތެރޭގައި އެތް ހިމެނެއެވެ. އެތުގެ ސަބަބުން އުނދަގުލެއް ކުރިމަތިވި ނަމަވެސް އެތްތަކުގެ ރައްކާތެރިކަން ޔަޤީންކުރުމަށް ޗައިނާއިންވަނީ އެ ޤައުމުގެ ރައްޔިތުންނަށް އަންގައިފައެވެ.

ޔުނާނު ޕުރޮވިންސުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދުގައި ދިރިއުޅުނު 15 އެތްތައް ދަތުރު ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އޭގެ ފަހުން އެތްތައްވަނީ 500 ކިލޯމީޓަރަށްވުރެ ދުރަށް ދަތުރުކޮށް ޗައިނާގެ ޔުކްސީ ސިޓީއާ ކައިރި ހިސާބަކަށް ޖަމާވެފައެވެ ނަމަވެސް މީގެ 5 ދުވަސްކުރިން އޭގެ ތެރެއިން އެއް އެތްވަނީ އެހެން އެތްތަކާ ވަކިވެ އެހެން ސަރަޙައްދަކަށް ގޮސްފައެވެ. އެ އެތާއި އެހެން އެތްތަކާ ދެމެދު 12 ކިލޯމީޓަރުގެ ދުރުމިނެއް މިހާރު އެބަހުއްޓެވެ.

ޗައިނާގެ ޔުނާން ޕުރޮވިންސުގައި ޙިމާޔަތްކޮށްފައިވާ ސަރަޙައްދު ދޫކޮށް އެތްތައް ޖަންގެއްޔެއްގެ ތެރޭގައި / ވީޑިޔޯ: ރޮއިޓަރސް

ޔުނާން ޕުރޮވިންސުގައި ދިރިއުޅެމުންދިޔަ ސަރަޙައްދު ދޫކޮށް އެތްތައް ދިޔަ ސަބަބެއް ނޭނގެއެވެ. އަދި އެތްތަކުގެ މިސްރާބު ހުރީ ކޮންތަނަކަށް ދިޔުމަށްކަމެއްވެސް ނޭނގެއެވެ. ކުޑަ ތިން އެތާއެކު ދަތުރުކުރަމުންދާ އެތްތައްވަނީ އިންސާނުން ދިރިއުޅޭ ސަރަޙައްދުތަކަށް ފޯރައިފައެވެ. އެ ގޮތުން ރޭގަނޑު ގަޑިތަކުގައި އަވަށްތަކުގެ މަގުތަކުގައި އެތްތައް ހިނގާ މަންޒަރުވަނީ ފެނިފައެވެ. އަދި ކާރު ވިއްކާ ބޮޑު ފިހާރައެއް ތެރެއަށް ވަދެ، މީހުންގެ ގެދޮރަށް ބޯދިއްކޮށް މީހުން ބިރުގަންނުވައި ބޮޑެތި ދަނޑުތަކުން ކައި ދަނޑުތައް ހަލާކުކޮށްފައިވެއެވެ. އެތްތަކުގެ ސަބަބުން މިހާތަނަށް އެއް މިލިޔަން ޑޮލަރަށްވުރެ ބޮޑު ގެއްލުން ލިބިފައިވެއެވެ.

އިންސާނުން އުޅޭ ސަރަޙައްދުތަކާ ދުރަށް އެތްތައް ގެންދިޔުމަށް މަގުތައް ބަންދުކުރުމަށް ބޮޑެތި ލޮރީތައްވަނީ މަގުތަކުގެ ހުރަހަށް ޕާކުކޮށްފައެވެ. އެތްތަކަށް ގިނަ ޢަދަދެއްގެ ކާއެއްޗެހި ދީގެން އެހެން ދިމަދިމާލަށް ގެންދިޔުމަށްވެސް މަސައްކަތްކޮށްފައިވެއެވެ. އެތްތަކުގެ ރައްކާތެރިކަން ޔަޤީންކުރުމަށް ގޭގެއިން މީހުން ހުސްކޮށް ބައެއް ސަރަޙައްދުތައް ކޮނެފައިވެއެވެ. އެތްތަކުގެ ޙަރަކާތްތައް ގިނަ ޢަދަދެއްގެ މީހުން ދަނީ ލައިވުސްޓުރީމު މެދުވެރިކޮށް ބަލަމުންނެވެ.

އެތްތަކުގެ ސަބަބުން އެއްވެސް މީހަކަށް މިހާތަނަށް އަނިޔާއެއްވެފައެއް ނުވެއެވެ. ނަމަވެސް އިންސާނުން ދިރިއުޅޭ ސަރަޙައްދުތަކުގައި އެތްތައް އުޅޭނަމަ ކުރިއަށް އޮތްތަނުގައި ބަޔަކަށް އަނިޔާވެދާނެކަމަށް ބެލެވެއެވެ. އެތްތަކުގެ ސަބަބުން ކުޑަކުދިންނަށް އޮތް ނުރައްކާ ވަކިން ބޮޑުކަމަށާއި ބަޔަކު މީހުން އެތްތަކުގެ ދަށުވުމަކީ އެކަށީގެންވާކަމެއްކަމަށްވެސް ބެލެވެއެވެ.

އެތްތަކުގެ ޙަރަކާތްތައް ބެލުމުގައި ފުލުހުން ހިމެނޭގޮތަށް ކުއްލި ޙާލަތްތަކުގައި މަސައްކަތްކުރާ 400އަށްވުރެ ގިނަ މީހުން ދަނީ ޙަރަކާތްތެރިވަމުންނެވެ.