ޚަބަރު

ސޫރިޔާއާ ގުޅުންބަދަހިކުރަން ސަޢުދީ ޢަރަބިއްޔާއިން ބޭނުންވޭ، ވިލާތުގެ ޝައުޤުވެރިކަމެއް ނެތް


ސޫރިޔާއާ ގުޅުންބަދަހިކުރުމަށް ސަޢުދީ ޢަރަބިއްޔާއިން މަސައްކަތްކުރަން ފަށައިފިއެވެ.

ސަޢުދީ ޢަރަބިއްޔާގެ ޚާރިޖީ ވުޒާރާއާ ގާތްގުޅުމެއް ބާއްވާ ސޫރިޔާގެ އިދިކޮޅު ފުރީ އޮފިސާޒް މޫވްމަންޓުން ބުނީ ސޫރިޔާގެ ސަރުކާރާމެދު ސަޢުދީ ޢަރަބިއްޔާއިން ދެކޭ ގޮތް ބަދަލުވެފައިވާކަމަށާއި ސަޢުދީ ޢަރަބިއްޔާގެ ޝާޚީ ޢާއިލާގެ އިސް ބޭފުޅުން، ޚާއްޞަކޮށް ވަލީޢަހުދު މުޙައްމަދު ބިން ސަލްމާން ސޫރިޔާގެ ރައީސް ބައްޝާރުލް އަސަދާ ގުޅުންބަދަހިކުރެއްވުމަށް ބޭނުންވާކަމަށެވެ.

ސަޢުދީ ޢަރަބިއްޔާއިން ސޫރިޔާއާ ގުޅުންބަދަހިކުރުމަށް ޝައުޤުވެރިވާކަމުގެ އަޑުފެތުރިފައިވަނީ ދެ ޤައުމުގެ ހީނަރުވެފައިވާ ގުޅުންތައް ބަދަހިކުރުމަށް މަޝްވަރާކުރުމަށް ސަޢުދީ ޢަރަބިއްޔާގެ ޖެނެރަލް އިންޓެލިޖެންސް ޑައިރެކްޓޮރޭޓު، ޖީއައިޑީގެ ޖާސޫސީ ވަފުދެއް ސޫރިޔާއަށް ފޮނުވައިވާކަމަށް މިދިޔަ މެއި މަހުގެ ކުރީކޮޅު ޢާންމުކުރި ރިޕޯޓެއްގައި ބުނެފައިވަނިކޮށެވެ. އެ ދުވަސްވަރުގެ ތެރޭގައި ސޫރިޔާގެ ވަޒީރުންގެ ވަފުދެއްވެސްވަނީ ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކޮށްފައެވެ. އެއީ ފާއިތުވި 10 އަހަރުގެ ތެރޭގައި ސޫރިޔާގެ މަތީ ފަންތީގެ ވަފުދަކުން ސަޢުދީ ޢަރަބިއްޔާއަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ.

މީގެ 10 އަހަރުކުރިން ސޫރިޔާގެ ދާޚިލީ ހަނގުރާމަ ފެށުނީއްސުރެ ސަޢުދީ ޢަރަބިއްޔާއިން ވާގިވެރިވެ އެހީތެރިކަން ފޯރުކޮށްދެނީ ބައްޝާރުގެ ސަރުކާރާ އިދިކޮޅު ހަނގުރާމަވެރިންނަށެވެ. އެގޮތުން ސޫރީގެ އިދިކޮޅު ހަނގުރާމަވެރިންނަށް މާލީ އަދި އަސްކަރީ އެހީތެރިކަން ސަޢުދީ ޢަރަބިއްޔާއިން ފޯރުކޮށްދީފައިވެއެވެ. ނަމަވެސް ބައްޝާރަށް ވާގިވެރިވާ ރަޝިޔާއާއި އީރާނުގެ ސަބަބުން ސަޢުދީ ޢަރަބިއްޔާއިން ކުރަމުންދިޔަ މަސައްކަތްތަކަށް ހުރަސް އެޅުނެވެ.

