ޚަބަރު

ނިޔުކްލިޔަރ އެއްބަސްވުން ރުޖޫޢަކުރެވޭނީ އައިއޭއީއޭގެ އެއްބަސްވުން ދަމަހައްޓައިގެން: އެމެރިކާ


އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތައް ބަލައި ފާސްކުރުމަށް އދގެ ނިޔުކްލިޔަރ ހަކަތަޔާބެހޭ އިދާރާ، އައިއޭއީއޭއިން ޤާއިމުކޮށްފައިވާ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް އެމެރިކާއިން އީރާނަށް ގޮވާލައިފިއެވެ.

2015ވަނަ އަހަރުގެ ތެރޭގައި ދުނިޔޭގެ ބާރުތަކާއެކު އީރާނުން ވެފައިވާ އެއްބަސްވުމުގެ ދަށުން އީރާނުގެ ނިޔުކްލިޔަރ މަސައްކަތްތައް މަދުކުރުމުގެ ބަދަލެއްގެ ގޮތުގައި އެ ޤައުމާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލުމަށްވަނީ އެއްބަސްވެފައެވެ. އެއްބަސްވުމުގައި އެމެރިކާއާއި އިނގިރޭސިވިލާތާއި ރަޝިޔާއާއި ޖަރުމަނުވިލާތާއި ފަރަންސޭސިވިލާތާއި ވިލާތުގެ އިއްތިޙާދާއި ޗައިނާއިން ބައިވެރިވެފައިވެއެވެ. ނަމަވެސް 2018ވަނަ އަހަރުގެ ތެރޭގައި އެމެރިކާއިންވަނީ އެއްބަސްވުމުން ވަކިވެ އީރާނާ ދެކޮޅަށް ދަތިކުރުމުގެ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އޭގެ ސަބަބުން އީރާނުންވަނީ އެއްބަސްވުމާ ޚިލާފަށް ބައެއް ކަންތައްތައް ކުރަން ފަށައިފައެވެ.

އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތަކުގެ ކެމެރާތަކުން ފެންނަ މަންޒަރުތައް އައިއޭއީއޭއާ ޙިއްޞާކުރުމުގެ އެއްބަސްވުމެއް ޤާއިމުކޮށްފައިވަނީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެފަދަ އެއްބަސްވުމެއް ޤާއިމުކުރީ އައިއޭއީއޭއަށް އީރާނުން ދެމުންދިޔަ އެއްބާރުލުން ކުޑަވުމުގެ ސަބަބުންނެވެ. އީރާނުގެ ނިޔުކްލިޔަރ މަރުކަޒުތަކުގައި ހަރުކޮށްފައިވާ ކެމެރާތަކުން ނަގައި ފޮޓޯތައް ތިން މަސް ދުވަހުގެ މުއްދަތަށް އައިއޭއީއޭއާ ޙިއްޞާކުރުމަށް ވެފައިވާ އެއްބަސްވުން މެއި މަހުގެ 22ވަނަ ދުވަހު ނިމުމަކަށް އައުމުން ޖޫން މަހުގެ 24 ވަނަ ދުވަހާ ހަމައަށް އެ އެއްބަސްވުމުގެ މުއްދަތުވަނީ އިތުރުކޮށްފައެވެ.

އެމެރިކާއިން ބުނީ އެއްބަސްވުމާ އެއްގޮތަށް ނިޔުކްލިޔަރ މަރުކަޒުތަކުގެ މަޢުލޫމާތު އައިއޭއީއޭއާ ޙިއްޞާނުކުރާނަމަ ނިޔުކްލިޔަރ އެއްބަސްވުމާ އެއްގޮތަށް ޢަމަލުކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއެޅޭނެކަމަށެވެ. އެހެންކަމުން އެ މަސައްކަތްތަކަށް ހުރަސްއެޅޭ އެއްވެސް ޢަމަލެއް އީރާނުން ނުކުރުމަށް އެ ޤައުމަށް ބާރުއަޅާކަމަށް އެމެރިކާއިން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.