ޚަބަރު

އިންޑިޔާގައި ބުލެކު ފަންގަސް ފެތުރޭ މިންވަރު އިތުރުވަނީ


އިންޑިޔާގައި ފެތުރެމުންދާ ކޯވިޑް-19ގެ ދެވަނަ ރާޅުގެ ޙާލަތު ރަނގަޅުވަމުންދާ ދަނޑިވަޅެއްގައި އެ ޤައުމުގައި މިޔުކޮމައިކޮސިސް ނުވަތަ ބުލެކު ފަންގަސް ފެތުރޭ މިންވަރު އިތުރުވެއްޖެއެވެ.

އިންޑިޔާގައި މިހާތަނަށް 28.9 މިލިޔަން މީހުންނަށް ކޯވިޑް-19 ޖެހި 351،344 މީހުންވަނީ މަރުވެފައެވެ. މީގެ ކުރިން އެ ޤައުމުގައި ދުވާލެއްގެ މައްޗަށް 400،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނު ނަމަވެސް ދުވާލެއްގެ މައްޗަށް އެ ޤައުމުގައި ބަލިޖެހޭ މީހުންގެ ޢަދަދު މިހާރުވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. އެގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގައި ބަލިޖެހިފައިވަނީ 87،345 މީހުންނަށެވެ.

އިންޑިޔާގެ ޞިއްޙަތާބެހޭ ވަޒީރު ހަރުޝް ވަރުދަން ވިދާޅުވީ ކޯވިޑް-19 ޖެހޭ މީހުންގެ ޢަދަދު ދަށްވި ނަމަވެސް ބުލެކު ފަންގަސް ޖެހޭ މީހުންގެ ޢަދަދު އިތުރުވަމުންދާކަމަށެވެ. އެގޮތުން އެ ޤައުމުގައި މިހާތަނަށް 28،000އަށްވުރެ ގިނަ މީހުންނަށް އެ ބަލިޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އިންޑިޔާގެ 28 ސްޓޭޓަކުން ޖުމުލަ 28،252 މީހުންނަށް އެ ބަލިޖެހިފައިވާކަމަށާއި އޭގެ ތެރެއިން 86 އިންސައްތަ މީހުންނަކީ ކުރިން ކޯވިޑް-19 ޖެހިފައިވާ މީހުންކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި 62.3 އިންސައްތަ މީހުންނަކީ ހަކުރުބަލި ހުންނަ މީހުންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބުލެކު ފަންގަސް ޖެހިފައިވަނީ މަހާރަޝްތުރާ ސްޓޭޓުގައެވެ. އެ ސްޓޭޓުން ބަލިޖެހިފައިވާ 6،329 މީހުން ފެނިފައިވެއެވެ. ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ބަލިޖެހިފައިވަނީ ގުޖުރާތުގައެވެ. އެއަށްފަހު އެންމެ ގިނަ މީހުންނަށް ބަލިޖެހިފައިވަނީ މަދުޔަ ޕުރަދޭޝާއި އުއްތަރު ޕުރަދޭޝާއި ރާޖަސްތާނާއި ހަރިޔާނާއާއި ކަރުނާޓަކާއާއި ދިއްލީއާއި އަންދުރަ ޕުރަދޭޝުގައެވެ.

ހަށިގަނޑަށް ބުލެކު ފަންގަސްގެ އަސަރުކޮށްފައިވާނަމަ ނޭފަތުގެ ކުލަބަދަލުވުން ނުވަތަ ކަޅުވުމާއި ލޮލުގެ ފެނުން ނުސާފުވުމާއި މެޔަށް ތަދުވުމާއި ނޭވާލާން އުނދަގޫވުމާއި ކެއްސައި ކަރުން ލޭއައުންފަދަ އުނދަގޫތައް ދިމާވެއެވެ. އެ ބަލިޖެހިފައިވާކަމުގެ ބައެއް ޢަލާމާތްތަކުގެ ތެރޭގައި ސައިނަސް ތަދާއި ނޭފަތް ބެދުމާއި ބޮލުގެ އެއްފަޅީގައި ރިއްސުމާއި ދުޅަވުމާއި އައްސިވުމާއި ދަތުގައި ރިއްސުމާއި ދަތްހެލުން ހިމެނެއެވެ. ކޯވިޑް-19 ޖެހިފައިވާ މީހުންނާއި ހަކުރުބަލި ހުންނަ މީހުންނާއި ދިފާޢީ ނިޒާމު ރަނގަޅަށް މަސައްކަތްނުކުރާ މީހުންގެ ކިބައިން އެ ބަލި ފެންނަ މިންވަރު ވަރަށް ބޮޑަށް އިތުރެވެ.

އިންޑިޔާގައި ބުލެކު ފަންގަސްގެ އަސަރުކުރާ މީހުންގެ ޢަދަދު އެހެން ޤައުމުތަކަށްވުރެ އިތުރުކަމަށް ބައެއް ޞިއްހީ މާހިރުން ބުނެއެވެ. އޭގެ މައިގަނޑު އެއް ސަބަބަކީ އެ ޤައުމުގައި ހަކުރުބަލި ޖެހިފައިވާ މީހުންގެ ޢަދަދު ގިނަވުމާއި ހަކުރު ބައްޔަށް އެދެވޭ ފަރުވާ ނުހޯދުމެވެ. އޭގެ އިތުރުން އެ ޤައުމުގެ ސިޓީތަކުގެ ވައި ތަޣައްޔަރުވުމާއި ހިރަފުސްވުމުގެ ސަބަބުން ބަލި ޖައްސާ ފަންގަސް ފަސޭހަކަމާއެކު އާލާވެއެވެ.

ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިންވެސް ބުލެކު ފަންގަސް ޖެހިފައިވާ މީހުންގެ ޢަދަދު އެހެން ޤައުމުތަކަށްވުރެ އިންޑިޔާގައި ގިނައެވެ. ނަމަވެސް ކޯވިޑް-19 ފެތުރެން ފެށިފަހުން އެ ޢަދަދު ވަރަށް ބޮޑަށް އިތުރުވެފައިވާކަމަށް ޞިއްޙީ މާހިރުން ބުނެއެވެ. ބައެއް ހަސްފަތާލުތަކުން ބުނާ ގޮތުގައި ބުލެކު ފަންގަސް ޖެހިފައިވާ މީހަކަށް މީގެ ކުރިން ފަރުވާ ދޭންޖެހެނީ އަހަރަކު އެއް ފަހަރުކަމަށާއި މިހާރު ހަފުތާއަކު އެކަކަށް ފަރުވާދޭންޖެހޭކަމަށެވެ، ކޯވިޑް-19ގެ ސަބަބުން އިންޑިޔާގެ ޞިއްޙީ ނިޒާމަށް ބާރުބޮޑުވެފައިވަނިކޮށް ބުލެކު ފަންގަސަށް ފަރުވާ ހޯދަންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ ޞިއްޙީ ނިޒާމަށް އިތުރަށް ބާރުބޮޑުވާނެކަމެއްކަމަށް ޞިއްޙީ އިދާރާތަކުން ފާހަގަކުރެއެވެ.