ޚަބަރު

ކޯވިޑް-19ން އަރައިގަނެ ދުނިޔެއަށް އެހީވުމަށް އެމެރިކާއިން ކުރީ ސަފަށް


އެންމެ ގިނަ ޢަދަދެއްގެ މީހުންނަށް ކޯވިޑް-19 ޖެހި އެ ބަލީގައި އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ދުނިޔޭގެ އެންމެ ބިޔަ އިޤްތިޞާދު އޮންނަ އެމެރިކާއެވެ. 328.2 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ އެމެރިކާއިން ކޯވިޑް-19 ޖެހިފައިވާ މީހަކު ފުރަތަމަ ފަހަރަށް ފެނުނީ މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 20ވަނަ ދުވަހުއެވެ. އޭގެ ފަހުން އެ ޤައުމުން މިހާތަނަށް 33.3 މިލިޔަން މީހުންނަށް ބަލިޖެހި 597،000އަށްވުރެ ގިނަ މީހުންވަނީ މަރުވެފައެވެ. ދުނިޔޭގައި ކޯވިޑް-19 ޖެހިފައިވާ މީހުންގެ ޖުމްލަ ޢަދަދުގެ ފަސްބައި ކުޅަ އެއްބައި ޙިއްޞާކުރަނީ އެމެރިކާއިންނެވެ. އެ ޤައުމުގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓުރޯލުން މިދިޔަ މާރިޗު މަހުގެ ތެރޭގައި ބުނެފައިވަނީ އެ ޤައުމުގައި ބަލިޖެހުނު މީހުންގެ އަސްލު ޢަދަދު 115 މިލިޔަނަށްވުރެ އިތުރުވާނެކަމަށް ލަފާކުރެވޭކަމަށެވެ.
މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާގައި ހިތުގެ ބައްޔާއި ކެންސަރަށްފަހު ތިންވަނައަށް އެންމެ ގިނަ ޢަދަދެއްގެ މީހުން މަރުވެފައިވަނީ ކޯވިޑް-19 ޖެހިގެންނެވެ. 2019ވަނަ އަހަރާއި 2020ވަނަ އަހަރު އެމެރިކާގެ ރައްޔިތުންގެ އުމުރުވަނީ 78.8ން 77.8އަށް ކުރުވެފައެވެ.

އެމެރިކާއިން ކޯވިޑް-19 ފެނުމުން އެ ޤައުމުގެ އޭރުގެ ރައީސް ޑޮނަލްޑު ޓުރަންޕު އެ ޤައުމުގައި ޞިއްޙީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރެއްވީ 2020ވަނަ އަހަރުގެ ޖަނަވަރީ 31ވަނަ ދުވަހުއެވެ. ނަމަވެސް އޭރު ބައްޔާ ދެކޮޅަށް ގިނަ ފިޔަވަޅުތަކެއް އަޅާފައެއް ނުވެއެވެ. އެގޮތުން ޞިއްޙީ ނިޒާމު ވަރުގަދަކުރުމަށާއި ބައްޔަށް ތަޙްލީލުކުރާ މިންވަރު އިތުރުކުރުމަށް އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. އޭރު ޓުރަންޕު ވިދާޅުވެފައިވަނީ ކޯވިޑް-19އަކީ އެހާ ނުރައްކާތެރި ބައްޔެއް ނޫންކަމަށެވެ.

ކޯވިޑް-19 ޖެހިގެން އެމެރިކާގައި ފުރަތަމަ ފަހަރަށް މީހަކު މަރުވީ 2020ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އަދި ފުރަތަމަ ފަހަރަށް މުޖުތަމަޢުގެ ތެރޭގައި ބަލިފެތުރިދާނެކަމަށް ތައްޔާރުވެ ތިބުމަށް ފެބްރުއަރީ މަހުގެ 25ވަނަ ދުވަހު އެމެރިކާގެ ސީޑީސީން ޢާންމުންނަށް އިލްތިމާސްކުރިއެވެ. އެގޮތުން ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވެއްޖެނަމަ ޞިއްޙީ ނިޒާމު ބޮއްސުންލައިގެން ގޮސްދާނެކަމުގެ އިންޒާރު ސީޑީސީން ދިނެވެ. އާދައިގެ ރޯގާއަކަށްވުރެ ކޯވިޑް-19 ޖެހިގެން މަރުވުމުގެ ފުރުޞަތު 10 ގުނަ އިތުރުކަމަށް ގައިންގަޔަށް އަރާ ބަލިތަކާބެހޭ އެންމެ ފުންނާބުއުސް އެމެރިކާގެ މާހިރު ޑރ. އެންތޮނީ ފައުޗީ ވިދާޅުވިއެވެ.

