ޚަބަރު

ޖީ7ގެ ބައްދަލުވުމުގެ ހަވަސާގައި ޝައުގުވެރި ގިނަ ކަންތައްތަކެއް


ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު އޮންނަ 7 ޤައުމުގެ އިސްވެރިންގެ މެދުގައި ތިން ދުވަހުގެ މުއްދަތަށް އިނގިރޭސިވިލާތުގެ ކޯންވޯލުގައި ކުރިޔަށްދާ ބައްދަލުވުމުގައި މުހިންމު ގިނަ ކަންތައްތަކެއް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް ގިނަ ދުވަސްތަކަކަށްފަހު ބާއްވައި ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ތަފާތު ޝައުގުވެރި އެހެން ޙަރަކާތްތަކެއްވެސް ކުރިއަށް ދެއެވެ.

އެންމެ ފާހަގަކޮށްލެވުނު އެއްކަމަކީ ޖީ7ގެ ޤައުމުތަކުގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް އިނގިރޭސިވިލާތުގެ ރާނީ އެލިޒަބެތު ބޭއްވެވި ޚާއްޞަ ޙަރަކާތެވެ. އެ ޙަރަކާތް ބާއްވާފައިވަނީ ޖީ7ގެ ބައްދަލުވުން ބާއްވައި ރިސޯޓާ ދުރުނޫން ހިސާބެއްގައި އޮންނަ އީޑަން ޕުރޮޖެކްޓު ކިޔައި ވަރަށް ޚާއްޞަ ސަރަޙައްދެއްގައެވެ. އެއީ އެތެރޭގެ މާޙައުލެއްގައި ގިނަ ވައްތަރުތަކުގެ ގަސްގަހާއި ގެއްސާއި މާމެލާމެލި ހައްދާފައިވާ ދުނިޔޭގެ އެންމެ ބޮޑު ޖަންގައްޔެވެ. އެ ޙަރަކާތުގައި ރާނީ އެލިޒަބެތުގެ އަރިހުގައި އެކަމަނާގެ ދަރިކަލުން ވަލީޢަހުދު ޗާލްސްގެ ދެމަރިފިކަނބަލުންނާއި މާމަދަރިފުޅު ވިލިއަމުގެ ދެމަފިރިކަނބަލުން ބައިވެރިވެވަޑައިގަތެވެ. އެއީ މިދިޔަ އޭޕުރިލް މަހުގެ ތެރޭގައި ރާނީ އެލިޒަބެތުގެ ފިރިކަލުން ޕުރިންސް ފިލިޕު އަވަހާރަވިފަހުން ޝާހީ ޢާއިލާއިން އެފަދަ ޙަރަކާތެއްގައި ބައިވެރިވި ފުރަތަމަ ފަހަރެވެ. އެ ޙަރަކާތުގައި ރާނީ އެލިޒަބެތުވަނީ ވަރަށް ބޮޑަށް ސަމާސާކުރައްވައިފައެވެ. ދުނިޔޭގެ އެންމެ ނުފޫޒުގަދަ އިސްވެރިންނާއެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން ހުންނަވައި އެ ކަމަނާވަނީ އެ ބޭފުޅުންނާ ސަމާސާކުރައްވައިފައެވެ. އެ ހަފުލާގައި ކޭކެއް ފެޅުއްވުމަށްވެސް އެ ކަމަނާ އިޚްތިޔާރުކުރެއްވީ ވަޅިއެއްގެ ބަދަލުގައި ކަނޑިއެކެވެ. ވަޅިއަކަށްވުރެ އާދަޔާޚިލާފުކަން ބޮޑުވާނީ ކަނޑިއެއް ބޭނުންކުރެއްވުމުންކަމަށް އެ ކަމަނާ ވިދާޅުވިއެވެ.

މިދިޔަ ޖަނަަވަރީ މަހުގެ ތެރޭގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވެރިކަމާ ހަވާލުވެވަޑައިގެންނެވިފަހުން ރާނީއާ ފުރަތަމަ ފަހަރަށް ރާނީއާ ބައްދަލުވެވަޑައިގެންނެވީ އެ ޙަރަކާތުގެ ތެރެއިންނެވެ. ބައިޑަންނަކީ އެ ކަމަނާގެ ޙަޔާތްޕުޅުގައި ބައްދަލުވެވަޑައިގެންނެވި އެމެރިކާގެ 13ވަނަ ރައީސެވެ. ޖީ7ގެ ބައްދަލުވުން ނިންމައިލުމަށްފަހު ވިންޑުސޯ ކާސުލްގައި ދެ ބޭފުޅުން އެކުގައި ސައި ބައްލަވަންވަނީ ހަމަޖެހިފައެވެ.

