ކުޅިވަރު

ޔޫރޯ ފުޓްބޯޅަ މުބާރާތް 2020 - ގުރޫޕް ސީ


މިފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގުރޫޕް ސީއަކީވެސް ވަރަށް ވާދަވެރި ގުރޫޕެކެވެ. ބައެއް ޓީމްތަކުން ފާއިތުވެގެންދިޔަ މުބާރާތްތަކުގެ ހިތި ހަދާންތައް ފިލުވާލަން ބޭނުންވާއިރު، އަނެއް ބައި ޓީމުތަކުން ދުނިޔޭގެ ފުޓްބޯޅައިގެ ތާރީހުން ޖާގަ ހޯދުމަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގުރޫޕް ސީ ހިމެނޭ ޓީމްތަކަކީ ނެދަލޭންޑްސް، އޮސްޓްރިޔާ، ޔޫކްރެއިން އަދި ނޯތް މެސެޑޯނިއާއެވެ. ނެދަލޭންޑްސްއަށް ވަނީ އެންމެ ފަހުގެ ޔޫރޯ އަދި ވޯލްޑް ކަޕް ގެއްލިފައެވެ. 2010ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ދެވަނަ ޓީމަށް މިދެ މުބާރާތަށް ކޮލިފައިނުވެވުމުން، ގިނަ ބައެއްގެ ފާޑުކިއުން އަމާޒްވިއެވެ. ނަމަވެސް ހިއްވާރާއެކު މަސައްކަތްކޮށް، ނެދަލޭޑްސްއިންވަނީ ނޭޝަންސް ލީގުން ދެވަނަ ހޯދާފައެވެ. އަދި މިފަހަރުގެ ޔޫރޯއަށް ކޮލިފައިވުމަށް ކުޅުނު މެޗްތަކުގެ ތެރެއިން އެޓީމް ބަލިވެފައިވަނީ އެންމެ މެޗްއަކުންނެވެ. ޔޫރޯއާއި މިފަހަރު ނެދަލޭންޑްސް ކުރިމަތިލާއިރު، އެޓީމަށް އެންމެ ބޮޑު މަސައްލައަކަށް ދިމާވެފައިވަނީ އެއް ފެންވަރެއްގައި ކުޅުން ނުހިފެހެއްޓުމެވެ. ފާއިތުވެގެންދިޔަ 4 އަހަރު ދުވަހުގެ ތެރޭގައި ނެދަލޭންޑްސްއިން ވަނީ އިންގްލެންޑް، ފްރާންސް އަދި ޖަރުމަން ބަލިކޮށްފައެވެ. ނަމަވެސް މީގެ މަހެއް ހާދުވަސްކުރިން އެޓީމު ވަނީ ތުރުކީ އަތުން 4 ލަނޑު 2 ލަނޑުން ބަލިވެފައެވެ. ނިމިގެންދިޔަ 7 އަހަރު ދުވަހުގެ ތެރޭގައި ނެދަލޭންޑްސް ޓީމަށް ވަނީ ފަސް ކޯޗުން އިރުޝާދު ދީފައެވެ. އަދި އެޓީމުގެ ކުރީގެ ތަރިންކަމަށްވާ އާރިޔަން ރޮބެން އަދި ރޮބިން ވެންޕާސީގެ ބަދަލުގައި އެފެންވަރުގެ އެހެން ކުޅުންތެރިއެއް ވަނީ ހޯދޭގޮތް ނުވެފައެވެ. ނަމަވެސް ޒުވާން ކުޅުންތެރިންގެ ތެރެއިން ފްރޭންކީ ޑިޖޮގް އަދި ޑި ލައިޓް ފަދަ ކުޅުންތެރިންނާއެކު މިފަހަރުގެ ޔޫރޯގައި ރަގަނޅު ކާމިޔާބީއެއް ނެދަލޭންޑްސް އަށް ހޯދޭނެކަމަށް ބެލެވެއެވެ.


އެންމެ ފަހުގެ ޔޫރޯގައި އޮސްޓްރިއާގެ ފަރާތުން ފެނުނު ދަށް ކުޅުމުގެ ސަބަބުން ގިނަ ބައެއް މާޔޫސްވެގެން ދިޔަނަމަވެސް މިފަހަރުގެ މުބާރާތުގައި އޮސްޓްރީއާއަށް ރަގަނޅު ނަތިޖާތަކެއް ހޯދިދާނެއެވެ. ގުރޫޕް ސީގައި ހިމެނޭ އިޓަލީ ފިޔަވާ ޔޫކްރެއިން އަދި ނޯތް މެސެޑޯނިއާއަކީ އެއް ފެންވަރެއްގެ ޓީމްތަކެކެވެ. މުބާރާތުގައި އޮސްޓްރިއާގެ ފުރަތަމަ މެޗްގައި މިމަހުގެ 13ވަނަ ދުވަހު ނޯތް މެސެޑޯނިއާއާއި ދެކޮޅަށް ނިކުންނައިރު، އެޓީމުން ވަނީ ދެ ފަހަރެއްގެ މަތިން ނޯތް މެސަޑޯނިއާ ބަލިކޮށްފައެވެ. ގުރޫޕްގެ ޓީމްތައް އޮތް ގޮތުން އީޓަލީގެ ފަހަތުން ދެވަނަ ބުރަށް ދިއުމަށް އޮސްޓްރިޔާއަށް ފުރުސަތު އެބައޮތެވެ. މިފަހަރު އޮސްޓްރިއާއިން އެކުލަވާލި ޓީމުގައި ގިނައީ ޖަރުމަންގެ ބުންޑަސް ލީގުގައި ކުޅޭ ކުޅުންތެރިންނެވެ.


