ޚަބަރު

ފާޑުކިޔުން އަމާޒުވުމުން ޔަހޫދީން ހައްޔަރުކުރި އެކްޓިވިސްޓުންނާއި ނޫސްވެރިޔާ މިނިވަންކޮށްފި


ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ފާޑުކިޔުން އަމާޒުވުމުން އިސްރާއީލުން ހައްޔަރުކުރި ފަލަސްޠީނުގެ 2 އެކްޓިވިސްޓުންނާއި އަލްޖަޒީރާގެ ނޫސްވެރިއެއް މިނިވަންކޮށްފިއެވެ.

ފަލަސްޠީނުގެ އެއްމާބަނޑު ދެބެންކަމަށްވާ މުނާ އަދި މުޙައްމަދު އަލްކުރުދަކީ އިރުމަތީ ޤުދުސްގެ ޝައިޚް ޖައްރާޙުގައި ދިރިއުޅޭ ފަލަސްޠީނުގެ ރައްޔިތުންގެ ގެދޮރުން ގަދަބާރުން ނެރުމާ ދެކޮޅަށް މީސްމީޑިޔާގައި އެންމެ ބޮޑަށް އަޑުއުފުލާ އެކްޓިވިސްޓުންނެވެ. އެ ދެބެންނަށް އިސްރާއީލުގެ އަނިޔާވެރިކަން އަމާޒުކުރީ މީސްމީޑިޔާގައި ޙިއްޞާކުރަމުންދިޔަ މަޢުލޫމާތުތަކުން ޝައިޚް ޖައްރާޙުގެ މައްސަލައަށް ދުނިޔޭގެ ސަމާލުކަން ލިބެމުންދާތީއެވެ. އުމުރުން 23 އަހަރުގެ ދެބެން ދިރިއުޅޭ ގެއަށް އިސްރާއީލުގެ އިސްތިޢުމާރީ ސިފައިން ވަދެ މުނާ ހައްޔަރުކުރީ ޖޫން މަހުގެ 6ވަނަ ދުވަހުއެވެ. މުޙައްމަދު ފުލުހަށް ހާޒިރުވުމަށް އެނގުމުން އޭނާ ޔަހޫދީންގެ ފުލުސް އިދާރާއަށް ގޮސްފައިވަނީ އަމިއްލައަށެވެ. އެއާއެކު އޭނާވެސް ޔަހޫދީންގެ އަތްދަށުވިއެވެ.

އެތައް ގަޑިއިރެއް ވަންދެން އެ ދެބެން ބަންދުގައި ބެހެއްޓުމަށްފަހު މިނިވަންކުރުމުން ނޫސްވެރިންނާ ވާހަކަދައްކަމުން މުނާ ބުނީ ދުއްތުރާކޮށް ބިރުދެއްކުމަށް ޔަހޫދީން ކިތަންމެ މަސައްކަތްތަކެއްކޮށް އަދި އެތައް ފަހަރަކު ހައްޔަރުކުރި ނަމަވެސް އެ މީހުން ފަހަތަށް ނުޖެހޭނެކަމަށެވެ. ޝައިޚް ޖައްރާޙުގައި އެ މީހުން ދެމިތިބޭނެކަމަށާއި އުފަންވެ ބޮޑުވި ފަސްގަނޑު އަބަދުވެސް ދިފާޢުކުރާނެކަމަށް އޭނާ ބުނެފައިވެއެވެ. ހަމަ އެ މޭރުމުން ވާހަކަދައްކަމުން މުޙައްމަދުވެސް ބުނެފައިވަނީ އަނިޔާވެރިކަމާއި ބޭއިންސާފާ ދެކޮޅަށް އަބަދުވެސް އަޑުއުފުލާނެކަމަށެވެ.

