ޚަބަރު

ބާސްމަތީ ހަނޑުލަކީ އިންޑިޔާގެ އުފެއްދުމެއްގެ ގޮތުގައި ކަނޑައެޅުމަށް އެދިއްޖެ


ބަސްމަތީ ހަނޑުލަކީ އިންޑިޔާގެ އުފެއްދުމެއްގެ ގޮތުގައި ކަނޑައެޅުމަށް އެ ޤައުމުން އެދިއްޖެއެވެ.

ދުނިޔޭގައި އެންމެ ގިނައިން ހަނޑޫ ބޭރުކުރަނީ އިންޑިޔާއިންނެވެ. އެ ވިޔަފާރިން އެ ޤައުމަށް އަހަރަކު 6.8 ބިލިޔަން އެމެރިކާ ޑޮލަރު ލިބެއެވެ. އަދި ދުނިޔޭގައި 4ވަނައަށް އެންމެ ގިނައިން ހަނޑޫ ބޭރުކުރަނީ އަވަށްޓެރި އަދި ވާދަވެރި ޕާކިސްތާނުންނެވެ. ހަނޑުލުގެ ވިޔަފާރިން އެ ޤައުމަށް އަހަރަކު 2.2 ބިލިޔަން އެމެރިކާ ޑޮލަރު ލިބެއެވެ. ބާސްމަތީ ހަނޑުލަކީ އިންޑިޔާއާއި ޕާކިސްތާނުގައި މަޤުބޫލު ހަނޑުލުގެ ބާވަތެކެވެ. އެހެން ޤައުމުތަކަށް ބާސްމަތީ ހަނޑޫ ބޭރުކުރާ ހަމައެކަނި ޤައުމުތަކަކީ އިންޑިޔާއާއި ޕާކިސްތާނެވެ

ބާސްމަތީ ހަނޑުލަކީ އިންޑިޔާގެ އުފެއްދުމެއްގެ ގޮތުގައި ކަނޑައަޅައިދިނުމަށް އެ ޤައުމުންވަނީ ވިލާތުގެ އިއްތިޙާދުގައި އެދިފައެވެ. ޔޫރަޕިއަން ކޮމިޝަނުގެ ޕުރޮޓެކްޓެޑު ޖޯގުރަފިކަލް އިންޑިކޭޝަން ނުވަތަ ޕީޖީއައި އިންޑިޔާއަށް ދޫކޮށްފިނަމަ ހަނޑުލުގެ ވިޔަފާރިކުރުމުގައި ޕާކިސްތާނަށް ބޮޑެތި ގޮންޖެހުންތަކަކާ ގެއްލުންތަކެއް ކުރިމަތިވާނެއެވެ. އެހެންކަމުން އިންޑިޔާގެ ހުށަހެޅުމަށް ޕާކިސްތާނުންވަނީ ދެކޮޅުހަދައިފައެވެ. އިންޑިޔާއިން މަސައްކަތްކުރަނީ ޕާކިސްތާނުން ބޭރުކުރާ ބާސްމަތީ ހަނޑުލަށް އޮތް މާކެޓު ގެއްލުވާލުމަށްކަމަށް އެ ޤައުމުން ތުޙްމަތުކުރެއެވެ.

ވިލާތުގެ ޤައުމުތަކަށް އެތެރެކުރާ ހަނޑުލުގައި ވަކި ޝަރުތުތަކެއް ފުރިހަމަވާންޖެހެއެވެ. އެ ޝަރުތުތައް ފުރިހަމަކުރުމުގައި އިންޑިޔާއިން ދަތިތަކަކާ ކުރިމަތިލައެވެ. އޭގެ ބޭނުން ހިފައި ފާއިތުވި ތިން އަހަރުގެ ތެރޭގައި ޕާކިސްތާނުން ވިލާތުގެ އިއްތިޙާދުގެ ޤައުމުތަކަށް ބާސްމަތީ ހަނޑޫ ބޭރުކުރާ މިންވަރުވަނީ ވަރަށް ބޮޑަށް އިތުރުކޮށްފައެވެ. ޔޫރަޕިއަން ކޮމިޝަނުން ބުނީ ވިލާތަށް އަހަރަކު އެތެރެކުރާ 300،000 ޓަނުގެ ބާސްމަތީ ހަނޑުލުގެ ތިންބައިކުޅަ ދެބައި އެތެރެކުރަނީ ޕާކިސްތާނުންކަމަށެވެ. ޕާކިސްތާނުން ބުނާ ގޮތުގައި އިންޑިޔާއިން ބޭރުކުރާ ބާސްމަތީ ހަނޑުލަށްވުރެ އެ ޤައުމުން ބޭރުކުރާ ހަނޑުލުގެ ފެންވަރު ރަނގަޅުވާނެކަމަށެވެ.

ވިލާތުގެ އިއްތިޙާދުގެ ޤަވާއިދުތައް ބުނީ ޕީޖީއައިއާ ގުޅޭގޮތުން ދެ ޤައުމުގެ ދެމެދުގައި އޮތް ދެބަސްވުން ސެޕްޓެމްބަރު މަހުގެ ކުރިން ޙައްލުކުރަން ޖެހޭނެކަމަށެވެ. 2 ޤައުމަށް އެއްބަސްވުމަކާ ހަމައަށް ނާދެވި އިންޑިޔާގެ ކޮޅަށް ވިލާތުގެ އިއްތިޙާދުން މައްސަލަ ނިންމައިފިނަމަ އެ ނިންމުން ވިލާތުގެ އިއްތިޙާދުގެ ކޯޓެއްގައި އިސްތިޢުނާފުކުރުމުގެ ފުރުޞަތު ޕާކިސްތާނަށް ލިބޭނެއެވެ. ނަމަވެސް އެގޮތަށް ޢަމަލުކުރަން ޖެހިއްޖެނަމަ ޕާކިސްތާނުގެ ބާސްމަތީ ހަނޑުލުގެ ވިޔަފާރި އެ މަރުޙަލާ ނިމެންދެން ހުއްޓުމަކަށް އަންނާނެއެވެ.