ލ.ކޯވިޑް މެނޭޖުމަންޓް ފެސިލިޓީގައި ފަރުވާދެމުން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
އެޗްޕީއޭއިން ވިދާޅުވީ ނިޔާވެފައިވަނީ ޢުމުރުން 77 އަހަރުގެ ދިވެހި ފިރިހެނެއްކަމަށެވެ. އަދި އޭނާ ނިޔާވީ މިއަދު ހެނދުނު 9:13 ހާއިރުކަމަށް އެޗްޕީއޭއިން ވިދާޅުވެއެވެ.
މިއީ ރާއްޖެއިން ކޯވިޑް ޖެހިގެން ނިޔާވި 189 ވަނަ މީހާއެވެ. ރާއްޖެއިން ނިޔާވި 189 މީހުންގެ ތެރޭގައި ހިމެނެނީ 172 ދިވެހިންނާއި 17 ބިދޭސީންނެވެ.
ރާއްޖެއިން ކޯވިޑްގައި ނިޔާވި މީހުންގެ ތެރެއިން މިހާތަނަށް އެންމެ ޢުމުރުން ދުވަސްވީ މީހަކަށް ނިޔާވީ 100 އަހަރުގެ މީހެކެވެ. އަދި އެންމެ ހަގު ޢުމުރުގެ ކުއްޖަކަށް ނިޔާވެފައިވަނީ 10 އަހަރުގެ ކުއްޖެކެވެ.
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން މި ވަގުތު ކޯވިޑަށް ފަރުވާ ހޯދަމުން އަންނަ 18000 އަށް ވުރެ ގިނަ މީހުން އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި 160އަށްވުރެ ގިނަ މީހުން އެޑްމިޓްކޮށްގެން އަންނަނީ ފަރުވާދެމުންނެވެ.
ކޯވިޑްގެ ނުރައްކާ ކުޑަކުރުމަށް މިހާރު އަޅާފައިވާ ފިޔަވަޅުތަކާއެކު، ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ވަރަށް މަދުވިޔަސް، މަރުވާ މީހުންގެ އަދަދު އިތުރުވުމުގެ ފުރުޞަތު އެބައޮތްކަމަށް، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕުން ވަނީ ވިދާޅުވެފައެވެ. އެހެންނަމަވެސް ފިޔަވަޅުތަކަށް ރަނގަޅަށް ސަމާލުކަންދީ، އަދަދު މަދުކޮށްފިނަމަ ނުރައްކާ ކުޑަވެގެންދާނެކަމަށްވެސް ޓެގް ޓީމުން ވިދާޅުވެއެވެ.