ޚަބަރު

ފައިސާ ދެއްކުމުން އދގެ ޢާންމު މަޖިލީހުގައި ވޯޓުލުމުގެ ފުރުޞަތު އީރާނަށް ލިބިއްޖެ


އދގެ ޢާންމު މަޖިލީހުގައި ވޯޓުލުމުގެ ފުރުޞަތު އީރާނަށް އަލުން ލިބިއްޖެއެވެ. އަލުން ވޯޓުލުމުގެ ފުރުޞަތު ލިބުމުން އދގެ ސަލާމަތީ މަޖިލީހަށް އައު މެންބަރުން އިންތިޚާބުކުރުމަށް ޖޫން މަހުގެ 11ވަނަ ދުވަހު ނެގި ވޯޓުގައި އީރާނުން ބައިވެރިވެފައިވެއެވެ.

193 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ އދގެ ޢާންމު މަޖިލީހުގައި ވޯޓުލުގެ ޙައްޤު އީރާނަށް ގެއްލުނީ މިދިޔަ ޖަނަވަރީ މަހުގެ ތެރޭގައެވެ. އެއީ އެ ޤައުމުން އދއަށް ދައްކަންޖެހޭ 2 އަހަރު ދުވަހުގެ ފައިސާ ދައްކާފައި ނުވާތީއެވެ. ޢާންމު މަޖިލީހުގައި ވޯޓުލުމުގެ ފުރުޞަތު އީރާނަށް އަލުން ލިބިފައިވަނީ އެ ޤައުމަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ދަށުން ދެކުނު ކޮރެޔާގައި ހިފަހައްޓާފައިވާ ފައިސާ ދޫކުރުމަށް އެމެރިކާއިން އެއްބަސްވުމުންނެވެ. އީރާނުން އދއަށް 65 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ގިނައިން ދައްކަންޖެހުނު ނަމަވެސް ދައްކާފައިވަނީ 11 މިލިޔަން ޑޮލަރެވެ. އެއީ ވޯޓުލުމުގެ ފުރުޞަތު އަލުން ހޯދުމަށް ދައްކަންޖެހޭ އެންމެ ދަށް ޢަދަދެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެ ފިޔަވަޅުކުގެ ދަށުން ދެކުނު ކޮރެޔާއާއި ޢިރާޤާއި ޗައިނާފަދަ ޤައުމުތަކުގައި އީރާނުގެ 20 ބިލިޔަނަށްވުރެ ގިނަ ޑޮލަރު ހިފަހައްޓާފައިވާ އެ ޤައުމުން ބުނެއެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ.

އީރާނުން އދއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މާޖިދު ތަޚުތު ރަވަންސީ ވިދާޅުވީ ޤާނޫނާ ޚިލާފަށް އެމެރިކާއިން އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އީރާނުގެ ރައްޔިތުންނަށް ބޭސްފަދަ ތަކެތި ނުލިބޭކަމަށާއި ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އދއަށް ދައްކަންޖެހޭ ފައިސާވެސް އެ ޤައުމަށް ދެއްކިފައިނުވާކަމަށެވެ. އަދި އދއަށް ފައިސާ ދެއްކުނީ 6 މަސް ދުވަހަށްވުރެ ގިނަ ދުވަހު މަސައްކަތްކުރުމަށްފަހުކަމަށް އޭނާ ވިދާޅުވިއެވެ.

އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން ހިފަހައްޓާފައިވާ އީރާނުގެ ފައިސާ ބޭނުންކޮށްގެން އދއަށް ފައިސާ ދެއްކުމަށް އެމެރިކާއިން ޙުއްދަ ދީފައިވަނީ ކުރިއަށް އޮތް ހަފުތާ ބަންދުގެ ތެރޭގައި ނިޔުކްލިޔަރ އެއްބަސްވުމާ އެއްގޮތަށް 2 ޤައުމުން ޢަމަލުކުރުމާ ގުޅޭގޮތުން ބާއްވާ މަޝްވަރާތަކުގެ 6ވަނަ ބުރު ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.