ކުޅިވަރު

މި ދަނޑިވަޅުގައި ޓީމާއެކު ތިބުން މުހިންމު: ޝިފާޢު


ކޮންމެ މެޗަކުން ސަޕޯޓަރުން ބޭނުންވާވަރުގެ ނަތީޖާއެއް ނުނިކުމެދާނެކަމަށާއި، އެހެންނަމަވެސް ހުރިހާ އެންމެންވެސް މި ދަނޑިވަޅުގައި ޓީމާއިއެކު ތިބުމަށް ޤައުމީ ޓީމްގެ ޑިފެންޑަރު ހުސައިން ޝިފާއު އެދިއްޖެއެވެ.

ވަރލްޑްކަޕް އަދި އޭޝިއަން ކަޕްގެ ޖޮއިންޓް ކޮލިފައިންގައި މިމަހުގެ 4ވަނަ ދުވަހު ސީރިޔާއާއި ވާދަކޮށް ދިވެހިރާއްޖެ ބަލިވީ ހަތަރެއް ސުމަކުންނެވެ. މި މެޗުން ޓީމު ބަލިވިއިރު ޓީމުން ދެއްކި ކުޅުމަށް ގިނަ ބަޔަކުވަނީ ފާޑުކިޔާފައެވެ.

ޤައުމީ ޓީމުގެ ޑިފެންޑަރު ހުސައިން ޝިފާއު ބުނީ ކޮންމެ މެޗެއްގައި ސަޕޯޓަރުން ބޭނުންވާވަރުގެ ނަތީޖާއެއް ނުނެރެވިދާނެކަމަށާއި، އެހެންނަމަވެސް ހުރިހާ އެންމެންވެސް ޕޮޒިޓިވް ވިސްނުމެއްގައި ތިބުން މުހިންމުކަމަށެވެ. ކުޅުންތެރިން މެޗުތަކަށް ވީ އެންމެ ބޮޑަކަށް ތައްޔާރުވަމުން އަންނައިރު ސަޕޯޓަރުންގެ ހެޔޮދުއާއާއި އެހީތެރިކަމަކީ މި މެޗުތަކުން ރަނގަޅު ނަތީޖާއެއް ހޯދަން ލިބޭނެ ބޮޑު ހިތްވަރެއްކަމަށް އޭނާ ބުންޏެވެ.

ޝިފާއު ބުނީ ޓީމަށް މިފަހަރު އަލަށް އެރި ކުޅުންތެރިންވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަކަމަށާއި، ޓީމު ތެރޭއިވެސް ވާދަވެރިކަން ބޮޑުކަމަށެވެ. އަދި މިއީ މެޗުތަކަށް ތައްޔާރުވާއިރު ލިބޭ އިތުރު ހިތްހަމަޖެހުމެއްކަމަށް އޭނާ ބުންޏެވެ.

"ޓީމް ތެރޭގައި ރޫހު ވަރަށް ރަނގަޅަށް އިނީ، އެންމެންވެސް ހަމަ މޮޅުވާން ތައްޔާރުމިވަނީ، ޔަންގް ޕްލޭޔަރުންވެސް ޓީމަށް އަރަން ވަރަށް މަސައްކަތްކުރޭ ހަމަ." ހުސައިން ޝިފާއު ބުންޏެވެ.