ޚަބަރު

ބައިޑަންގެ ފުރަތަމަ ރަސްމީ ދަތުރުފުޅު ވިލާތަށް، އެލިޒަބެތު އަދި ޕުޓިންނާ ބައްދަލުކުރައްވާނެ


ވިލާތާއެކު އޮންނަ ގުޅުން ހަރުދަނާކޮށް ބަދަހިކުރުމަށް އެމެރިކާގެ ރައީސް ޤައުމުން ބޭރަށް ކުރައްވައި ފުރަތަމަ ދަތުރުފުޅުގައި އިނގިރޭސިވިލާތަށް ވަޑައިގެންފިއެވެ.

8 ދުވަހުގެ ދަތުރުފުޅުގައި ބައިޑަން އެންމެ ބޮޑަށް މަސައްކަތް ކުރައްވާނީ ކުރީ ސަރުކާރުގެ ޢަމަލުތަކާއި ސިޔާސަތުތަކުގެ ސަބަބުން ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރެއްވުމަށެވެ. އެގޮތުން ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕު ގެންގުޅުއްވި ޓެކްސް ނެގުމުގެ ސިޔާސަތުތަކާއި މުހިންމު އެއްބަސްވުންތަކުން ވަކިވުމުގެ ސަބަބުން ހިތްހަމަނުޖެހުނު ވިލާތުގެ ބޮޑެތި ބާރުތަކާ ގުޅުން ބަދަހިކުރައްވައި މަޝްރަޙް ފިނިކުރެއްވުމަށް ބައިޑަން މަސައްކަތްކުރައްވާނެއެވެ.

އިނގިރޭސިވިލާތަށް ވަޑައިގެންނެވުމުގެ ކުރިން ބައިޑަން ވިދާޅުވީ އެންމެ ބޮޑު އިސްކަމެއް ދެއްވާނީ އެމެރިކާއާއި ވިލާތުގެ ބާރުތައް އަދިވެސް އޮތީ ބަދަހިކަމާއެކުކަން ރަޝިޔާއާއި ޗައިނާއަށް ދެއްކެވުމަށްކަމަށެވެ. ބައިޑަންގެ ދަތުރުފުޅުގެ ތެރޭގައި ސުވިޓުޒަލެންޑުގެ ޖެނީވާގައި ރަޝިޔާގެ ރައީސް ވުލަޑުމީރު ޕުޓިންނާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން މި މަހުގެ 16ވަނަ ދުވަހު ޕުޓިންނާ ބައްދަލުކުރައްވައި އެމެރިކާގެ ކަންބޮޑުވުންތައް ޙިއްޞާކުރައްވާނެކަމަށް ބެލެވެއެވެ. އޭގެ ތެރޭގައި އިންޓަނެޓު މެދުވެރިކޮށް ދެމުންދާ ޙަމަލާތަކާއި ޔޫކްރެއިންނާ ދެކޮޅަށް ގެންގުޅޭ ސިޔާސަތުތަކަށް ބައިޑަން އަލިއަޅުއްވާލައްވާނެކަމަށް ބެލެވެއެވެ.

ވިލާތަށް ކުރައްވައި ދަތުރުފުޅުގެ ތެރެއިން އެންމެ ފުރަތަމަ ކަމަކަށް ބައިޑަން ބައިވެރިވަޑައިގަންނަވާނީ އިނގިރޭސިވިލާތުގެ ކޯންވޯލުގައި ބާއްވައި ޖީ7ގެ އެންމެ އިސްވެރިންގެ ބައްދަލުވުމުގައެވެ. އެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ ކަންކަމުގެ ތެރޭގައި ކޯވިޑް-19އަށް ވެކްސިން ދިނުމާއި ވިޔަފާރިއާއި މޫސުމަށް އަންނަ ބަދަލުތަކާއި ތަރައްޤީވަމުން އަންނަ ޤައުމުތަކުގައި ޢުމުރާނީ ވަޞީލަތްތައް ބިނާކުރުމާއި ދުނިޔޭގައި ފެތުރެމުންދާ ޗައިނާގެ ނުފޫޒު ކުޑަކުރުން ހިމެނޭނެއެވެ.

އިނގިރޭސިވިލާތުގައި ބައިޑަން ހޭދަކުރައްވައި މުއްދަތުގެ ތެރޭގައި އެ ޤައުމުގެ ބޮޑުވަޒީރު ބޮރިސް ޖޮންސަންގެ އިތުރުން 39 އަހަރަށްފަހު ރާނީ އެލިޒަބެތާ ބައްދަލުކުރެއްވުމަށްވަނީ ހަމަޖެހިފައެވެ. އެއަށްފަހު ބެލްޖިޔަމުގެ ބުރަސަލްސަށް ވަޑައިގެން ވިލާތުގެ އިއްތިޙާދާއި ނޭޓޯގެ އިސްވެރިންނާ ބައިޑަން ބައްދަލުކުރައްވާނެއެވެ. އެ ބައްދަލުވުންތަކުގައި ވިލާތުގެ ޤައުމުތައް ގުޅިގެން ރަޝިޔާއާއި ޗައިނާއާ ކުރިމަތިލުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެކަމަށް ބެލެވެއެވެ. ޕުޓިންނާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވަނީ ދަތުރުފުޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި ސުވިޓުޒަލެންޑުގެ ޖެނީވާއަށް ބައިޑަން ވަޑައިގެންނެވުމަށްފަހުއެވެ.