މާރިޗު މަހުގެ 6ވަނަ ދުވަހު ކޯވިޑް-19އާ ގުޅޭ ކަންކަމަށް ޚަރަދުކުރުމަށް ޚާއްޞަ ބަޖެޓެއް ޓުރަންޕު ކަނޑައެޅުއްވިއެވެ. އެ ބަޖެޓުގެ ދަށުން ސަރުކާރުގެ އިދާރާތަކަށް 8.3 ބިލިޔަން އެމެރިކާ ޑޮލަރު ފޯރުކޮށްދިނެވެ. އޭގެ ހަފުތާއެއް ފަހުން އެމެރިކާގައި ޤައުމީ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރިއެވެ. މާރިޗު މަހުގެ 26ވަނަ ދުވަހު އެމެރިކާގެ ޤާނޫނުހަދާ މަޖިލީހުގެ މަތިގެއިން ކޯވިޑް-19ގެ ޙާލަތާއި އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމަށް 2 ޓުރިލިޔަން އެމެރިކާ ޑޮލަރު ކަނޑައަޅައި ސަރަޙައްދީ ސަރުކާރުތަކަށާއި ކުދި ވިޔަފާރިތަކަށާއި ޢާންމުންނަށް އެހީތެރިކަން ފޯރުކޮށްދޭން ފެށިއެވެ.

2020ވަނަ އަހަރުގެ އޭޕްރިލް މަހާހަމައަށް އެމެރިކާގެ ހުރިހާ ސްޓޭޓަކުންވަނީ ބަލިފެނިފައެވެ. އެމެރިކާގައި ބަލިޖެހިފައިވާ މީހުންގެ ޢަދަދު 1 މިލިޔަނަށްވުރެ މައްޗަށް ދިޔައީ އޭޕްރިލް މަހުގެ 28ވަނަ ދުވަހުއެވެ. ބަލަމަޑުކަމުގެ ފުރަތަމަ 4 މަސް ދުވަހުގެ ތެރޭގައި އެމެރިކާގައި މަރުވި މީހުންގެ ޢަދަދު 100،000އަށްވުރެ އިތުރުވިއެވެ.

ކޯވިޑް-19ން ސަލާމަތްވުމަށް ވެކްސިނެއް އުފެއްދުމުގެ މަސައްކަތް އޭރުވަނީ ގިނަ ކުންފުނިތަކަކުން ފަށައިފައެވެ. މެއި މަހުގެ 21ވަނަ ދުވަހު އެމެރިކާގެ ސަރުކާރާއި އެސްޓުރަޒެނެކާ ކުންފުނިން ގުޅިގެން ވެކްސިނެއް އުފެއްދުމުގެ މަސައްކަތްކުރުމަށް އެއްބަސްވެފައިވާކަން އިޢުލާނުކުރިއެވެ. އަދި އޮކްޓޯބަރު މަހުގެ ތެރޭގައި ވެކްސިން ލިބޭނެކަން އިޢުލާނުކުރިއެވެ.

