ޚަބަރު

ހޫނު މޫސުމާ ދިމާކޮށް ފަރަންސޭސިވިލާތާއި ބެލްޖިޔަމުގެ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ލުއިތަކެއް


ކޯވިޑް-19ން ރައްކާތެރިވުމަށް ފަރަންސޭސިވިލާތާއި ބެލްޖިޔަމުގައި އަޅާފައިވާ ފިޔަވަޅުތަކަށް ހޫނު މޫސުމާ ދިމާކޮށް ލުއިތަކެއް ދީފިއެވެ.

ފަރަންސޭސިވިލާތުން ދިން ލުއިތަކުގެ ދަށުން 7 މަސް ދުވަހަށްފަހު އެ ޤައުމުގެ ރެސްޓޯރަންޓުތަކާއި ކެފޭތަކާއި ޖިމުތަކާއި ޕޫލުތައް އަލުންވަނީ ހުޅުވައިފައެވެ. އަދި އެ ތަންތަނުގެ ޖާގައިގެ 50 އިންސައްތައަށް އެ ތަންތަނުގެ އެތެރޭގައި ޚިދުމަތް ހޯދޭނެއެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތަކާއެކު ބޭނުންކުރުމުގެ ޙުއްދަ މިދިޔަ މަހުގެ ތެރޭގައި ދީފައިވާ ޢާންމު ޓެރެސްތައްވެސް އެ ފިޔަވަޅުތަކާ ނުލައި ދެން ބޭނުންކުރެވޭނެއެވެ.

އޭގެ އިތުރުން ފަރަންސޭސިވިލާތުގައި ރޭގަނޑުގެ ވަގުތުތަކުގައި އިޢުލާނުކޮށްފައިވާ ކާފިޔު ފެށޭ ވަގުތުވެސްވަނީ ލަސްކޮށްފައެވެ. މީގެ ކުރިން ރޭގަނޑު 9 ޖަހާއިރު ކާފިޔު ފެށުނު ނަމަވެސް ދެން ކާފިޔު ފެށޭނީ 11 ޖަހާއިރެވެ. ބަލިޖެހޭ މީހުންގެ ޢަދަދު ދަށަށްދާނަމަ ޖޫން މަހުގެ 30ވަނަ ދުވަހު ކާފިޔު އެއްކޮށް އުވާލުން އެކަށީގެންވެއެވެ.

ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ޤައުމުތަކާއި އޮސްޓުރޭލިޔައާއި އިސްރާއީލާއި ލުބުނާނާއި ދެކުނު ކޮރެޔާ ހިމެނޭގޮތަށް ބައެއް އެހެން ޤައުމުތަކުން ދަތުރުކުރާ މީހުންގެ ތެރެއިން ވިލާތުގެ އިއްތިޙާދުން ޙުއްދަދީފައިވާ ކޯވިޑް-19 ވެކްސިން ފުރިހަމަކޮށްފައިވާ މީހުންނަށް ޕީސީއާރު ޓެސްޓު ނުހަދާ ފަރަންސޭސިވިލާތަށް އެތެރެވެވޭނެއެވެ. ވެކްސިން ފުރިހަމަކުރި ނަމަވެސް އެނޫން އެހެން ޤައުމުތަކުން ދަތުރުކުރާ މީހުން ނެގެޓިވް ޓެސްޓެއް ހުށަހަޅަން ޖެހޭނެއެވެ. ނަމަވެސް ފަރަންސޭސިވިލާތަށް ދަތުރުކުރަން ބޭނުންވާ މުހިންމު ސަބަބެއް ބަޔާން ނުކޮށް އެ މީހުންނަށްވެސް އެ ޤައުމަށް އެތެރެވެވޭނެއެވެ. ޖުލައި މަހުގެ ކުރީކޮޅު ވިލާތުގެ އިއްތިޙާދުން ދޫކުރާ ގުރީން ޕާސް ބޭނުންކުރަން ފެށުމުން އެ ޤަވާއިދުތަކަށް ނިމުމެއް އަންނާނެއެވެ.

ބެލްޖިޔަމުގައި ދޭން ނިންމި ލުއިތަކުގެ ތެރޭގައި ކެފޭތަކާއި ރެސްޓޯރަންޓުތައް އަލުން ހުޅުވުމުގެ ޙުއްދަ ދިނުން ހިމެނެއެވެ. އެގޮތުން ރެސްޓޯރަންޓުތަކުގެ އެތެރޭގައި ހުންނަ މޭޒުތަކުގައި އެއްފަހަރާ ހަތަރު މީހުންނަށް ތިބެވޭނެއެވެ. އަދި ތަނުގެ ޖާގައިގެ 75 އިންސައްތައަށްވުރެ އިތުރު ނުވާގޮތަށް ނުވަތަ 200 މީހުންނަށްވުރެ އިތުރު ނުވާގޮތަށް އެތެރޭގެ މާޙައުލުތަކުގައި އެއްވުންތައް ބޭއްވުމުގެ ޙުއްދަވަނީ ދީފައެވެ. އޭގެ އިތުރުން އެހެން ގޭބިސީތަކަށް ޒިޔާރަތްކުރުމުގެ ޙުއްދަވެސްވަނީ ދީފައެވެ.