މުނިފޫހިފިލުވުން

މެއަރ އޮފް އީސްޓް ޓައުން: ދެ ވަނަ ސީޒަން އެއް ފެންނާނެތަ؟


އެޗްބީއޯގެ އައު ޝޯ " މެއަރ އޮފް އީސްޓް ޓައުން" އިން އެކްޓަރ ކޭޓް ވިންސްލެޓް އަށް ވަނީ ބެލުންތެރިންގެ ބޮޑު ތަރުޙީބެއް ލިބިފައެވެ. އެކަޑަމީ އެވޯޑް ޙާޞިލްކޮށްފައިވާ ކޭޓް މި ސީރީޒް އިން ފެނިގެންދަނީ މާރޑަރ ކޭސްއެއް ޙައްލުކުރުމަށް ޕެނިންސުއޭލާގެ ކުޑަ ޓައުންއެއްގައި މަސައްކަތްކުރާ މާރޭ ޝީހާން ކިޔާ ޕޮލިސް އިންވެސްޓިގޭޓަރެއްގެ ރޯލުންނެވެ.

ސީރީޒްގައި ކޭޓް ދައްކައިދީފައިވާ ތަފާތު ހުނަރުގެ ސަބަބުން ބެލުންތެރިން މިހާރު ތިބީ މި ސީރީޒްގެ ދެވަނަ ސީޒަންއެއް ފެންނާނެ ކަމުގެ އުންމީދުގައެވެ. ކޭޓް ހުރީ ސިރީޒްގެ ދެވަނަބައެއްވެސް ކުޅޭ ހިތުން ތައްޔާރަށެވެ. އެހެންނަމަވެސް އެޗްބީއޯއިން އަދި އެކަމުގައި ގޮތެއް ނުނިންމައެވެ. ދެވަނަ ބައެއް ހަދާނެތޯ ނޫންތޯވެސް އެޗްބީއޯއަކުން އަދި މަޝްވަރާއެއް ނުކުރެއެވެ.

މިއަހަރުގެ އޭޕްރީލް މަހު އެޗްބީއޯއިން ދެއްކި ކްރައިމް ޑްރާމާ ސީރީޒް 'މެއަރ އޮފް އީސްޓް ޓައުން' އަކީ ބްރެޑް އިންގްލެސްބީ އުފައްދާފައިވާ ވާހަކައެއްގެ މައްޗަށް ބިނާކޮށް ހަދާފައިވާ ސީރީޒްއެކެވެ. ކޭޓް ވިންސްލެޓްގެ އިތުރުން މި ސީރީޒްގައި ދެން ފެނިގެންދަނީ ޖީން ސްމާރޓް، ގައި ޕާރސް، ޖޫލިއާނާ ނިކޯލްސަން، އަންގައުރީ ރައިސް، ޑޭވިޑް ޑެންމޭން، އީވާން ޕީޓާރސް، ސޯސީ ބެކޮން އަދި ޑޮގްލަސް ތޮމްސަން އެވެ. 7 އެޕިސޯޑްގެ މައްޗަށް އެކުލެވޭ މި ސީރިޒް ޑައިރެކްޓް ކޮށްފައިވަނީ ކްރެގް ޒޮބެލް އެވެ.