ޚަބަރު

ވެކްސިން ލިބުނީ މުއްސަނދި ޤައުމުތަކަށް، ފަޤީރު ޤައުމުތަކުން ސަލާން ޖެހުމުގައި


ދުނުޔޭގެ ޤައުމުތަކަށް ވެކްސިން ލިބުމުގައި ހުރި ތަފާތުތަކުގެ ސަބަބުން ބަލިމަޑުކަމުގެ މުޅިން 2 ފަންތިއެއް އޮތްކަމަށް ވިދާޅުވެ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑުރޮސް އަދަނޮމް ގެބުރިޔޭސުސް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އޭނާ ވިދާޅުވީ ހުޅަނގުގެ ގިނަ ޤައުމުތަކަށް ވެކްސިންގެ ސަބަބުން ރައްކާތެރިކަން ލިބުނު ނަމަވެސް ފަޤީރު ޤައުމުތައް އަދިވެސް އޮތީ ވަރަށް ބޮޑަށް ބައްޔަށް ހުށަހެޅި ނާޒުކު ޙާލަތެއްގައިކަމަށެވެ. ބައްޔަށް ވެކްސިން ދޭން ފެށި ފުރަތަމަ 6 މަސް ދުވަހުގެ ތެރޭގައި ވެކްސިނުގެ ގާތްގަނޑަކަށް 44 އިންސައްތަ ލިބުނީ ހުޅަނގުގެ ޤައުމުތަކަށްކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް ފަޤީރު ޤައުމުތަކަށް ލިބިފައިވަނީ ވެކްސިންގެ އެންމެ 0.4 އިންސައްތަކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އެންމެ ކަންބޮޑުވާ ކަމަކީ ގިނަ މަސްތަކަކަށްފަހުވެސް އެ ތަފާސްހިސާބުތަކަށް ބޮޑު ބަދަލެއް ނައުންކަމަށް އޭނާ ވިދާޅުވިއެވެ.

ހަމަހަމަކަމާއެކު ދުނިޔޭގެ ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ޑަބުލިޔުއެޗުއޯއިން އުފައްދާފައިވާ ކޮވެކްސް މަޝްރޫޢުއަށް އެހީތެރިކަން ދިނުމަށް ޖީ20ގެ ތެރޭގައި ހިމެނޭ ޤައުމުތަކަށް އެ ޖަމުޢިއްޔާއިންވަނީ އަނެއްކާވެސް ގޮވާލައިފައެވެ. ކޮވެކްސް މަޝްރޫޢުގެ ދަށުން އެންމެ ގިނަ ޢަދަދެއްގެ ވެކްސިން ފޯރުކޮށްދޭން ނިންމާފައިވަނީ އިންޑިޔާއިންނެވެ. ނަމަވެސް އެ ޤައުމުގެ ކޯވިޑް-19ގެ ޙާލަތު ގޯސްވެ ވެކްސިން ބޭރުކުރުން މެދުކަނޑައިލުމުން ކޮވެކްސް މަޝްރޫޢުއަށް ފޯރުކޮށްދިނުމަށް އެއްބަސްވި ވެކްސިންގެ 200 މިލިޔަން ޑޯޒުވަނީ ނުލިބިއެވެ. އެކަން ފޫބެއްދުމަށް އެހީތެރިވާނެކަމަށް ދުނިޔޭގެ އެންމެ ބޮޑު އިޤްތިޞާދު އޮންނަ އެމެރިކާއިންވަނީ ބުނެފައެވެ.

މި ހަފުތާގެ ތެރޭގައި ދުނިޔޭގެ އެންމެ ވަރުގަދަ އިޤްތިޞާދު އޮންނަ 7 ޤައުމުކަމުގެ އިސްވެރިންގެ ބައްދަލުވުމެއް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ. އެ ބައްދަލުވުން ބޯމަތިވެފައިވާ ދަނޑިވަޅެއްގައި އެމެރިކާއެކޭ އެއްގޮތަށް މުއްސަނދި އެހެން ޤައުމުތަކުންވެސް ފަޤީރު ޤައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް އެހީތެރިވުމަށް ޑަބުލިޔުއެޗުއޯއިންވަނީ ގޮވާލައިފައެވެ. ކޮވެކްސްގެ ދަށުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ވެކްސިންގެ 250 މިލިޔަން ޑޯޒު އަދި މި އަހަރު ނިމުމުގެ ކުރިން ވެކްސިންގެ 1 ބިލިޔަން ޑޯޒު ފޯރުކޮށްދިނުމަށްވަނީ ނިންމައިފައެވެ. ނަމަވެސް ޤައުމުތަކުން މިހާތަނަށް ވެކްސިން ދޭނެކަމަށް ވަޢުދުވެފައިވާ ޢަދަދަކީ 150 މިލިޔަން ޑޯޒެވެ. އެހެންކަމުން ޑަބުލިޔުއެޗުއޯގެ އަމާޒު ޙާޞިލްކުރުމަށް އިތުރު ފައިސާ ބޭނުންވާނެކަމަށް އެ ޖަމުޢިއްޔާއިން ބުނެއެވެ.

ޖީ20ގައި ހިމެނޭ ޤައުމުތަކުގެ ތެރެއިން ޗައިނާއާއި ބުރެޒިލާއި އިންޑިޔާފަދަ ޤައުމުތަކުން އެކްސެސް ޓު ކޯވިޑް-19 ޓޫލްސް އެކްސަލަރޭޓަރ ނުވަތަ އެކްޓް އެކްސަލަރޭޓަރު ޕުރޮގުރާމަށް މިހާތަނަށް އެއްވެސް މިންވަރަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައެއް ނުވެއެވެ. ކޮވެކްސް މަޝްރޫޢުއަށް އެހީތެރިކަން ހޯދުމަށް ޑަބުލިޔުއެޗުއޯއިން ބަރޯސާވާނީ ހަމައެކަނި ޖީ7ގެ ޤައުމުތަކަށް ނޫންކަމަށް އެ ޖަމްޢިއްޔާއިންވަނީ ބުނެފައެވެ.