ސޫރިޔާގެ ފުރީ އޮފިސާޒް މޫވްމަންޓުން ބުނާ ގޮތުގައި ސަޢުދީ ޢަރަބިއްޔާގެ ވަލީޢަހުދު ބޭނުންފުޅުވަނީ ސޫރިޔާއާއެކު އޮންނަ ގުޅުންތައް ބަދަހިކޮށް އެ ގުޅުންތައް މެދުވެރިކޮށް އީރާނާއެކު އޮންނަ ނުތަނަވަސްކަން ކުޑަކުރުމަށެވެ. އަދި އެއީ ސޫރިޔާގެ ދާޚިލީ ހަނގުރާމައިގައި އީރާނުން ވާގިވެރިވާ ބައްޝާރުގެ ފައުޖުތަކަށް ކާމިޔާބު ލިބިފައިވާކަމަށް ޤަބޫލުކުރެއްވުންކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ. ސަޢުދީ ޢަރަބިއްޔާއިން ގުޅުންބަދަހިކުރަން ބޭނުންވާކަން ސޫރިޔާގެ ސަރުކާރަށް ސާފުކޮށްދިން ނަމަވެސް އެގޮތަށް އެ ޤައުމުން ޢަމަލުކުރާނީ އީރާނުގެ ނުފޫޒު ކުޑަކުރުމަށް ބައްޝާރު ބޭނުންފުޅުވާނަމައެވެ.

ސަޢުދީ ޢަރަބިއްޔާއިން ސޫރިޔާއާ ގުޅުންބަދަހިކުރުމަށް މަސައްކަތްކުރި ނަމަވެސް ސޫރިޔާގެ ސަރުކާރުގެ ސިޔާސަތުތަކަށް ބަދަލުނުގެންނަނަމަ އެ ޤައުމާ ގުޅުންބަދަހިކުރުމުގެ އެއްވެސް ޝައުޤުވެރިކަމެއް ނެތްކަމަށް ވިލާތުގެ އިއްތިޙާދުންވަނީ ބުނެފައެވެ. ފާއިތުވި ދުވަސްތަކުގައި ވިލާތުގެ އިއްތިޙާދަށް ނިޞްބަތްވާ ބައެއް ޤައުމުތަކުންވަނީ ސޫރިޔާގައި ޚާރިޖީ އިދާރާތައް ޤާއިމުކޮށްފައެވެ. އެއީ ވިލާތުގެ އިއްތިޙާދުން ސޫރިޔާއާމެދު ގެންގުޅޭ ސިޔާސަތުތަކާ ފުށުއަރާކަމެކެވެ. ވިލާތުގެ ޤައުމުތަކުގެ ޚާރިޖީ އިދާރާތައް ސޫރިޔާގައި ހުޅުވުމަކީ އެ ޤައުމުޔަކުން ބައްޝާރުގެ ސަރުކާރު ބަލައިގަތުންކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ.

ވިލާތުގެ އިއްތިޙާދުން ބުނީ ވިލާތުގެ ޤައުމަކުން ސޫރިޔާގައި ޚާރިޖީ އިދާރާއެއް ހުޅުވުމުގެ މާނައަކީ ސޫރިޔާއާ ގުޅުން ބަދަހިކުރުން ނޫންކަމަށެވެ. ސޫރިޔާގައި ތިއްބަވައި އެ ޤައުމުތަކުގެ ސަފީރުންގެ ފަތްކޮޅު ބައްޝާރަށް ނާރުވާނެކަމަށާއި ސޫރިޔާގައި ޙަރަކާތްތެރިވާނީ ސަފީރުންގެ ބަދަލުގައި މަންދޫބު ފެންވަރުގެ ބޭފުޅުންކަމަށް އެ އިއްތިޙާދުން ބުނެއެވެ. ސޫރިޔާގެ ސިޔާސަތުތަކަށް ބަދަލުގެނެސް އެ ޤައުމުގެ ޖަލުތަކުގައި ބަންދުކޮށްފައިވާ މީހުން މިނިވަންކޮށް އަނިޔާވެރިކަން ހުއްޓާލައި އދގެ ޤަރާރުތަކާ އެއްގޮތަށް ޢަމަލުނުކުރާނަމަ ވިލާތުން ސޫރިޔާގެ ސަރުކާރާ ގުޅުންބަދަހިނުކުރާނެކަމަށްވެސް އެ އިއްތިޙާދުން ބުނެއެވެ.