މިފަހަރުގެ ޔޫރޯއަށް ޔޫކްރެއިން ނުކުންނަނީ އެގައުމުގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް، މުބާރާތުގެ ދެވަނަ ބުރުން ޖާގަ ހޯދުމުގެ އަޒުމްގައެވެ. ފުޓްބޯޅައިގައި ޔޫކްރެއިންގެ އެންމެ މަޝްހޫރު ކުޅުންތެރިޔާ އެންތްރޭ ޝެވެޗެންކޯގެ ކޯޗުކަމުގެ ދަށުން 2018ވަނަ އަހަރު ރަޝިޔާގައި ބޭއްވި ވޯލްޑްކަޕަށް އެޓީމް ކޮލިފައި ނުވުމާއި ގުޅިގެން ގިނަ ބައެއްގެ ފާޑުކިއުން ޝެވެޗެންކޯއަށް ކުރިމަތިވިނަމަވެސް، އޭނާވަނީ ސަޕްރައިޒިން ޓީމަކަށް ޔޫކްރެއިން ބަދަލްކޮށްލާ، ޔޫރޯއަށް ކޮލިފައިކޮށްދީފައެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި 7 ލަނޑު 1 ލަނޑުން ފްރާންސްއަތުން ބަލިވުމާއި ގުޅިގެން މާޔޫސްކަމެއް ޓީމަށް ގެނުވިނަމަވެސް، ޔޫކްރެއިނުންވަނީ ނޭޝަންސް ލީގުގައި ސްޕެއިން ބަލިކޮށް އުއްމީދު އާކޮށްފައެވެ.


މިއީ ނޯތް މެސަޑޯނިޔާއަށް ވަރަށް ހާއްސަ މުބާރާތެކެވެ. މިއީ އެގައުމުން ފުޓްބޯޅައިގެ ބޮޑު މުބާރާތަކަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ. 1991ވަނަ އަހަރު ޔޫގޮސްލާވިޔާގެ ދަށުން މިނިވަންކަން ހޯދި ނޯތް މެސަޑޯނިޔާއަށް މިފަހަރުގެ ޔޫރޯއިން ޖާގަ ލިބިފައިވަނީ ކޮލިފައިންގެ ފަހު މެޗްގައި 1 ލަނޑު 0 ލަނޑުން ޖޯޖިޔާ ބަލިކޮށްގެންނެވެ. ފުޓްބޯޅައިގައި ނޯތް މެސަޑޯނިޔާއަށް ކާމިޔާބީއެއް ނުލިބުނު ނަމަވެސް އެގައުމަކީ ހޭންޑް ބޯޅައިގައި ވަރަށް ފާހަގަކޮށްލެވޭ ގައުމެކެވެ. 2017، 2018 އަދި 2019ވަނަ އަހަރު ނޯތް މެސަޑޯނިޔާއިންވަނީ ދުނިޔޭގެ ހޭންޑްބޯޅައިގެ ޗެންޕިއަންކަން ހޯދާފައެވެ. ވޯލްޑް ކަޕް ކޮލިފައިންގައި ވެސް އެޓީމުން އަންނަނީ ރަގަނޅު ނަތީޖާތަކެއް ނެރެމުންނެވެ. އެގޮތުން ކޮލިފައިން މެޗަކުން ބަލިނުވެ 35 މެޗް ހަމަކޮށްފައިވާ ޖަރުމަންގެ ބަލިނުވުމުގެ ސިލްސިލާއަށް ނިމުމެއް ގެނެސްފައިވަނީ ނޯތް މެސަޑޯނިޔާއިންނެވެ. އެޓީމުން ވަނީ މާޗް މަހުގެ ތެރޭގައި ޖަރުމަން 2 ލަނޑު 1 ލަނޑުން ބަލިކޮށްފައެވެ. ނޯތް މެސަޑޯނިޔާއިން މުބާރާތުގެ ފުރަތަމަ މެޗްގައި ނިކުންނާނީ މިމަހުގެ 13 ވަނަ ދުވަހު އޮސްޓްރިޔާއާއި ދެކޮޅަށެވެ.