ޚަބަރު

ބައެއް ޤައުމުތަކުން ޚާރިޖީ ހަތިޔާރަކަށް ވެކްސިން ބޭނުންކުރޭ: އިނގިރޭސިވިލާތް


ބައެއް ޤައުމުތަކުގެ ނުފޫޒު ވަރުގަދަ ކުރުމަށް ކޯވިޑް-19ގެ ވެކްސިން ޚާރިޖީ ހަތިޔާރަކަށް ހަދާފައިވާކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވަޒީރު ޑޮމިނިކް ރާބު ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ކޯންވޯލުގައި ބާއްވައި ޖީ7ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގެ ހަވާސާގައި ރޮއިޓަރސާ ވާހަކަދައްކަވަމުން ރާބު ވިދާޅުވީ ބައެއް ޤައުމުތަކުގެ ނުފޫޒު ވަރުގަދަ ކުރުމަށް ކޯވިޑް-19ގެ ވެކްސިން ޚާރިޖީ ހަތިޔާރަކަށް ހެދި ނަމަވެސް އެއީ އިނގިރޭސިވިލާތުން ބަލައިގަންނަ އަދި ޤަބޫލުކުރާ ސިޔާސަތެއް ނޫންކަމަށެވެ. އޭނާ އެހެން ވިދާޅުވެފައިވަނީ ޗައިނާއާއި ރަޝިޔާއިން އެ ގޮތަށް ޢަމަލުކުރަމުންދާކަމަށް ހުޅަނގުގެ ޤައުމުތަކުން ތުޙްމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ. އެގޮތުން ޗައިނާއާއި ރަޝިޔާއިން ވަޞީލަތްތައް ނެތް ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދެނީ ސިޔާސީ މަންފާއެއް ހޯދުމަށް ހުޅަނގުގެ ޤައުމުތަކުން ތުޙްމަތުކުރެއެވެ.

އިނގިރޭސިވިލާތުގައި ބާއްވައި ޖީ7ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައާއި ބެލްޖިޔަމުގެ ބުރަސަލްސްގައި ބާއްވައި ހުޅަނގުގެ އަސްކަރީ އިއްތިޙާދު، ނޭޓޯގެ ބައްދަލުވުމުގައި އެންމެ ބޮޑު އެއް އިސްކަމެއް ދޭން ނިންމާފައިވާ ކަންކަމުގެ ތެރޭގައި ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމާއި ޗައިނާއާއި ރަޝިޔާގެ ނުފޫޒާ ދެކޮޅަށް މަސައްކަތްކުރުން ހިމެނެއެވެ. އެ ގޮތުން ދުނިޔޭގެ އެކި ޤައުމުތަކަށް ކޯވިޑް-19ގެ ވެކްސިންގެ 1 ބިލިޔަން ޑޯޒު އެއްވެސް އަގަކާއި ނުލައި ފޯރުކޮށްދިނުމަށް ޖީ7ން ނިންމާނެއެވެ. އޭގެ ތެރެއިން 500 މިލިޔަން ޑޯޒު ފޯރުކޮށްދޭނީ އެމެރިކާއިންނެވެ.