ކުޅިވަރު

ފްރެންޗް އޯޕަންގެ ކުއާޓަރ ފައިނަލަށް ޖޯކޮވިޗް އާއި ނަޑާލް


ފްރެންޗް އޯޕަން ޓެނިސް މުބާރާތުގެ ކްއާޓަރ ފައިނަލުން މުބާރާތުގެ އެއްވަނަ ސީޑް ނޯވަކް ޖޯކޮވިޗް އާއި އެންމެފަހުގެ ޗެމްޕިއަން ރަފައެލް ނަޑާލް ޖާގަހޯދައިފިއެވެ. މިމުބާރާތުގެ ކްއާޓަރ ފައިނަލުން ޖޯކޮވިޗް ޖާގަހޯދީ ހަތަރުވަނަ ބުރުގައި އިޓަލީވިލާތުގެ އަރަމުން އަންނަ ޒުވާން ކުޅުންތެރިޔާ ލޮރެންޒޯ މުސެއްޓީ އާއި ބައްދަލުކުރިމެޗް ކާމިޔާބުކޮށްގެންނެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗް ޖޯކޮވިޗަށް ކާމިޔާބު ކުރީ ފަސްވަނަ ސެޓަކަށް ގޮސް ފަހުސެޓްގައި މުސެއްޓީއަށް އަނިޔާވެގެން މެޗް ހުއްޓާލުމުންނެވެ. މިމެޗްގެ ފުރަތަމަ ދެސެޓް މުސެއްޓީ ކާމިޔާބުކުރީ ހައެއް ހަތެއް އަދި ހައެއް ހަތަކުންނެވެ. އަދި މިދެސެޓްގައި މުސެއްޓީ ވަނީ ޖޯކިވޮޗަށް އެއްވެސް ވަރަކަށް ދޫނުދީ އެއްހަމައެއްގައި ވާދަކޮށްފައެވެ. ނަމަވެސް އެހާހިސާބުން މުސެއްޓީއަށް އަނިޔާވެ އެކަމުގެ އަސަރު ދެން ކުޅުނު ދެސެޓުގައި ވަރަށް ބޮޑަށް ފެނިގެން ގޮސްފައެވެ. މިގޮތުން ތިންވަނަ ސެޓް ހައެއް އަށަކުން ޖޯކޮވިޗް ކާމިޔާބުކުރިއިރު ހަތަރުވަނަ ސެޓް ޖޯކޮވިޗް ކާމިޔާބުކުރީ ހައެއް ސުމަކުންނެވެ. އަދި ފަސްވަނަ ސެޓްގައި ހަތަރު ގޭމްގެ ލީޑެއް ޖޯކޮވިޗް ނަގާފައިވަނިކޮށް މުސެއްޓީއަށް އިތުރަށް ކުޅެވޭވަރުނުވެގެން މެޗް ހުއްޓާލިއެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން ޖޯކޮވިޗް ވަނީ އޭނާ ޒުވާން ކުޅުންތެރިންނާއި ފަސް ސެޓް ކުޅެން އަބަދުވެސް ޝައުގުވެރިވާ ކަމަށާއި އަދި އޭނާ ކުޅުނު ފަސް ސެޓްގެ ގިނަ މެޗްތައް އޭނާ ކާމިޔާބުކޮށްފައިވާކަމަށް ބުނެފައެވެ. ނަމަވެސް ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މުސެއްޓީ ފިޓްކޮށް ހުރިނަމަ ފަސްވަނަ ސެޓަކަށް ނުގޮސް މިމެޗް ނިމުނީހެވެ.

މިމުބާރާތުގެ ކްއާޓަރ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ނަޑާލް ޖާގަހޯދީ ހަތަރުވަނަ ބުރުގައި އިޓަލީވިލާތުގެ ޒުވާން ކުޅުންތެރިޔާ ޔަނިކް ސިނަރ އާއި ބައްދަލުކުރިމެޗް ސީދާ ތިން ސެޓުން ކާމިޔާބުކޮށްގެންނެވެ. އެއީ ހަތެއް ފަހެއް، ހައެއް ތިނެއް އަދި ހައެއް ސުމަކުންނެވެ.