ޚަބަރު

ކޯވިޑް-19ގެ ޒިންމާ ޗައިނާއިން އުފުލައި ދަރަނިތައް މަޢާފުކުރުމަށް ގޮވާލައިފި


ކޯވިޑް-19ގެ ސަބަބުން ޤައުމުތަކަށް ލިބުނު ގެއްލުމުގެ ބަދަލު ޗައިނާއިން ދޭންޖެހޭނެކަމަށް އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަންޕު ވިދާޅުވެއްޖެއެވެ.

އެމެރިކާގެ އިދިކޮޅު ރިޕަބުލިކަން ޕާޓީގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޓުރަންޕު ވިދާޅުވީ އެމެރިކާއާއި އެހެން ޤައުމުތަކުން ކޯވިޑް-19ގެ ޒިންމާ ނެގުމަށް ޗައިނާއަށް މަޖުބޫރުކުރަންޖެހޭކަމަށެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލު ޗައިނާއިން ހޯދުމަށް މަސައްކަތްކުރުމަށް އޭނާ ގޮވާލެއްވިއެވެ. ހުރިހާ ޤައުމަކުން ގުޅިގެން މަސައްކަތްކޮށް ޗައިނާއިން މަދުވެގެން 10 ޓުރިލިޔަން އެމެރިކާ ޑޮލަރު ހޯދަންޖެހޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ބަލިމަޑުކަމުގެ ސަބަބުން ލިބުނު ގެއްލުމުގެ ހަޤީޤީ ޢަދަދު އެއަށްވުރެ އެތައް ގުނައެއް އިތުރުވި ނަމަވެސް އެންމެ ދަށް ޢަދަދެއްގެ ގޮތުގައި 10 ޓުރިލިޔަން ޑޮލަރު ފުދޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި ދުނިޔޭގެ އެކި ޤައުމުތަކުން ޗައިނާއަށް ދައްކަންޖެހޭ ހުރިހާ ދަރަންޏެއްވެސް ޗައިނާއިން މަޢާފުކޮށްދޭން ޖެހޭނެކަމަށް އޭނާ ވިދާޅުވިއެވެ.

2019ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާނުގައި ކޯވިޑް-19 ފެތުރެން ފެށުމުގެ ކުރިން އެ ޤައުމުގެ ރައީސް ޝީ ޖިންޕިންނާ ވަރަށް ގާތްގުޅުމެއް އޮތްކަމަށް ޓުރަންޕު ވިދާޅުވިއެވެ. އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންނަށް ޗައިނާއިން އެއްވެސް ސަމާލުކަމެއް ނުދޭކަމަށްވެސް އޭނާ ވިދާޅުވިއެވެ. ޓުރަންޕު ސިފަކުރެއްވި ގޮތުގައި ބައިޑަންނަކީ ވަރަށް ނިކަމެތި އެއްވެސް ބާރެއް ނެތް ރައީސެކެވެ. އަދި ކޯވިޑް-19ގެ އަސްލު ދެނެގަތުމަށް ޓުރަންޕުގެ ސަރުކާރުން ކުރި މަސައްކަތްތައް ބައިޑަންގެ ސަރުކާރުން ހުރަސްއަޅައި ހުއްޓުވާފައިވާކަމަށްވެސް ޓުރަންޕު ތުޙްމަތުކުރެއްވިއެވެ. ބައިޑަންނާއި އޭނާގެ ޢާއިލާއަށް ޗައިނާއިން އެތައް މިލިޔަން ޑޮލަރެއް ދީފައިވާކަމަށްވެސް ޓުރަންޕު ތުހުމަތުކުރެއްވިއެވެ.

ގައިންގަޔަށް އަރާބަލިތަކާބެހޭ އެމެރިކާގެ އިސް މާހިރު ޑރ. އެންތޮނީ ފައުޗީއަށްވެސް ޓުރަންޕުގެ ބަހުގެ ޙަމަލާތަކެއް އަމާޒުކުރެއްވިއެވެ. އެގޮތުން ކޯވިޑް-19ން ރައްކާތެރިވުމަށްޓަކައި އެމެރިކާގެ ރައްޔިތުން މާސްކު ބޭނުންކުރުމަށް ފައުޗީ ގޮވައިލެއްވި ގޮވައިލެއްވުމަށްވެސް ޓުރަންޕުވަނީ ހަޖޫ ޖައްސަވައިފައެވެ. ގިނަ ކަންތައްތަކެއްގައި ފައުޗީ ދެއްކެވި ވާހަކަތައް ގޯސްކަމަށާއި އޭގެ ތެރޭގައި ބަލިފެތުރުނީ ވުހާނުގެ ލެބޯޓުރީއަކުންކަމަށް ޤަބޫލުނުކުރެއްވުން ހިމެނޭކަމަށް ޓުރަންޕު ވިދާޅުވިއެވެ.

އޭގެ އިތުރުން އެ ބައްދަލުވުގައި ޓުރަންޕުވަނީ 2024ވަނަ އަހަރު އެމެރިކާގައި ބާއްވައި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމުގެ އިޝާރާތެއްވެސް ދެއްވައިފައެވެ.