ޚަބަރު

ޚާއްޞަ އެޕެއް ބޭނުންކޮށްގެން ގިނަ ޢަދަދެއްގެ މުޖުރިމުން ހައްޔަރުކޮށްފި


މެސެޖުކުރުމަށް ބޭނުންކުރާ ޚާއްޞަ އެޕެއް އަޅާފައިވާ ފޯނުތަކެއް ބޭނުންކޮށްގެން ދުނިޔޭގެ އެކި ޤައުމުތަކުގައި ބޮޑެތި ކުށްކުރާ ގިނަ ޢަދަދެއްގެ މުޖުރިމުން ހައްޔަރުކޮށްފިއެވެ.

އޮސްޓުރޭލިޔާގެ ފުލުހުންނާއި އެމެރިކާގެ ޖާސޫސީ އިދާރާ، އެފްބީއައިއާ ގުޅިގެން މަސައްކަތްކޮށްފައިވަނީ ބޮޑެތި މުޖުރިމުންގެ މެދުގައި އެކިކަހަލަ ކުށްތަކާ ގުޅޭގޮތުން ކުރެވޭ މުޢާމަލާތްތައް ދެނެގަތުމަށް ޚާއްޞަ އެޕެއް އަޅާފައިވާ ފޯނުތަކެއް މުޖުރިމުންގެ މެދުގައި މަޤުބޫލު ވަޞީލަތަކަށް ހަދައިގެންނެވެ. އެ މީހުން އެ ފޯނުތައް ބޭނުންކޮށްފައިވަނީ އެއީ ރައްކާތެރި ވަޞީލަތްތަކެއްކަމަށް ޤަބޫލުކޮށްގެންނެވެ. އެއީ ފުލުހުން ޖާސޫސުކުރުމަށް ގެންގުޅޭ ފޯނުތަކެއްކަމެއް އެ މީހުންނަކަށް ނޭނގެއެވެ.

ފޯނުތައް މެދުވެރިކޮށް ބޮޑެތި ކުށްކުރާ މުޖުރިމުންގެ މެދުގައި ދެކެވެމުންދިޔަ ވާހަކަތަކާއި ބަދަލުކުރަމުންދިޔަ ފޮޓޯތައް ފުލުހުންނަށް ވަގުތުން ވަގުތަށް ފެންނަމުންދެއެވެ. އެގޮތުން ކަޅު ފައިސާ ދޮވުމާއި ޑުރަގު އެތެރެކުރުމާއި މީހުން މެރުމަށް ރާވަމުންދިޔަ ރޭވުންތަކުގެ މަޢުލޫމާތުތައް ފުލުހުންނަށްވަނީ ލިބިފައެވެ. 100އަށްވުރެ ގިނަ ޤައުމުގައި 300އަށްވުރެ ގިނަ ކުށްވެރިން އެ އެޕު އަޅާފައިވާ 12،000އަށްވުރެ ގިނަ ފޯނު ދިޔައީ ބޭނުންކުރަމުންނެވެ.

ފޯނުތައް މެދުވެރިކޮށް ހޯދި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ދުނިޔޭގެ އެކި ސަރަޙައްދުތަކުން 800އަށްވުރެ ގިނަ މީހުންވަނީ ހައްޔަރުކޮށްފައެވެ. އަދި ޑުރަގާއި ހަތިޔާރާއި އެކިކަހަލަ އަގުބޮޑެތި އުޅަނދާއި ގިނަ ޢަދަދެއްގެ ފައިސާވަނީ ފުލުހުން އަތުލައިގެންފައެވެ. އޭގެ ތެރޭގައި 8 ޓަނުގެ ކޮކެއިނާއި 250 ބަޑިއާއި 48 މިލިޔަން އެމެރިކާ ޑޮލަރު ހިމެނެއެވެ.

އެފްބީއައިގެ އިރުޝާދުގެ ދަށުން ދުނިޔޭގެ އެކި ސަރަޙައްދުތަކުގެ 9،000އަށްވުރެ ގިނަ ފުލުހުން މަސައްކަތްކޮށްފައިވެއެވެ. އެގޮތުން އޮސްޓުރޭލިޔާއިން އެކަނި 224 މުޖުރިމުން ހައްޔަރުކޮށްފައިވެއެވެ. އަދި ނިޔު ޒީލެންޑުންވެސް 35 މީހުން ހައްޔަރުކޮށްފައިވާކަމަށް އެ ޤައުމުން ބުނެފައިވެއެވެ. އޭގެ އިތުރުން ސުވީޑަނުން 70 މީހުންނާއި ނެދަލެންޑުސުން 49 މީހުން ހައްޔަރުކޮށްފައިވާކަމަށް އެ ޤައުމުތަކުން ބުނެފައިވެއެވެ. ސްވީޑަންގެ ފުލުހުން ބުނީ އެފްބީއައިގެ މަޢުލޫމާތުތަކުގެ ސަބަބުން 10 މީހުންގެ ފުރާނަ ސަލާމަތްކުރެވުނުކަމަށެވެ.