ކުޅިވަރު

ސަޕޯޓަރުން ބޭނުންވާ ކަހަލަ ނަތީޖާއެއް ނެރެވޭތޯ ކުޅުންތެރިން މަސައްކަތްކުރޭ: އައިސަމް


ސަޕޯޓަރުން ބޭނުންވާ ކަހަލަ ނަތީޖާއެއް ނެރެވޭތޯ ހުރިހާ ކުޅުންތެރިން ވެސް ބުރަކޮށް މަސައްކަތްކުރަމުން އަންނަކަމަށް ޤައުމީ ޓީމުގެ މިޑްފިލްޑަރ އިބްރާހީމް އައިސަމް ބުނެފިއެވެ.

ވަރލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ދިވެހި ޓީމަށް ބާކީ ދެ މެޗު އެބައޮތެވެ. އެއީ އަންނަ ހުކުރުދުވަހުގެ ރޭ ޗައިނާއާއި ދެކޮޅަށް ކުޅޭ މެޗާއި، އަންނަ ހަފްތާގެ އަންގާރަ ދުވަހުރޭ ފިލިޕީންސާއި ދެކޮޅަށް ކުޅޭ މެޗެވެ. މި ދެ މެޗަށްވެސް ޤައުމީ ޓީމުން އަންނަނީ ބުރަކޮށް މަސައްކަތްކޮށް ތައްޔާރުވަމުންނެވެ.

ޤައުމީ ޓީމްގެ މިޑްފިލްޑަރ އިބްރާހިމް އައިސަމް ބުނީ ހުރިހާ ކުޅުންތެރިންވެސް އަންނަނީ ކުރިއަށް އޮތް މެޗުތަކަށް ބުރަކޮށް މަސައްކަތްކުރަމުންކަމަށާއި، ސަޕޯޓަރުން ބޭނުންވާ ކަހަލަ ނަތީޖާއެއް ނެރެވޭނެކަމަށް އުއްމީދުކުރާކަމަށެވެ.

ސީރިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި އައިސަމް ކުޅެފައިވަނީ ވާތްފަޅިން ފަހަތަށެވެ. އާންމުކޮށް މިޑްފިލްޑަރަކަށް ކުޅޭ އައިސަމް ޑިފެންސަށް މި މެޗުގައި ކުޅެން ޖެހުނީ އާންމުކޮށް އެ މަގާމަށް ކުޅޭ އައިސަމް ހަސަންއަށް ދެ ކާޑު ހަމަވެ އެ މެޗުގައި ނުކުޅެވުމުންނެވެ. މި މެޗުގައި ދެއްކުނު ކުޅުމާއި ގުޅޭގޮތުން އައިސަމް ބުނީ އެވަގުތު ޓީމަށް އޭނާގެ ބޭނުން ޖެހިފައިއޮތީ ޑިފެންސް ލައިނަށްކަމަށާއި، ކޮންމެ ގޮތަކަށްވެސް ޓީމަށް އެހީތެރިވުމަކީ އޭނާގެ އަޒުމްކަމަށެވެ. އަދި މި މެޗުގައި ކޯޗު ބޭނުންވާ ވަރުގެ ކުޅުމެއް ދެއްކުނު ކަމަށް އުއްމީދުކުރާކަމަށްވެސް އޭނާ ބުންޏެވެ. އައިސަމް ބުނީ ކޮންމެ ކުޅުންތެރިއަކުވެސް ބޭނުންވަނީ ޤައުމީ ޓީމުގެ އެގާރައިގައި ކުޅެން ކަމަށާއި، އެކަމަށް ހުރިހާ ކުޅުންތެރިން ވެސް މަސައްކަތްކުރަމުން އަންނަކަމަށެވެ.

"ފުރަތަމަ މެޗުގައި އެ ކުޅުނީ އަސްލު ކުޅޭ ތަނަކަށްނޫން. ކޯޗު ބުނީމަ އެތަނަށް ކުޅުނީ. އުއްމީދުކުރަން ކޯޗު ބޭނުންވާ ވަރުގެ ކުޅުމެއް އެ މެޗުގައި ދެއްކުނުކަމަށް. އުއްމީދަކީ ކުރިއަށް ހުރި މެޗުތަކުގައި ސަޕޯޓަރުން ބޭނުންވާވަރުގެ ނަތީޖާއެއް ނެރެވޭނެކަމަށް." ޤައުމީ ޓީމުގެ މިޑްފިލްޑަރ އިބްރާހީމް އައިސަމް ބުންޏެވެ.