ޚަބަރު

މި އަހަރުވެސް ޙައްޖުގައި ބައިވެރިވެވޭނީ ސަޢުދީގައި އުޅޭ މީހުންނަށް އެކަނި


މި އަހަރުވެސް ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ މީހުންނަށް އެކަނިކަމަށް އެ ޤައުމުގެ ސަރުކާރުން ކަނޑައަޅައިފިއެވެ. މި އަހަރުގެ ޙައްޖު ދުވަސް ދިމާވަނީ ޖުލައިމަހުގެ 19 ވާ ހޯމަ ދުވަހެވެ.

ސަޢުދީ ޢަރަބިއްޔާގެ ޞިއްޙަތާބެހޭ ވުޒާރާއާއި ޙައްޖާއި ޢުމުރާއާބެހޭ ވުޒާރާއިން ބުނީ މިއަހަރުގެ ޙައްޖުގައިވެސް ބައިވެރިވެވޭނީ ސައުދީ ރައްޔިތުންނާއި އެޤައުމުގައި ދިރިއުޅޭ އެހެން ޤައުމުތަކުގެ މީހުންނަށްކަމަށެވެ. މި ފަހަރުގެ ޙައްޖުގައި ފުރުސަތު ދިނުމަށް ސައުދީ ސަރުކާރުން ނިންމާފައިވަނީ 60،000 މީހުންނަށެވެ.

މިއަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރާއި 65 އަހަރާއި ދެމެދުގެ އުމުރު ފުރައިގެ މީހުންނަށެވެ. އަދި ޙައްޖުގެ އަޅުކަމުގައި ބައިވެރިވެވޭނީ އެއްވެސް ބައްޔަކަށް ބޭސްނުކުރާ އަދި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާ މީހުންނަށް އެކަންޏެވެ. މީގެއިތުރުން ކޯވިޑް ޖެހިފައިވާ މީހުންގެ ތެރެެއިން ވެކްސިން ފުރިހަމަ ކުރި މީހުންނަށްވެސް ޙައްޖުގެ އަޅުކަމުގައި ބައިވެެރިވެވޭނެއެވެ.

ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ބުނީ މި ނިންމުން ނިންމީ ޙައްޖުގައި ބައިވެރިވާ މީހުންގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކުރުމަށްކަމަށެވެ. އަދި މި އަހަރުގެ ޙައްޖުގެ އަޅުކަންވެސް ކުރިޔަށްދާނީ ކޯވިޑުން ރައްކާތެރިވުމަށް އަޅައި ޚާއްޞަ ފިޔަވަޅުތަކާއެކުކަމަށް އެ ޤައުމުގެ ސަރުކާރުންވަނީ ބުނެފައެވެ.

އަހަރަކު 2 މިލިއަނަށްވުރެ ގިނަ މުސްލިމުން ބައިވެރިވާ ޙައްޖުގެ އަޅުކަމުގައި މިދިޔަ އަހަރުވެސް ބޭރު ޤައުމުތަކުން ދަތުރުކުރާ މީހުންނަށް ބައިވެރިވުމުގެ ފުރުޞަތު ސަޢުދީ ޢަރަބިއްޔާއިން ދީފައެއް ނުވެއެވެ. މިދިޔަ އަހަރު ޙައްޖުވުމުގެ ފުރުޞަތު ދީފައިވަނީ ސަޢުދީ ޢަރަބިއްޔާގައި ދިރިއުޅޭ 1،000 މީހުންނަށެވެ. މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވާނެ ފަރާތްތައް ކަނޑައަޅާފައިވަނީ ވަކި ޕޯޓަލަކަށް ހުށައަޅައިގެން ހޮވުނު މީހުންނެވެ.

މިިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބުނު މީހުންވަނީ މައްކާއަށް ދަތުރުކުރުމުގެ 7 ދުވަސް ކުރިން ގޭގައި އެކަހެރިވެފައެވެ. އަދި މައްކާއަށް ވަނުމަށްފަހު އެމީހުންވަނީ ވަކި ހޮޓަލެއްގައި ކަރަންޓީނުވެފައެވެ. އަޅުކަމުގެ ކަންކަމަށް އެއްތަނުން އަނެއްތަނަށް ޙައްޖުވެރިން ގެންގޮސްފައިވަނީ ބައި ބަޔަށް ބަހައިގެންނެވެ. އަދި ކޮންމެ 50 ޙައްޖުވެރިއަކަށް ޚާއްޞަ ޞިއްޙީ ޚިދުމަތްތެރިއެއް ކަނޑައަޅާފައިވެއެވެ. މިދިޔަ އަހަރުގެ ޙައްޖުގެ އަޅުކަމުގައި ރާއްޖެއިން 5 މީހަކު ވަނީ ބައިވެރިވެފައެވެ. އެއީ ސައުދީގައި ކިޔަވަމުންދިޔަ 5 މީހެކެވެ.

މިދިޔަ އަހަރު ދުނިޔޭގައި ބޮޑު ބަލިމަޑުކަމެއް ފެތުރެމުންދިޔަ ދަނޑިވަޅެއްގައި ކާމިޔާބުކަމާއެކު ޙައްޖުގެ އަޅުކަމުގެ އިންތިޒާމުތައް ހަމަޖެއްސުމުން ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ، ޑަބުލިޔުއެޗުއޯއިންވަނީ ސަޢުދީ ޢަރަބިއްޔާއަށް ތަޢުރީފުކޮށްފައެވެ.

ކޯވިޑާއި ގުޅިގެން އެޅީ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މައްކާގެ ޙަރަމްފުޅު 7 މަސްދުވަހަށް ބަންދުކުރުމަށްފަހު އާއްމުންނަށް ހުޅުވާލީ މިިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ. އަދި އުމްރާއަށް މީހުން އެތެރެވުމަށް ހުއްދަދީފައިވަނީ މަދު ބަޔަކަށެވެ. އަދި ޙަރަމްފުޅުގެ ތެރޭގައި އެންމެ ގިނަ މީހުންނަށް އޫޅެވޭނެ އަދަދުތައް ކަނޑައަޅާ ސައުދީ އޮފިޝަލުން ގެންދިޔައީ އެކަން ބަލަމުންނެވެ.

ސައުދީ މިހާތަނަށް ވަނީ 464،780 މީހުނަށް ކޯވިޑް ޖެހި 7،553 މީހުން މި ބަލީގައި މަރުވެފައެވެ.