ޚަބަރު

އިންސާނީ ވަގުފާރީގެ އުކުޅަކަށް ޓިކް ޓޮކް


މީސްމީޑިޔާގެ މަޝްހޫރު އެޕެއްކަމަށްވާ ޓިކް ޓޮކް ބޭނުންކޮށްގެން އިންސާނީ ވަގުފާރީގެ މުޢާމަލާތްތަކެއް ހިންގި 11 މީހުން ބަންގްލަދޭޝުގެ ފުލުހުން ހައްޔަރުކޮށްފިއެވެ.

ބަންގްލަދޭޝުގެ ފުލުހުން ބުނެފައިވަނީ ރާފިޒުލް އިސްލާމު ރިޑޮޔީ ނަމަކަށް ކިޔައި މީހަކު ޓިކް ޓޮކް ބޭނުންކޮށްގެން ޒުވާން އަންހެން ކުދިންނަށް އޮޅުވާލައިގެން އިންޑިޔާގެ ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިކޮށްފައިވާކަމަށެވެ. ޓިކް ޓޮކް ރޮޑޮޔީގެ ނަމުން މަޝްހޫރުކަން ހޯދާފައިވާ އެ މީހާވަނީ މޮޑެލް ކުރުމުގެ ދާޢިރާއިން ފުރުޞަތު ހޯދާދޭނެކަމަށް ބުނެ ގިނަ އަންހެން ކުދިންތަކަކަށް އޮޅުވާލާފައިވާކަމަށް ބަންގްލަދޭޝުގެ ފުލުހުން ބުނެއެވެ. އެގޮތުން ރިޑޮޔީވަނީ ގިނަ ޢަދަދެއްގެ އަންހެން ކުދިން އިންޑިޔާގެ ދެކުނުގެ ސަރަޙައްދުތަކަށް ފޮނުވާފައި ހަށިވިއްކުމުގެ ވިޔަފާރީގައި ބައިވެރިކޮށްފައިކަމަށް ބަންގްލަދޭޝުގެ ފުލުހުން ބުނެއެވެ. ހައްޔަރުކޮށްފައިވާ 11 މީހުންގެ ތެރެއިން 9 މީހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝުންކަމަށާއި އަނެއް 2 މީހުން ހައްޔަރުކޮށްފައިވަނީ އިންޑިޔާގެ ބެންގަލޫރުންކަމަށްވެސް ބަންގްލަދޭޝުގެ ފުލުހުން ބުނެފައިވެއެވެ.

އިންސާނީ ވަގުފާރީގެ މުޢާމަލާތަކެއް ހިންގާކަމުގެ ތުޙްމަތުގައި މީގެ ދުވަސްކޮޅެއް ކުރިން ބަންގްލަދޭޝުގެ ހުޅަނގުދެކުނު ސަރަޙައްދީ ރޮނގު ކައިރިން 2 މީހަކުވަނީ ހައްޔަރުކޮށްފައެވެ. ޢުމުރުން 17 އަހަރާއި 22 އަހަރާ ދެމެދުގެ 1،000އަށްވުރެ ގިނަ ކުދިން އިންސާނީ ވަގުފާރީގެ މުޢާމަލާތަކުގައި ބޭނުންކޮށްފައިވާކަން އެ މީހުންވަނީ އިޢްތިރާފުވެއެވެ. ބަންގްލަދޭޝުގައި ޙަރަކާތްތެރިވާ އިންސާނީ ވަގުފާރީގެ ބޮޑު ނެޓުވޯކެއް އަތުލައިގެންފައިވަނީ މިދިޔަ މެއި މަހުގެ ތެރޭގައި އަންހެނަކަށް ޖިންސީ ގޯނާކުރާ ވީޑިޔޯއެއް އެ ޤައުމުގައި ދަޢުރުވުމުން ފުލުހުން ފެށި ތަޙްޤީޤުތަކުގެ ދަށުންނެވެ.

2019ވަނަ އަހަރުން ފެށިގެން ބަންގްލަދޭޝުގައި ޓިކް ޓޮކް ބޭނުންކުރާ މީހުންގެ ޢަދަދުވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. އެކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ފަޤީރު ޢާއިލާތަކަށް ނިޞްބަތްވާ އަންހެން ކުދިންނަށް އޮޅުވާލައިގެން އިންސާނީ ވަގުފާރީގެ މުޢާމަލާތަކުގައި އެ ކުދިން ބޭނުންކުރުންވަނީ ޢާންމުވެފައެވެ. އެ ގޮތުން މުއްސަނދިކަމާއި މަޝްހޫރުކަމުގެ ދަޅަދައްކައިގެން އެ ކުދިން ބޭނުންކޮށްފައިވަނީ ހަށިވިއްކުމުގެ ވިޔަފާރީގެ ތެރޭގައެވެ.