ޚަބަރު

18 އަހަރުން މަތީގެ އެންމެންނަށް ހިލޭ ވެކްސިން ލިބޭނެ: މޯދީ


އިންޑިޔާގެ ސަރުކާރުން އެ ޤައުމުގެ 18 އަހަރުން މަތީގެ ހުރިހާ ރައްޔިތުންނަށް މި މަހުގެ ތެރޭގައި ކޯވިޑް-19 ވެކްސިން ހިލޭ ފޯރުކޮށްދޭން ފަށާނެކަމަށް އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އިޢުލާނުކުރައްވައިފިއެވެ.

ޓީވީ މެދުވެރިކޮށް ޤައުމާ މުހާތަބުކުރައްވަމުން މޯދީ ވިދާޅުވީ ވަކިވަކި ސްޓޭޓުތަކުގެ ސަރަޙައްދީ ސަރުކާރުތަކަށް ޙަވާލުކޮށްފައިވާ ވެކްސިން ދިނުމުގެ މަސައްކަތް ދެން ކުރާނީ މައި ސަރުކާރުންކަމަށެވެ. އެގޮތުން ޖޫން މަހުގެ 21ވަނަ ދުވަހުން ފެށިގެން 18 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ސަރުކާރުން ހިލޭ ވެކްސިން ދޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑިޔާއިން ކުރިން ޢަމަލުކުރަމުންދިޔަ ސިޔާސަތުގެ ދަށުން މައި ސަރުކާރުން ހިލޭ ވެކްސިން ފޯރުކޮށްދެނީ އުމުރުން ދުވަސްވީ މީހުންނަށާއި ކުރީ ސަފުގައި މަސައްކަތްކުރާ މީހުންނަށް އެކަންޏެވެ. އަދި 18 އަހަރާއި 45 އަހަރާ ދެމެދުގެ މީހުންނަށް ސަރަޙައްދީ ސަރުކާރުތަކާއި އަމިއްލަ ހަސްފަތާލުތަކުން ވެކްސިން ދެނީ އަގު ނަގައިގެންނެވެ.

އެމެރިކާއަށްފަހު އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހިފައިވަނީ އިންޑިޔާގައެވެ. އެ ޤައުމުގައި މިހާތަނަށް 28.9 މިލިޔަން މީހުންނަށް ބަލިޖެހި 351،344 މީހުންވަނީ މަރުވެފައެވެ. އިންޑިޔާގައި ދިރިއުޅޭ 18 އަހަރުން މަތީގެ 950 މިލިޔަނަށްވުރެ ގިނަ މީހުންގެ ތެރެއިން ކޯވިޑް-19ގެ ވެކްސިންގެ 2 ޑޯޒު ފުރިހަމަކޮށްފައިވަނީ ގާތްގަނޑަކަށް 4.7 އިންސައްތަ މީހުންނެވެ. އިންޑިޔާއަކީ އެންމެ ފުޅާ ދާއިރާއެއްގައި ބޭހާއި ވެކްސިން އުފައްދައި އެއް ޤައުމެވެ. ނަމަވެސް އެ ޤައުމުގެ ރައްޔިތުންނަށް ފުދޭ މިންވަރަށް ވެކްސިން ޔަޤީންކުރުމަށް އެ ޤައުމުން ވެކްސިން ބޭރުކުރުންވަނީ ވަގުތީގޮތުން މެދުކަނޑާލައިފައެވެ. އެ ޤައުމުގައި ޢާންމުންނަށް ވެކްސިން ދިނުމުގެ މަޝްރޫޢުގެ ދުވެލިވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. ނަމަވެސް އެކަން ޙައްލުކުރުމަށް އެ ޤައުމުން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.