ޚަބަރު

މާލެ ސިޓީގެ ޑެޕިއުޓީ މޭޔަރ އިންތިޚާބުކުރުން މިމަހު 21ގައި


މާލެސިޓީގެ ޑެޕިއުޓީ މޭޔަރު އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު ބޭއްވުމަށް ނިންމާ ކައުންސިލަރުންނަށް 14 ދުވަހުގެ ނޯޓިސް ފޮނުވައިފިއެވެ.

ލޯކަލް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތްކަމަށްވާ ލޯކަލް ގަވަރުމަންޓް އޮތޯރިޓީ، އެލްޖީއޭއިން ވަނީ މިމަހުގެ 20 ވަނަ ދުވަހުގެ ކުރިން، ލޯކަލް ކައުންސިލްތަކުގެ ޑެޕިއުޓީ މޭޔަރުންނާއި ނާއިބު ރައީސުން ކަނޑައަޅައި ނިންމުމަށް ކައުންސިލްތަކަށް އަންގާފައެވެ.

އެލްޖީއޭގެ ސީއީއޯ ފާޠިމަތު އަފްޝަން ލަޠީފް ސޮއިކުރައްވައި ކައުންސިލްތަކަށް ފޮނުއްވާފައިވާ ސިޓީގައި ވަނީ، ކައުންސިލަރުން ހުވައިކުރުން އޮންނަ ތާރީޚު އިއުލާން ކުރި ދުވަހުން ފެށިގެން މިހާތަނަށް އެޗްޕީއޭގެ މިންގަނޑުތަކާއެކު ރަށްރަށަށް ވަޑައިގަތުމަށް މަސައްކަތްކުރެއްވި ބޭފުޅުންނަށް އެކަށީގެންވާ ވަގުތު ލިބިފައިވާކަމަށް އެލްޖީއޭއަށް ޤަބޫލުކުރެވޭތީ، ކައުންސިލްތަކުގެ ނައިބު ރައީސުންނާއި ޑެޕިއުޓީ މޭޔަރުގެ އިންތިޙާބު އޮންނަދުވަސް ކަނޑައަޅައި އެބޭފުޅުންނަށް 14 ދުވަހުގެ ނޯޓިސްއެއް ދެއްވުމަށްފަހު، މިމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެޗްޕީއޭގެ މިންގަނޑުތަކަށް ރިއާޔަތްކޮށް އެކަން ނިންމެވުމަށް އަންގާކަމަށެވެ.

މާލެ ސިޓީ ކައުންސިލުން މިދިޔަ އާދީއްތަ ދުވަހު 14 ދުވަހުގެ ނޯޓިސް ދިނުމަށްފަހު ކައުންސިލަރުންނަށް ފޮނުއްވި ސިޓީގައި ވަނީ ޑެޕިއުޓީ މޭޔަރަކު އިންތިޚާބުކުރުމަށް ބާއްވާ ޖަލްސާ މިމަހުގެ 21 ވަނަ ދުވަހު އޮންނާނެކަމަށެވެ. ޑެޕިއުޓީ މޭޔަރަކު އިންތިޚަބުކުރާނީ ކައުންސިލަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ސިޓީ ކައުންސިލްތަކުގެ ތެރެއިން މިހާތަނަށް ޑެޕިއުޓީ މޭޔަރަކު ކަނޑަނާޅައި އޮތީ މާލެ ސިޓީ ކައުންސިލް އެކަންޏެވެ. ކައުންސިލްތަކުގެ ތެރެއިން ޑެޕިއުޓީ މޭޔަރުގެ ވާދަވެރިކަން އެންމެ ބޮޑުވެފައިވަނީވެސް މާލެ ސިޓީ ކައުންސިލްގައެވެ. މާލެ ސިޓީ އެކައުންސިލްގައި މޭޔަރާއެކު ހިމެނިވަޑައިގަންނަވާ 19 މެންބަރުންގެ ތެރެއިން 12 މެންބަރުންނަކީ ޕީޕީއެމްގެ މެންބަރުންނެވެ.

ޑެޕިއުޓީ މޭޔަރުކަމަށް މިހާތަނަށް ޝަޢުގުވެރިކަން ފާޅުކޮށްފައިވަނީ ވިލިމާލެ ދާއިރާގެ ކައުންސިލް މެންބަރު ނަހުލާ އަލީ އާއި، މާފަންނު ދެކުނު ދާއިރާގެ ކައުންސިލް މެންބަރު ޢަބްދުﷲ ނާސިރާއި، ހުޅުމާލެ ދާއިރާގެ ކައުންސިލް މެންބަރު އިބްރާހީމް ޝުޖާޢުގެ އިތުރުން މާފަންނު މެދު ދާއިރާގެ ކައުންސިލް މެންބަރު އަހުމަދު ނަރީޝްއެވެ.

އޭޕްރީލް މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުން އެންމެ ގިނަ ގޮނޑި ކާމިޔާބުކުރީ ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީންނެވެ. އެމްޑީީޕީން 400 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ކާމިޔާބު ކުރީ 325 ގޮނޑިއެވެ.