ޚަބަރު

ފަލަސްޠީނުގެ 1،500 މީހުން މަގުމަތިކުރުމަށްފަހު ޔަހޫދީންގެ ދީނީ ޕާކެއް އަޅަނީ


އިސްރާއީލުން އިސްތިޢުމާރުކޮށްފައިވާ ފަލަސްޠީނުގެ އިރުމަތީ ޤުދުސްގެ ސިލްވާނުގައި ދިރިއުޅޭ 120 އާއިލާ މަގުމަތިކުރުމަށްފަހު އެ ސަރަޙައްދުގައި ޔަހޫދީންގެ ދީނީ ޕާކެއް އެޅުމަށް ނިންމައިފިއެވެ. އެ ސަރަޙައްދަކީ ދާއޫދުގެފާނު ބަގީޖާއެއް އެޅުއްވި ސަރަޙައްދެއްކަމަށް ބުނެއުޅެއެވެ.

ޙައްދުފަހަނައަޅާފައިވާ އިސްރާއީލުގެ ސަރުކާރުގެ ނިންމުމުގެ ސަބަބުން ސިލްވާނުގައި ދިރިއުޅޭ ފަލަސްޠީނުގެ 120 އާއިލާއެއްގެ ގެދޮރާއި ވަށައިގެންވާ އިމާރާތްތައް ގެއްލި 1،500 މީހުން މަގުމަތިވާނެއެވެ. ފަލަސްޠީނުގެ އާއިލާތައް ސިލްވާނުގައި ދިރިއުޅޭ 100އެއްހާ ގެދޮރު އިމާރާތްކޮށްފައިވަނީ ޙުއްދަ ނުހޯދައިކަމަށް ބުނެ އިސްރާއީލުގެ އަނިޔާވެރި ސަރުކާރުން ނިންމާފައިވަނީ އެ އިމާރާތްތައް ތަޅާލުމަށެވެ. އެގޮތުން ޤުދުސްގެ ކޯޓުން ކުރި ޙުކުމު ތަންފީޒުކުރުމަށްކަމަށް ބުނެ 21 ދުވަހުގެ ތެރޭގައި ގެދޮރުން ނުކުތުމަށް އޭގެ ތެރެއިން 13 އާއިލާއަކަށްވަނީ އަންގާފައެވެ. ޢާންމު ގޮތެއްގައި އިމާރާތްކުރުމަށް ޤުދުސްގެ މުނިސްޕަލްޓީން ޙުއްދަ ހޯދާކަށް ނުޖެހެއެވެ. އަދި ސިލްވާނުގައި ދިރިއުޅޭ ފަލަސްޠީނުގެ އާއިލާތަކަކީ މީގެ އެތައް ޖީލެއް ކުރިން އެ ސަރަޙައްދުގައި ވަޒަންވެރިވެފައިވާ ބައެކެވެ.

އިރުމަތީ ޤުދުސްގެ ސިލްވާނުގައި ދިރިއުޅޭ 120 އާއިލާއެއް ގެދޮރުން ނެރުމަށް ނިންމާފައިވަނީ އިރުމަތީ ޤުދުސްގެ ޝޭޚް ޖައްރާޙުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ފަލަސްޠީނުގެ ރައްޔިތުން ގެދޮރުން ނެރުމަށް ޔަހޫދީ ދަޢުލަތުން މަސައްކަތްކުރަމުންދާ ދަނޑިވަޅެއްގައެވެ. ޝައިޚް ޖައްރާޙުގެ މައްސަލަ އިސްރާއީލުގެ ސުޕްރީމު ކޯޓަށް ހުށަހެޅުމުން މިހާރު އޮތީ ޙުކުމު ކުރުމުގެ މަރުޙަލާގައެވެ. ނަމަވެސް ފަލަސްޠީނުގެ ރައްޔިތުންނަށް އިންޞާފު ލިބޭނެ ގޮތަކަށް ޔަހޫދީ ކޯޓަކުން ނިންމުމެއް ނިންމުން ވަރަށް ނާދިރެވެ.

ބައިނަލްއަޤްވާމީ މުޢާހަދާތަކާއި ޤާނޫނުތަކުންވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ޔަހޫދީން ވަޒަންވެރިވުން މަނާކޮށްފައެވެ. އަދި އެއީ އިސްރާއީލުގެ ސަރަޙައްދުތަކެއްގެ ގޮތުގައި ބައިނަލްއަޤްވާމީ މުޖުތަމަޢުން ބަލައެއްވެސް ނުގަނެއެވެ. ނަމަވެސް ޔަހޫދީން މަސައްކަތް ކުރަނީ ޤުދުސަކީ އެ މީހުންގެ ވެރިރަށުގެ ގޮތުގައި ކަނޑައެޅުމަށެވެ.