ބަލި ފެތުރުން ހުއްޓުވުމަށް އެމެރިކާގައި އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ބައެއް ސްޓޭޓުތަކުގައި ލުއިތަކެއް ދޭންފެށުމުން ޖޫން މަހުގެ ތެރޭގައި ބަލީގެ ދެވަނަ ރާޅެއް އަނެއްކާވެސް ފެތުރެން ފެށިއެވެ. އޭގެ ސަބަބުން ދުވާލަކު ބަލިޖެހޭ މީހުންގެ ޢަދަދު 60،000އަށްވުރެ އިތުރުވިއެވެ. ޖުލައި މަހުގެ 7ވަނަ ދުވަހު އެމެރިކާގައި ބަލިޖެހުނު މީހުންގެ ޢަދަދު 3 މިލިޔަނަށްވުރެ އިތުރުވިއެވެ. ހަމަ އެ ދުވަހު އެމެރިކާއިން ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ، ޑަބުލިޔުއެޗުއޯއިން ވަކިވުމުގެ މަސައްކަތް ފެށިއެވެ. އެމެރިކާއިން ޑަބުލިޔުއެޗުއޯއިން ވަކިވުމަށް ނިންމީ އެ ޖަމުޢިއްޔާއިން ބަލިމަޑުކަން އެންމެ ފުރަތަމަ ފެނުނު ޗައިނާއަށް އިސްކަންދޭކަމަށް ބުނެ ހިތްހަމަނުޖެހިގެންވެ.

އެމެރިކާގެ ބަލިމަޑުކަމުގެ ޙާލަތު ރަނގަޅުވާން ފެށި ނަމަވެސް ގިނަ ދުވަސްތަކެއް ނުވެ އޮކްޓޯބަރު މަހުގެ މެދުތެރޭގައި އަނެއްކާވެސް ބަލިޖެހޭ މީހުންގެ ޢަދަދު އިތުރުވާން ފެށިއެވެ. އެ ދުވަސްވަރު ދުވާލަކު ބަލިޖެހޭ މީހުންގެ ޢަދަދު 100،000އަށް އިތުރުވިއެވެ.
އޮކްޓޯބަރު މަހުގެ ކުރީކޮޅު އެމެރިކާގެ ސަރުކާރަށް ނިޞްބަތްވާ ގިނަ ޢަދަދެއްގެ އިސްވެރިންނާއި ސިޔާސީވެރިންނަށް ކޯވިޑް-19 ޖެހުނެވެ. އެގޮތުން ޓުރަންޕަށާއި އޭނާގެ އަނބިކަނބަލުންނަށް ކޯވިޑް-19 ޖެހުނުކަން އޮކްޓޯބަރު މަހުގެ 2ވަނަ ދުވަހު އިޢުލާނުކުރިއެވެ. އޭރު އޮތީ އެ ޤައުމުގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައެވެ. އިންތިޚާބާ ގުޅިގެން ބޭއްވި ބައެއް އެއްވުންތަކުގެ ސަބަބުން އެމެރިކާގެ ބައެއް ސްޓޭޓުތަކުގައި ބަލިޖެހުނު މީހުންގެ ޢަދަދު ގާތްގަނޑަކަށް 35 އިންސައްތަ އިތުރުވިއެވެ.

އެމެރިކާގެ ކޯވިޑް-19ގެ ޙާލަތު ގޯސްވީ އޭރު ރައީސްކަމުގެ މަޤާމުގައި ހުންނެވި ޓްރުންޕުގެ ދޯދިޔާކަމުންކަމަށް ބުނެ ގިނަ ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވެފައިވަނިކޮށް އެމެރިކާގެ ރިޔާސީ އިންތިޚާބު ނޮވެންބަރު މަހުގެ ތެރޭގައި ބޭއްވިއެވެ. އިދިކޮޅު ކެންޑިޑޭޓު ޖޯ ބައިޑަން އިންތިޚާބު ކާމިޔާބުކުރައްވައި ޤައުމުގެ ޙާލަތު ރަނގަޅުކުރުމަށް ވަގުތުން އަތުކުރި އޮޅައިލެއްވިއެވެ. ޑިސެންބަރު މަހުގެ 14ވަނަ ދުވަހު އެމެރިކާގައި ކޯވިޑް-19އަށް ވެކްސިން ދޭން ފެށި ނަމަވެސް 2021ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި ބައިޑަން ވެރިކަމާ ޙަވާލުވެޑައިގަންނަވަންދެން ވެކްސިން ދީފައިވަނީ ވަރަށް ލަސް ދުވެއްޔަގައެވެ. ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ވެކްސިންގެ 100 މިލިޔަން ޑޯޒު ދިނުމަށް ބައިޑަން ވަޢުދުވެވަޑައިގަންނަވައި އެ ލަނޑުކަނޑި 2021ވަނަ އަހަރުގެ އޭޕުރިލް މަހުގެ 21ވަނަ ދުވަހު ހާޞިލުކުރައްވައި ޑަބުލިޔުއެޗުއޯއަށް އަލުން ގުޅުމަށް ނިންމެވިއެވެ.

