މުނިފޫހިފިލުވުން

"ހަސީން ދިލްރުބާ" ގެ ޓްރެއިލަރ، ފެށެނީވެސް މަރަކުން


ޑިޖިޓަލް ޕްރިމިއަރ އަކަށް ދާން ނިންމާފައިވާ މިސްޓްރީ ތްރިލަރ 'ޙަސީން ދިލްރުބާ' ގެ ޓްރެއިލަރ ދައްކާލައިފިއެވެ.

"ބަދްލާ" ގެ ބަޠަލާ ތާޕްސީ ޕަންނޫ އާއި ވިކްރާންތު މާސޭ ލީޑް ރޯލުން ފެނިގެންދާ މި ފިލްމެ ޓްރެއިލަރގައިވެސް ފެނިގެންދަނީ ފިލްމަށް އިންތިޒާރުކުރަންޖެހޭ ވާހަކަތަކެކެވެ. ތާޕްސީ އަދި ވިކްރާންތު ދެމަފިރިންގެ ރޯލުން ފެނިގެންދާއިރު ތާޕްސީގެ ލޯބިވެރިޔާގެ ރޯލުން ފެނިގެންދަނީ "ސަނަމް ތޭރީ ކަސަމް" ގެ ތަރި ހަރްޝްވަރުދަން ރާނޭ އެވެ.

ފިލްމުގެ ޓްރެއިލަރ ވައްތަރީ ހޮލީވުޑް ޑައިރެކްޓަރ ޑޭވިޑް ފިންޗަރސްގެ "ގޯން ގާރލް" އެވެ. މި ފިލްމުގައިވެސް މި ވާހަކާއި އެއްގޮތް މަންޒަރުތަކެއް ފެނިގެންދެއެވެ. މި ފިލްމުގައި ތާޕްސީގެ ފަރާތުން ފެނިގެންދާނީ ވަރަށް ތަފާތު ރޯލެއްކަމަށް އޭނާ ބުނެއެވެ. މީ އެނާ އަލަށް ކުޅޭ ރޯލެއްކަމުން މި ފިލްމަށް ކުރެވޭ އުއްމީދުތައް ބޮޑުކަމަށް އޭނާ ވަނީ ބުނެފައެވެ. އަދި މީ ކޮންމެހެން ބަލާލަންޖެހޭ ފިލްމެއްކަމަށްވެސް ތާފްސީ ބުނެއެވެ. އަދި މި ފިލްމު އެންމެނަށް ކަމުދާނެކަމަށްވެސް ތާފްސީ ވަނީ ބުނެފައެވެ.

ވިނިލް މެތިއު ޑައިރެކްޓްކުރާ މި ފިލްމު މިދިޔަ އަހަރު ސެޕްޓެމްބަރުމަހު ރިލީޒް ކުރުމަށްހަމަޖެހިފައި އޮތް ނަމަވެސް ޕްރޮޑަކްޝަންގެ މަސައްކަތް ނިމުނީ އޮކްޓޫބަރުމަހު ކަމުން ފިލްމު ރިލީޒްކުރުން އޮތީ ލަސްކުރަންޖެހިފައެވެ. ޚަބަރުތައް ބުނާގޮތުން އޮންލައިންކޮށް ފިލްމު ރިލީޒްކުރަން މިހާރު ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ.

ކަނިކާ ދިލޯން ލިޔެފައިވާ ވާހަކައަކަށް ހަދާފައިވާ މި ފިލްމުގައި ތާޕްސީއާއެކު ޓީވީ އެކްޓަރެއްކަމަށްވާ ވިކްރާންތް މާސޭ ލީޑްރޯލުން ފެނިގެންދާނެއެވެ. ހަރްޝްވަރްދެންރާނޭ އަދި ހަންސިކާ މޮތްވާނީ ފެނިގެންދާނީ ސަޕޯޓިން އެކްޓަރުންގެ ގޮތުގައެވެ. 2019 ވަނަ އަހަރު ޑިސެމްބަރުމަހު ވަނީ ފިލްމުގެ ފުރަތަމަ ޕޯސްޓަރުވެސް ދައްކާލާފައެވެ.