ޚަބަރު

އދގެ ސަލާމަތީ މަޖިލީހަށް އަލްބޭނިޔާ، ބުރެޒިލް، ގެބޮން، ގާނާ އަދި ޔޫއޭއީ


އދގެ ސަލާމަތީ މަޖިލީހުގެ ފަސް ގޮނޑިއަށް އަލްބޭނިޔާއާއި ބުރެޒިލާއި ގެބޮންނާއި ގާނާއާއި ޔޫއޭއީ އިންތިޚާބުވެއްޖެއެވެ.

15 މެންބަރުންގެ މައްޗަށް އެކުލެވިފައިވާ ސަލާމަތީ މަޖިލީހުގެ ދާޢިމީ މެންބަރުންގެ ގޮތުގައި 5 ޤައުމެއް އޮވެއެވެ. އެއީ އެމެރިކާއާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޗައިނާއާއި ރަޝިޔާއެވެ. ބާކީ 10 މެންބަރުންނަކީ ވަގުތީ މެންބަރުންނެވެ. ވަގުތީ މެންބަރުންގެ ދަޢުރުގެ މުއްދަތަކީ 2 އަހަރެވެ. އޭގެ ތެރެއިން 5 ޤައުމެއް ކޮންމެ އަހަރަކުވެސް ބަދަލުވާނެއެވެ. ބާކީ 5 ޤައުމު ބަދަލުވާނީ ޖެހިގެން އަންނަ އަހަރުއެވެ.

ސަލާމަތީ މަޖިލީހުގެ ގޮނޑިތައް ބަހާފައިވަނީ ދުނިޔޭގައި ޤައުމުތައް އޮންނަ ސަރަޙައްދުތަކުގެ މައްޗަށެވެ. ސަލާމަތީ މަޖިލީހަށް އަލަށް އިންތިޚާބުވެފައިވާ 5 ޤައުމުގެ އިތުރުން އެ ގޮނޑިތަކަށް އެ ސަރަޙައްދުތަކުގެ އެހެން ޤައުމަކުން ކުރިމަތިލައިފައެއް ނުވެއެވެ. އެހެން ޤައުމަކާ ވާދަކުރަން ނުޖެހުނު ނަމަވެސް ގޮނޑި ކާމިޔާބުކުރުމަށްޓަކައި 193 މެންބަރުންގެ މައްޗަށް އެކުލެވޭ އދގެ ޢާންމު މަޖިލީހުގެ ތިންބައިކުޅަ ދެބައި ވޯޓު ހޯދަންޖެހެއެވެ. އެގޮތުން ގާނާއަށް ލިބިފައިވަނީ 185 ވޯޓެވެ. އަދި ގެބޮންނަށް ލިބުނީ 183 ވޯޓެވެ. ޔޫއޭއީއަށް 179 ވޯޓާއި އަލްބޭނިޔާއަށް 175 ވޯޓާއި ބުރެޒިލަށް 181 ވޯޓު ލިބުނެވެ. އަލަށް އިންތިޚާބުވި ޤައުމުތަކުގެ އައު ދަޢުރު ފަށާނީ އަންނަ ޖަނަވަރީ މަހުގެ އެއްވަނަ ދުވަހުއެވެ.

ސަލާމަތީ މަޖިލީހަކީ އދގެ އެންމެ ބާރުގަދަ އަދި ނުފޫޒުގަދަ ވުޒާރާއެވެ. ދުނިޔޭގެ އެކި ޤައުމުތަކާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމާއި ބާރުގެ ބޭނުންކުރުމަށް ނިންމުމުގެ ބާރު އެ މަޖިލީހަށް އޮވެއެވެ. ނަމަވެސް އެ މަޖިލީހުގެ ނިންމުންތައް ބާޠިލުކުރުމުގެ ބާރު އެ މަޖިލީހުގައި ހިމެނޭ ދާޢިމީ 5 ޤައުމަށް އޮވެއެވެ.