ޚަބަރު

އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގެންފި


އދ.ގެ 76 ވަނަ ޢާންމު މަޖިލީހުގެ ރިޔާސަތަށް ޢަބްދުﷲ ޝާހިދު ހޮވިވަޑައިގެންފިއެވެ. މިމަޤާމަށް ޢަބްދުﷲ ޝާހިދުއާ ވާދަކުރެއްވީ އަފްޣާނިސްތާނުގެ ކުރީގެ ޚާރިޖީ ވަޒީރު ޒަލްމާއި ރަސޫލްއެވެ.

މި އިންތިޚާބުގައި އދ.ގެ ޢާންމު މަޖިލީހުގައި ހިމެނޭ 193 މެންބަރު ޤައުމުން ވޯޓުލާފައިވަނީ ސިއްރުންނެވެ. މި އިންތިޚާބުގައި މިނިސްޓަރ ޝާހިދަށް ލިބިވަޑައިގަތީ 143 ވޯޓެވެ. ޑރ. ޒަލްމާއި ރަސޫލްއަށް ލިބިވަޑައިގެންފައިވަނީ 48 ވޯޓެވެ. މިއީ ރާއްޖޭގެ ތާރީޚުގައި އދ.ގެ މިހާ މަތީ މަޤާމަކަށް ދިވެއްސަކު އިންތިޚާބުވި ފުރަތަމަ ފަހަރެވެ.

މިމަޤާމަށް ހޮވިވަޑައިގަތުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޢަބްދުﷲ ޝާހިދު ވިދާޅުވީ ދުނިޔޭގެ ހުރިހާ ޤައުމުތަކެއްގެ އިތުބާރާއި ޔަޤީންކަން ދިވެހިރާއްޖެއަށް ލިބިގެން ދިއުމުން ސާބިތުވެގެން މިދިޔައީ މުޅި ދުނިޔެ ރާއްޖެ ބަލައިގެންފައިވާ ކަން ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ޒަޢާމަތާއި ޚާރިޖީ ސިޔާސަތު ދުނިޔެ ޤަބޫލްކޮށް ބަލައިގެންފައިވާކަން ސާބިތުވެގެން ގޮސްފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

އދގެ އާންމު މަޖިލިސް ނުވަތަ ޖެނެރަލް އެސެމްބްލީގެ ރިޔާސަތަކީ އެ ޖަމްއިއްޔާގެ އެންމެ އިސް އެއް މަގާމް. ކޮންމެ އަހަރަކުވެސް އާންމު މަޖިލީހުގެ ރިޔާސަތަށް އިންތިޚާބުކުރާނީ ޖިއޮގްރަފިކް ފަސް ސަރަހައްދުގެ ތެރެއިން ކޮންމެވެސް އެއް ސަރަހައްދަކުން. އެއީ އެފްރިކާ، އޭޝިއާ-ޕެސެފިކް، އީސްޓާން ޔޫރަޕިއަން، ލެޓިން އެމެރިކާ އެންޑް ކެރިބިއަންގެ އިތުރުން ވެސްޓާން ޔޫރަޕިއަން ސަރަހައްދުން. ޢާންމު މަޖިލީހުގެ ރިޔާސަތުގެ ދައުރަކީ އެއް އަހަރު. މި މަޤާމަށް ހޮވިވަޑައިގެންނަވާ ބޭފުޅެއްގެ މަސައްކަތުގެ ތެރޭގައި އާއްމު މަޖިލީހުގެ ޖަލްސާތަކުގެ ރިޔާސަތުތައް ބެލެހެއްޓުމާއި ބަހުސްތަކުގައި މެމްބަރު ޤައުމުތަކަށް ވަގުތު ކަނޑައެޅުމާއި ނިޒާމީ މައްސަލަތަކުގައި ގޮތް ނިންމުމުގެ ބާރު ރިޔާސަތައް ލިބޭނެ.

އދ. ގެ 76 ވަނަ އާންމު މަޖިލިސް ފަށަން ތާވަލްކޮށްފައިވަނީ އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 14 ވަނަ ދުވަހު ބޭއްވުމަށް.