ޚަބަރު

ތުރުކީވިލާތުގެ ފައުޖުތައްވެސް އަފްޣާނިސްތާނުން ފައިބަންޖެހޭނެ: ޠާލިބާން

އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ ތުރުކީވިލާތުގެ ފައުޖުތައްވެސް އެ ޤައުމުން ފައިބަންޖެހޭނެކަމަށް ޠާލިބާން ޖަމާޢަތުން ބުނެފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން 2021ވަނަ އަހަރުގެ މެއި މަހުގެ 1ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން ބާލަން ޖެހެއެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަ ތިއްބެވެ. ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ.

އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ ފައުޖުތައްވެސް ސެޕްޓެންބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އެ ޤައުމުން ބޭލުމަށް ނޭޓޯގެ މެންބަރު ޤައުމުތަކުންވަނީ ނިންމައިފައެވެ. ހުޅަނގުގެ އަސްކަރީ އިއްތިޙާދުކަމަށްވާ ނޭޓޯއިން ބުނީ މިދިޔަ އޭޕްރިލް މަހުގެ މެދުތެރޭގައި ނިންނި ނިންމުމާ އެއްގޮތަށް އަފްޣާނިސްތާނުގައި ތިބި ނޭޓޯގެ 9،600 ސިފައިން އަނބުރާ ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. ނޭޓޯގެ ސިފައިން އަނބުރާ ގެންގޮސް ނިމޭނެ ތާރީޚެއް ނުބުނި ނަމަވެސް ކުރިއަށް އޮތް މަސްތަކުގައި އެ މަސައްކަތް ނިންމާލެވޭނެކަމަށް އެ އިއްތިޙާދުން ބުނެއެވެ.

ޠާލިބާނުން ބުނީ ތުރުކީވިލާތުގެ ސިފައިންނަކީވެސް ހަނގުރާމަކުރުމުގެ ނިޔަތުގައި މީގެ 20 އަހަރު ކުރިން ނޭޓޯގެ ފައުޖުތަކާއެކު އަފްޣާނިސްތާނަށް އައިސް ތިބި ބައެއްކަމަށެވެ. އެހެންކަމުން އެއްބަސްވުމާ އެއްގޮތަށް ނޭޓޯގެ ފައުޖުތަކާއެކު ތުރުކީވިލާތުގެ ސިފައިންވެސް އަފްޣާނިސްތާނުން ފައިބަންޖެހޭނެކަމަށް އެ ޖަމާޢަތުން ބުނެއެވެ. އަދި ތުރުކީވިލާތަކީ ވަރުގަދަ އިސްލާމީ ޤައުމެއްކަމަށާއި އެ ޤައުމުގެ ސިފައިން އަފްޣާނިސްތާނުން ފޭބި ނަމަވެސް އެހެން ގޮތްގޮތުން އެ ޤައުމާ ގުޅުން ބާއްވަން ބޭނުންވާކަމަށްވެސް ޠާލިބާނުން ބުނެފައިވެއެވެ.

ތުރުކީވިލާތުގެ ސިފައިން އަފްޣާނިސްތާން ދޫކޮށް ދިޔުމަށް ޠާލިބާނުން އަންގާފައިވަނީ އަފްޣާނިސްތާނުގެ ވެރިރަށް ކާބުލުގެ ބައިނަލްއަޤްވާމީ ވައިގެ ބަނދަރުގެ ހިންގުމާއި ޙަވާލުވެ ސަލާމަތީ ކަންކަން ބަލަހައްޓާ ދޭން ތުރުކީވިލާތުން އެދިފައިވާ ދަނޑިވަޅެކެވެ. ތުރުކީވިލާތުން އެ ގޮތަށް ހުށަހަޅާފައިވަނީ އެމެރިކާގެ އައު ސަރުކާރު ރުއްސުމަށެވެ. ނަމަވެސް ތުރުކީވިލާތުގެ ހުށަހެޅުމަށް ޠާލިބާނުން އެއްބަސްވެފައެއް ނުވެއެވެ.

އެމެރިކާގެ އަސްކަރިއްޔާއިން ބުނެފައިވާ ގޮތުގައި އަފްޣާނިސްތާނުގައި ޙަރަކާތްތެރިވާ އެމެރިކާގެ ސިފައިންނާއި ހަތިޔާރާއި އަސްކަރީ އުޅަނދުތަކުގެ ތެރެއިން 50 އިންސައްތަވަނީ އަފްޣާނިސްތާނުން ބާލައިފައެވެ. އަދި އަފްޣާނިސްތާނުގެ އަސްކަރީ ފައުޖުތަކަށް ތަމުރީނު ދިނުމަށްކަމަށް ބުނެ ތުރުކީވިލާތުގެ 500 ސިފައިން އަފްޣާނިސްތާނުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ. އެއާއެކު އެއް ޤައުމަކަށް ނިޞްބަތްވާ އެންމެ ގިނަ ސިފައިން އަފްޣާނިސްތާނުގައި މިހާރު ޙަރަކާތްތެރިވަނީ ތުރުކީވިލާތުގެ ފަރާތުންނެވެ.