ފަލަސްޠީނިއަން ރެޑު ކުރެސެންޓު ސޮސައިޓީން ބުނީ މުނާއާއި މުޙައްމަދު ހައްޔަރުކުރުމުން އެ މީހުން ދޫކޮށްލުމަށް ގޮވައިލައި ގިނަ ބަޔަކު ޔަހޫދީންގެ ފުލުސް އިދާރާ ދޮށަށް އެއްވެ މުޒާހަރާކުރިކަމަށެވެ. އެ މުޒާހަރާ ރޫޅާލުމަށް އިސްރާއީލުގެ އިސްތިޢުމާރީ ފައުޖުތަކުންވަނީ ރަބަރު ވަޒަނާއި ސްޓަން ގުރެނޭޑު ބޭނުންކޮށްފައެވެ. އެ އަނިޔާވެރި ޖަރީމާތަކުގައި 10 މީހުން ޒަޚަމުވިއެވެ.

އިސްރާއީލުގެ ޔަހޫދީ ފުލުހުން މުނާއާއި މުޙައްމަދު ޙައްޔަރުކުރީ އަލްޖަޒީރާގެ ނޫސްވެރިއެއްކަމަށްވާ ޖިވާރާ ބުދައިރީ ހައްޔަރުކުރުމުގެ 1 ދުވަސް ފަހުންނެވެ. ބުދައިރީ ޙައްޔަރުކޮށްފައިވަނީ ޝައިޚް ޖައްރާޙުގައި ޖޫން މަހުގެ 5ވަނަ ދުވަހު ކުރި މުޒާހަރާއެއް ކަވަރުކުރުމުގައި ޙަރަކާތްތެރިވަނިކޮށެވެ. އޭނާ ހައްޔަރުކުރުމުގެ ތެރޭގައި އެނާއަށް އަނިޔާވެފައިވެއެވެ. އެގޮތުން ފަޔަށް ލިބިފައިވާ އަނިޔާތަކުގެ ސަބަބުން ފައި އަޅައިގެން ހިގުމަށްވެސް އޭނާއަށްވަނީ އުނދަގޫވެފައެވެ. ބުދައިރީ ބުނީ ޔަހޫދީ ފުލުހުންގެ އިދާރާއަށް ގެންގޮސް އޭނާއާމެދު ޢަމަލުކޮށްފައިވަނީ ބޮޑެތި ކުށްވެރިންނާމެދު ޢަމަލުކުރާ ގޮތަށްކަމަށެވެ. ބަންދުގައިހުރި ވަގުތު އޭނާގެ ބޯ ޖެކެޓު ބޭލުމުގެ ފުރުޞަތުވެސް ދީފައިނުވާކަމަށާއި ވަރުބަލިވުމުން ލޯމަރައިލުމަށްވެސް ޔަހޫދީން ހުރަސްއަޅާފައިވާކަމަށެވެ. އަލްޖަޒީރާގެ އަޑު ކަނޑައިލެވިއްޖެނަމަ އެންމެންގެ އަޑު ކެނޑޭނެކަމަށް ޔަހޫދީން ބުނިކަމަށްވެސް އޭނާ ބުނެއެވެ. ބުދައިރީ ބުނީ ޔަހޫދީންގެ ކިތަންމެ ވަރުގަދަ ލަޝްކަރެއް އޮތް ނަމަވެސް އަދި ނޫސްވެރިންނާ ދެކޮޅަށް ކިތަންމެ އަނިޔާއެއް ދިން ނަމަވެސް ޙަޤީޤަތް ހާމަކުރުމަށް ނޫސްވެރިން ކުރަމުންދާ މަސައްކަތް ނުހުއްޓުވޭނެކަމަށެވެ.

ފަލަސްޠީނުގެ 2 އެކްޓިވިސްޓުންނާއި އަލްޖަޒީރާގެ ނޫސްވެރިއެއް ޔަހޫދީން ހައްޔަރުކުރުމުން ބައިނަލްއަޤްވާމީ މުޖުތަމަޢުންވަނީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔައި އެ މީހުން މިނިވަންކުރުމަށް މީސްމީޑިޔާގައި ވަރަށް ބޮޑަށް މަސައްކަތްކޮށްފައެވެ.