ޚަބަރު

ކޯޓުގައި އުފުލި ދަޢުވާތަކަށް އެލް ޗަޕޯގެ އަންހެނުން އިޢްތިރާފުވެއްޖެ

މަޝްހޫރު މުޖުރިމު ހޮއަކިން އެލް ޗަޕޯ ގުޒުމާނުގެ އަންހެނުން އެންމަ ކޮރޮނެލް އެއިސްޕުރޯގެ މައްޗަށް އެމެރިކާގެ ކޯޓެއްގައި އުފުލި ގިނަ ދަޢުވާތަކަކަށް އޭނާ އިޣްތިރާފުވެއްޖެއެވެ.

އެމެރިކާގެ ވެރިރަށް ވޮޝިންޓަނުގެ ކޯޓެއްގައި 31 އަހަރުގެ އެންމަގެ މައްޗަށް އުފުލި ދަޢުވާތަކުގެ ތެރޭގައި އެތައް ސަތޭކަ ކިލޯއެއްގެ މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި މަސްތުވާތަކެތީގެ ވިޔަފާރީގައި އޭނާގެ ފިރިމީހާ އެލް ޗަޕޯއަށް އެހީތެރިވުމާއި އޭނާ ޖަލުން ފިލުވުމުގައި އެހީތެރިކަަން ފޯރުކޮށްދިނުން ހިމެނެއެވެ. އެންމަގެ މައްޗަށް އެ ދަޢުވާތައް ސާބިތުވެއްޖެނަމަ ޢުމުރު ދުވަހުގެ ޖަލު ޙުކުމެއް އޭނާގެ މައްޗަށް ކުރުމުގެ އިތުރުން 10 މިލިޔަން އެމެރިކާ ޑޮލަރުން އޭނާ ޖޫރިމަނާކުރާނެއެވެ. އެމެރިކާގެ ވުޒާރާތަކުން އެންމަ ހައްޔަރުކޮށްފައިވަނީ މި އަހަރުގެ ފެބުރިއަރީ މަހުގެ ތެރޭގައި ވޮޝިންޓަނުންނެވެ. އޭނާއަކީ އެމެރިކާއާއި މެކްސިކޯގެ ރަށްވެހިކަން އޮންނަ ކުރީގެ ރީތީގެ ރާނީއެކެވެ.

މެކްސިކޯއަށް އުފަން 63 އަހަރުގެ އެލް ޗަޕޯއަކީ ދުނިޔޭގައި އެންމެ ފުޅައި ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރި އެކަކެވެ. 2019ވަނަ އަހަރުގެ ތެރޭގައި އެލް ޗަޕޯއާ ދެކޮޅަށް ކުރި ޝަރީޢަތުގެ އަޑުއެހުންތަކުގައި އޭނާ ހިންގާފައިވާ ފިތްކަނޑައިގެންދާފަދަ ޖަރީމާތަކުގެ މަޢުލޫމާތުވަނީ ޢާންމުވެފައެވެ. އެލް ޗަޕޯގެ މައްޗަށް ކުރި ޢުމުރު ދުވަހުގެ ޖަލު ޙުކުމު އޭނާ ތަންފިޒުކުރަމުން ދަނީ އެމެރިކާގެ ކޮލޮރާޑޯގެ ޖަލެއްގައެވެ.