ޚަބަރު

މަޖިލީޙުގެ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބޭ: 241 ކޮމިޓީ


ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ދިން ޙަމަލާއާއި ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީއިން ކުރިއަށްގެންދާ އިންކުއަރީއަށް ސަރުކާރުން ފުރިހަމަ އެއްބާރުލުން ލިބެމުންދާކަމަށް އެކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން 241 ކޮމިޓީގެ މުޤައްރިރު، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައިސް އަދި ކުރީގެ ރައިސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް މިދިޔަ މަހުގެ 6 ވަނަ ދުވަހު ދިން ޓެރެރިސްޓް ޙަމަލާއާއި ގުޅިގެން އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވީ ގޮތް ދެނެގަތުމަށް މަޖިލީހުން ގެންދަނީ ތަހުޤީގެއް ނޫންކަމަށެވެ.

އަސްލަމް ވިދާޅުވީ މަޖިލީހުން ކުރިއަށްގެންދާ އިންކުއަރީއަށް އެއްވެސް ފަރާތަކުން ނުފޫޒެއް ނުފޯރުވާކަމަށެވެ. އަދި ސަރުކާރުންވެސް ލިބެންޖެހޭ އެއްބާރުލުން ފުރިހަމައަށް ލިބެމުންދާކަން އަސްލަމް ފާހަގަކުރެއްވިއެވެ.

"241 ކޮމިޓީގެ މިމަސައްކަތަށް ސަރުކާރުގެ އެއްވެސް މުވައްސަސާއަކުންވެސް ނުފޫޒެއް ނުފޯރުވާ. މިއީ ވަރަށް މިނިވަންކަމާއެކު ކުރިއަށްގެންދާ އިންކުއަރީއެއް." އަސްލަމް ވިދާޅުވިއެވެ.

މިމައްސަލައާއި ގުޅިގެން ސިފައިންގެ ވަކިވަކި އޮފިސަރުންނާއި ސުވާލުކުރުމަށް މަޖިލީހަށް ހާޒިރުކުރުމާއި ގުޅޭގޮތުން އެމްއެންޑީއެފްއިން ނެރެފައިވާ ބަޔާނުގައި އެގޮތަށް ޢަމަލުކުރުމަށް ޤާނޫނީގޮތުން ހުރަސްތަކެއް ހުރިކަން ފާހަގަކޮށްފައިވާއިރު އަސްލަމް ވިދާޅުވީ ވަކިވަކި ސިފައިންނާއި ފުލުހުންވެސް އަންނަނީ މިއިންކުއަރީއަށް އެއްބާރުލުން ދެއްވަމުންކަމަށެވެ.

އެގޮތުން ސިފައިންނާއި ފުލުހުންގެ އިސްބޭފުޅުންނާއި ކޮމިޓީއިން ވަނީ ބައްދަލުކުރައްވާ މަޢުލޫމާތު ހޯއްދަވާފައެވެ. އެގޮތުން މިހާތަނަށް 7 ފަރާތަކާއި ރަސްމީކޮށް އަދި ނުރަސްމީކޮށް 5 ފަރާތަކާ ވަނީ ސުވާލުކޮށްފައެވެ. މީގެތެރޭގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާއި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ފަރީދު އިސްމާޢީލާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ޢަލީއާއި ފުލުހުންގެ ފަރާތުން ސުވާލުކޮށްފައިވާއިރު އެމްއެންޑީއެފްގެ ފަރާތުން ޗީފް އޮފް ޑިފެންސްފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އާއި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުލް ލަތީފްއާއި އިތުރު ސިފައިންގެ އޮފިސަރުން ހިމެނެއެވެ. އަދި ވަރަށް އަވަހަށް ޑިފެންސް މިނިސްޓަރ މާރިއާއާއި ހޯމް މިނިސްޓަރ އިމްރާން އަބްދުﷲވެސް ކޮމިޓީއަށް ހާޒިރުކުރައްވާނެކަމުގެ އިޝާރާތެއް 241 ކޮމިޓީގެ މުޤައްރިރު ވަނީ ދެއްވާފައެވެ.

ރައިސް ނަޝީދަށް އަމާޒުކޮށްދިން ޙަމަލާއާއި ގުޅިގެން ސެކިއުރިޓީ ބްރީޗްވީ ގޮތް ދެނެގަތުމަށް ކުރިއަށްގެންދާ އިންކުއަރީއަށްފަހު މިފަދަ ޙަމަލާތައް ތަކުރާރުވިޔަ ނުދިނުމަށް ކުރަންޖެހޭ ކަންކަމަށް ބާރުއެޅުމާއި އެފަދައިން މަސައްކަތް ކުރެވޭނެ ގޮތުގެ ލަފާ ކަމާބެހޭ ފަރާތްތަކަށް އަރުވާނެކަމަށް 241 ކޮމިޓީން ހާމަކުރައްވައެވެ. އަދި މިއީ ވަކި ފަރުދަކާ ގުޅިފައިވީނަމަވެސް ޤައުމީ މައްސަލައެއްގެ ގޮތުގައި އަސްލަމް ވަނީ ސިފަކުރައްވާފައެވެ.