އިނގިރޭސިވިލާތުގެ ކާބިސް ބޭގެ ގޮނޑުދޮށުގައި ޖީ7ގެ ޤައުމުތަކުގެ އިސްވެރިންގެ ފޮޓޯ ނެގުމުގެ ފުރުޞަތު ނޫސްވެރިންނަށް ދެނީ / ވީޑިޔޯ: ރޮއިޓަރސް

ޖީ7ގެ އިސްވެރިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ޙަރަކާތުގެ އިތުރުން އިނގިރޭސިވިލާތުގެ ކާބިސް ބޭގެ ގޮނޑުދޮށުގައި ޤައުމުތަކުގެ އިސްވެރިން ނެންގެވި ފޮޓޯތަކަކަށްވެސްވަނީ ވަރަށް ބޮޑު ސަމާލުކަމެއް ލިބިފައެވެ. ނޫސްވެރިންނަށް ފޮޓޯނެގުމުގެ ފުރުޞަތު ދިނުމުގެ ގޮތުން ބޭއްވި އެ ޙަރަކާތުގައި ބައިޑަންނާއި ފަރަންސޭސިވިލާތުގެ ރައީސް އެމަނުއަލް މެޚްރޮންވަނީ އަތާއި އަތް ގުޅުއްވައި ގޮނޑުދޮށުގައި ހިންގަވައިފައެވެ. ފޮޓޯ ނެގުމަށް ޙާއްޞަކޮށް ހަދާފައިވާ ތަނުގައި ތިއްބަވައި ގައިދުރުކަމާއެކު ޤައުމުތަކުގެ އިސްވެރިންވަނީ ފޮޓޯ ނަންގަވައިފައެވެ. ނޫސްވެރިންނާ ވާހަކަދެއްކެވުމަށްފަހު ނޫސްވެރިން އެ ސަރަޙައްދު ދޫކޮށް ދިޔުމަށް އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންވަނީ ވިދާޅުވެފައެވެ. އެ ޙަރަކާތަކީ ދުނިޔޭގެ އެންމެ ބޮޑު ދީމިޤްރާޠީ ނިޒާމުތައް އޮންނަ ހަތް ޤައުމުގެ ވެރިން ނުރަސްމީކޮށް ވާހަކަދައްކައި ޙަރަކާތެއްކަމަށް އޭނާ ވިދާޅުވިއެވެ. ބައިޑަންވެސްވަނީ ނޫސްވެރިން މޫދަށް އެރުމަށް އަމުރުކުރައްވައިކަމަށް ވިދާޅުވެ ސަމާސާކުރައްވައިފައެވެ.

އެމެރިކާގެ ރައީސްގެ އަނބިކަނބަލުން ޖިލް ބައިޑަން ވިދާޅުވީ އެ ޙަރަކާތުގައި އިޙުޞާސްކުރެއްވުނީ ކައިވެނި ހަފުލާއެއްގައި ހުންނެވުނުކަމަށްކަމަށެވެ. އަދި ވަރަށް ފަހުން ކައިވެނި ބައްލަވައިގެންނެވި ޖޮންސަންވެސް ވިދާޅުވީ ކައިވެނި ބައްލަވައިގެންނެވި ހަފުލާގައި ކުރެވުނުފަދަ އިޙްސާސްތަކެއް ކުރެވުނުކަމަށެވެ. ޖިލް ބައިޑަންވަނީ ޕުރިންސް ވިލިއަމުގެ އަނބިކަނބަލުން އަދި ޑަޗެސް އޮފް ކެންބުރިޖު ކޭޓު މިޑުލްޓަނާއެކުވެސް ޚާއްޞަ ވަގުތުކޮޅެއް ހޭދަކުރައްވައިފައެވެ. އެގޮތުން އެ ދެކަނބަލުންވަނީ ކޯންވޯލުގައި ހުންނަ މަދަރުސާއަކަށް ޒިޔާރަތްކުރައްވައިފައެވެ. އެ ޒިޔާރަތުގައި ކޭޓާއި ޖިލްވަނީ ދަރިވަރުންނާއެކު ވަގުތު ހޭދަކުރައްވައިފައެވެ. އެ ދެ ކަނބަލުންގެ މެދުގައި ދެކެވުނު ވާހަކަތަކުގެ ތެރޭގައި ޕުރިންސް ވިލިއަމުގެ ކޮއްކޯފުޅު ޕުރިންސް ހެރީއަށް ދާދިފަހުން ލިބިވަޑައިގެންނެވި އަންހެން ދަރިކަލުން ލިލިބެތާ ގުޅޭގޮތުން ބައިޑަންވަނީ ސުވާލުކުރައްވައިފައެވެ. ޝާހީ ޢާއިލާގެ ތެރޭގައި މައްސަލަތަކެއް ޖެހި ޢާއިލާއާ ވަކިވެ އެމެރިކާއަށް ދިރިއުޅުން ބަދަލުކުރައްވާފައިވާ ހެރީގެ ދަރިކަނބަލުންނާ ވަރަށް އަވަހަށް ބައްދަލުވާނެކަމަށް އުންމީދުކުރައްވައިކަމަށް ކޭޓުވަނީ ވިދާޅުވެފައެވެ.