ކުޅިވަރު

އަލުން ޤައުމީ ޓީމުން ފުރުސަތު ލިބުމުން ހިތްވަރު އާވެއްޖެ : އުމެއިރު


3 އަހަރަށްފަހު ޤައުމީ ޓީމަށް އެނބުރިއައިސް ކުޅުނު ފުރަތަމަ މެޗުގައިވެސް ފުރަތަމަ އެގާރައިން ޖާގަ ލިބުމަކީ ބޮޑު އުފަލެއްކަމަށް ޤައުމީ ޓީމްގެ މިޑްފިލްޑަރ މުޙައްމަދު އުމެއިރު ބުނެފިއެވެ.

ވަރލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގެ ފަހު ތިން މެޗަށް ނެގި ސްކޮޑުން ކޯޗު ފުރުސަތުދިން ކުޅުންތެރިންގެ ތެރޭގައި ތަޖުރިބާކާރު މިޑްފިލްޑަރ މުޙައްމަދު އުމެއިރު ހިމެނެއެވެ. އޭނާއަކީ ކުރިން ޤައުމީ ޓީމްގެ މުހިންމު ކުޅުންތެރިއެކެވެ. ނަމަވެސް މިދިޔަ ތިން އަހަރު އުމެއިރަށް ޤައުމީ ޓީމަށް މެޗެއް ކުޅުމުގެ ފުރުސަތެއް ނުލިބެއެވެ.

އެންމެ ފަހުން ވަރލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި ސިރިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި އުމެއިރު ވަނީ ކުޅެފައެވެ.

ޤައުމީ ޓީމަށް އެނބުރި އާދެވުމާއި ގުޅޭގޮތުން އުމެއިރު ބުނީ އަލުން ޓީމުން ފުރުސަތު ލިބުމަކީ ބޮޑު އުފަލެއްކަމަށާއި، ސީރިއާ މެޗުގެ ފުރަތަމަ އެގާރައިން ކޯޗު ފުރުސަތުދިނުމުން އައު ހިތްވަރެއް ލިބުނުކަމަށެވެ. އޭނާ ބުނީ އަބަދުވެސް ޤައުމީ ޓީމުން ޖާގަ ހޯދުމަށް މަސައްކަތްކުރާކަމަށާއި، އަބަދުވެސް މިފުރުސަތަށް ހުންނަނީ ތައްޔާރުވެގެންކަމަށެވެ. މިފަހަރުގެ ސްކޮޑުގައި ތިބި ޒުވާން ކުޅުންތެރިންގެ ކުޅުމާއި ގުޅޭގޮތުން އުމެއިރު ބުނީ ހުރިހާ ކުޅުންތެރިންވެސް ވަރަށް ހިތްވަރުކުރާކަމަށާއި، އެ ކުޅުންތެރިންނާއި އަރާ ހަމަކޮށް އެއް ފެންވަރެއްގައި ކުޅުމަށް އަބަދުވެސް މަސައްކަތްކުރާނެކަމަށެވެ. އޭނާ ބުނީ ސިރިއާ މެޗުން ބަލިވުމުން ސަޕޯޓަރުންނެކޭ އެއްގޮތަށް ކުޅުންތެރިންވެސް ތިބީ މާޔޫސްވެފައިކަމަށާއި، މިފަދަ ދަނޑިވަޅެއްގައި ސަޕޯޓަރުން އެދޭވަރުގެ ކުޅުމެއް ނުދެއްކިދާނެކަމަށެވެ. އެހެންނަމަވެސް އަބަދުވެސް ޤައުމީ ޓީމާއެކު ސަޕޯޓަރުން ތިބުމަށް އެދޭކަމަށް ވެސް އޭނާ ޤައުމީ ޓީމްގެ މިޑްފިލްޑަރ މުޙައްމަދު އުމެއިރު ބުންޏެވެ.

"ފަސޭހަކަމެއް ނޫން މީކީ، މިކަން ގިނަ މީހުންނަށް އަންޑަސްޓޭންޑްވާނެކަމަށް އުއްމީދުކުރަނީ. އަޅުގަނޑުމެންވެސް ބޭނުމެއް ނުވޭ ބަލިވެގެން ފައިބަން. އަހަރުމެންވެސް ގަމަ ޤައުމަށްޓަކައި، ދިވެހިރައްޔިތުންނަށްޓަކައި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދުމަށް މި މަސައްކަތްކުރަނީ." އުމެއިރު ބުންޏެވެ.