ޚަބަރު

އިތިއޯޕިޔާގެ ޑޭމުގެ މައްސަލާގައި އުފެއްދުންތެރި މަޝްވަރާތަކެއް ކުރުމަށް ގޮވާލައިފި


ބުލޫ ނައިލް ކޯރުގައި ތަރައްޤީކޮށްފައިވާ ގުރާންޑު އިތިއޯޕިޔަން ރެނައިސާންސް ޑޭމުގެ މައްސަލާގައި އުފެއްދުންތެރި މަޝްވަރާތަކެއް ކުރުމަށް އިތިއޯޕިއާއަށް ބާރުއެޅުމަށް ސޫދާނާއި މިޞްރުން އެއްބަސްވެއްޖެއެވެ.

އިތިއޯޕިޔާއަށް ބޭނުންވާ އިޤްތިޞާދީ ތަރައްޤީއާއި ހަކަތަ އުފެއްދުމުގެ އުންމީދުތައް ގުޅިފައިވަނީ ބުލޫ ނައިލް ކޯރުގައި ތަރައްޤީކޮށްފައިވާ ގުރާންޑު އިތިއޯޕިޔަން ރެނައިސާންސް ޑޭމާއެވެ. ނަމަވެސް އެ ޑޭމުގެ ސަބަބުން ނީލަ ކޯރަށް ނޭދެވޭ އަސަރުތަކެއް ކުރާނެކަމަށް މިޞްރުން ބުނެއެވެ. ކޯރުގެ ޒަރިއްޔާއިން ސޫދާނަށް ލިބޭ ފެނަށް އަސަރުކުރާނެކަމުގެ ކަންބޮޑުވުންތަކެއް އެ ޤައުމުންވެސްވަނީ ޙިއްޞާކޮށްފައެވެ. އިތިއޯޕިޔާއިން އެހެން ޤައުމެއްގެ ފެން ބޭނުންކުރަމުންދާކަމަށް އެ ދެ ޤައުމުންވެސް ތުހުމަތުކުރެއެވެ. އެފްރިކަން ޔޫނިޔަންގެ އެހީތެރިކަމާއެކު ގުރާންޑު އިތިއޯޕިޔަން ރެނައިސާންސް ޑޭމާ ގުޅޭގޮތުން ތިން ޤައުމުގެ މެދުގައި މަޝްވަރާތަކެއް ކޮށްފައިވެއެވެ. ނަމަވެސް އެ މަޝްވަރާތަކުން ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.

ސޫދާނާއި މިޞްރުގެ ޚާރިޖީ ވަޒީރުންނާއި އިރިގޭޝަން ވަޒީރުންވަނީ އެ މައްސަލާގައި ޚިޔާލު ބަދަލުކޮށްފައެވެ. އެ ދެ ޤައުމުގެ އިސްވެރިންވަނީ ޑޭމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ސޫދާނަށް ބާރުއެޅުމަށް އެއްބަސްވެފައެވެ. އެ ދެ ޤައުމުންވެސް ބުނާ ގޮތުގައި އެފްރިކަން ޔޫނިއަނުން އިސްވެ ކުރި މަޝްވަރާތަކުގައި ކުރިއެރުމެއް ނުލިބުނީ އިތިއޯޕިޔާއިން ގޮތް ދޫނުކުރުމުންނެވެ.

ވިއްސާރަ މޫސުމުގައި ގުރާންޑު އިތިއޯޕިޔަން ރެނައިސާންސް ޑޭމު ފުރުމުގެ ދެވަނަ މަރުޙަލާ ފުރިހަމަ ކުރާނެކަމަށް އިތިއޯޕިޔާއިންވަނީ ބުނެފައެވެ. މިޞްރާއި ސޫދާނުންވަނީ އެކަމަށް ދެކޮޅު ހަދައިފައެވެ. އެ ދެ ޤައުމުންވަނީ ޑޭމު ގުޅިފައިވާ އެހެން ޤައުމުތަކަށް ގެއްލުން ލިބި އެ ނިންމުންތަކަށް ބަދަލުގެންނަން ފުރުޞަތު ނުލިބޭގޮތަށް ސިޔާސަތުތައް ކަނޑައެޅުމުގެ ފުރުޞަތު އިތިއޯޕިޔާއަށް ނުދިނުމަށް ބައިނަލްއަޤްވާމީ ދުނިޔެއަށް ގޮވާލައިފައެވެ. އެކަމާ ގުޅޭގޮތުން އިތިއޯޕިއާއިން މިހާތަނަށް އެއްޗެއް ބުނެފައެއް ނުވެއެވެ. ޑޭމުގެ މައްސަލަ ޙައްލުކުރުމުގައި އެފްރިކަން ޔޫނިޔަން ނޫން ފަރާތެއް ބައިވެރިކުރުމަށް އެ ޤައުމުން ބޭނުމެއް ނުވެއެވެ.