ބައިނަލްއަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން އަންނަ މަހުގެ 3 ވަނަ ދުވަހު ހާއްސަ ހިނގާލުމެއް ބާއްވަން ނިންމައިފިއެވެ.ނުކުޅެދުންތެރިކަން ހުންނަ ކުދިންގެ ހައްޤުގައި މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމަށްވާ މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސޭބަލްސް އިން އިސްނަގައިގެން ބައިނަލް އަޤްވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހު ބާއްވާ މި ހިނގާލުމުގައި ވީހާވެސް ގިނަ އާންމުން ބައިވެރިވުމަށް އެޖަމްއިއްޔާއިން ވަނީ އެދިފައެވެ.މި ހިނގާލުމާއި ބެހޭ މަޢުލޫމާތު ދިނުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އެ ޖަމްއިއްޔާގެ ޗެއަރޕާސަން އަހުމަދު މުހައްމަދު ވިދާޅުވީ، މި ހިނގާލުމުގެ އެންމެ ބޮޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު ފުރުސަތުތައް ހޯދައިދީ އެކުދިންނަކީ މުޖުތަމައުއަށް ބޭނުން ހިފޭނެ ކުދިންތަކަކަށް ހެދުންކަމަށެވެ. މިހިނގާލުން ކުރިއަށްގެންދިއުމަށް އާންމުންގެ ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަން ޔަޤީން ކުރައްވާކަމަށާއި މިހިނގާލުން ނިންމާލުމުގެ ގޮތުން ބާއްވާ ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންހިފޭނެފަދަ ތަކެތި، ބައެއް ކުންފުނިތަކުން ހަދިޔާ ކުރުމަށްވެސް ހަމަޖެހިފައިވާކަމަށް އަހުމަދު ވިދާޅުވިއެވެ. އަހުމަދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެމްބަރުންނާއި ބައެއް ކުންފުނިތަކުގެ އިސްވެރިންނާއި ގިނަ އަދަދެއްގެ އާންމުން މި ހިނގާލުމުގައި ބައިވެރިވާނެކަމުގެ ޔަޤީންކަން ދީފައިވާކަމަށެވެ.