ޚަބަރު

ސްރީ ލަންކާގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ


ސްރީ ލަންކާއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުމުން ގިނަ ޢަދަދެއްގެ މީހުން މަރުވެ ބޮޑެތި ގެއްލުންތަކެއްވެއްޖެއެވެ.

ފާއިތުވި ދުވަސްތަކުގައި ބޯކޮށް ވާރޭވެހުމުގެ ސަބަބުން ސްރީ ލަންކާގެ އުތުރާއި ދެކުނުގެ ސަރަޙައްދުތަކުގެ ކޯރުތަކުގެ ފެންގަނޑުވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އޭގެ ސަބަބުން ކޯރުތަކުން ފެން ބަނޑުންވެ އެ ސަރަޙައްދުތަކުގައި ފެންބޮޑުވެފައެވެ. އެ ޙާދިޘާތަކުގައި 17 މީހުން މަރުވެ އެތައް ހާސް ބަޔަކަށްވަނީ ރައްކާތެރި ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައެވެ.

ސްރީ ލަންކާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓު ސެންޓަރުންވަނީ ފެންގަނޑު ހިނދެން ފެށި ނަމަވެސް 10 ޑިސްޓުރިކްޓެއްގައި ބިންގަނޑު ކަނޑައިގެން ދިޔުމާއި ޗަކަފޭބުމުގެ ޙާދިޘާތައް ހިނގާފާނެކަމުގެ އިންޒާރު ދީފައެވެ. ބޯވާރޭގެ އަސަރު 270،000އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާކަމަށާއި 100،000އަށްވުރެ ގިނަ އިމާރާތުން ކަރަންޓު ކެނޑިފައިވާކަމަށްވެސް އެ ވުޒާރާއިން ބުނެއެވެ. ކުރިޔަށް އޮތް ދުވަސްތަކުގައި ވާރޭވެހޭ މިންވަރު މަދުވާނެކަމަށް ބެލެވުނު ނަމަވެސް ބައެއް ސަރަޙައްދުތަކަށް އަދިވެސް ދޭތެރެ ދޭތެރެއިން ބޯކޮށް ވާރޭވެހޭނެކަމަށް ސްރީ ލަންކާގެ މޫސުމާބެހޭ ވުޒާރާއިން ބުނެއެވެ.

ސްރީ ލަންކާއަށް މޫސުމީ ކާރިޘާއެއް ކުރިމަތިވެފައިވަނީ ކޯވިޑް-19ގެ ސަބަބުން އެ ޤައުމުގައި އާޅާފައިވާ ފިޔަވަޅުތަކަށް ލުއިތަކެއް ދިނުމަށް ތައްޔާރުވަނިކޮށެވެ. އެއް މަސް ދުވަހުގެ މުއްދަތަށް އެ ޤައުމުގައި އިޢުލާނުކޮށްފައިވާ ފުރަބަންދުގެ މުއްދަތު ޖޫން މަހުގެ 14ވަނަ ދުވަހު އުވާލުމަށްވަނީ ހަމަޖެހިފައެވެ.