ބައިޑަން ވެރިކަމާ ޙަވާލުވެވަޑައިގެންތާ ކުރީކޮޅު އެމެރިކާއިން ކޯވިޑް-19ގެ ނުރައްކާތެރި އައު ވައްތަރެއް ފެނުނެވެ. އަދި އެމެރިކާގެ ޙާލަތު އަނެއްކާވެސް ގޯސްވާނެކަމުގެ އިންޒާރު ސައިންސުވެރިން ދިނެވެ. އެއާއެކު ވެކްސިން ދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް އިތުރު ހިތްވަރަކާއެކު ފުޅާކުރާނެކަމަށް ބައިޑަން އިޢުލާނުކުރެއްވިއެވެ. ކާމިޔާބުކަމާއެކު ޢާންމުންނަށް ވެކްސިން ދޭން ފެށުމުން ޤައުމުގެ ޙާލަތު ރަނގަޅުވިއެވެ. ޖަނަވަރީ މަހުގެ ތެރޭގައި ދުވާލަކު 200،000އަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނު ނަމަވެސް މެއި މަހުގެ ތެރޭގައި އެ ޢަދަދުވަނީ 15،000އަށް ދަށަށް ގޮސްފައެވެ. އެއާއެކު ވެކްސިން ޖަހާފައިވާ މީހުންނަށް މާސްކު އެޅުންފަދަ ފިޔަވަޅުތަކަށް ސީޑީސީން ލުއިތަކެއް ދިނެވެ. އޭގެ ސަބުން އިތުރު މީހުން ވެކްސިން ޖެހުމަށް ހިތްވަރަކަށް ވެގެން ދިޔައެވެ. އެމެރިކާގެ ޙާލަތު ރަނގަޅުވުމުގައި އެންމެ މައިގަނޑު ދައުރެއް ޢަދާކޮށްފައިވަނީ ގިނަ ޢަދަދެއްގެ މީހުންނަށް ވެކްސިން ޖެހުމެވެ. އެގޮތުން އެމެރިކާގައި ވެކްސިންގެ 300 މިލިޔަން ޑޯޒުވަނީ ދީފައެވެ.

ކޯވިޑް-19ގެ ސަބަބުން އެމެރިކާގެ ބިޔަ އިޤްތިޞާދަށް ބޮޑު ހީނަރުކަމެއް ލިބުނެވެ. 2020ވަނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި އެ ޤައުމުގެ އިޤްތިޞާދު 4.8 އިންސައްތަ ދަށަށް ދިޔައެވެ. އެ އަހަރުގެ އޭޕުރިލް މަހުގެ ތެރޭގައި ވަޒީފާ ނެތް މީހުންގެ ނިޞްބަތް 14.7 އިންސައްތަ އިތުރުވިއެވެ. ޞިއްޙީ ކަންކަމަށް 34 ބިލިޔަނާއި 251 ބިލިޔަނާ ދެމެދުގެ ޢަދަދަކަށް ފައިސާ ޚަރަދުކުރަން ޖެހުނެވެ. 2020ވަނަ އަހަރުގެ ދެވަނަ ކުއާޓަރުގައި އެ ޤައުމުގެ ތާރީޚުގައި އިޤްތިޞާދު ހީނަރުނުވާ މިންވަރަށް އިޤްތިޞާދަށް ލޮޅުން އެރިއެވެ. އެގޮތުން އެ ޤައުމުގެ އުފެއްދުންތެރިކަމުގެ ނިޞްބަތް 32.9 އިންސައްތަ ދަށަށް ދިޔައެވެ.

ބައިޑަން ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު އެމެރިކާގެ ވިޔަފާރިތަކަށާއި ޢާންމުންނަށް އެހީތެރިވުމަށް ޚާއްޞަ ޕެކޭޖެއް އިޢުލާނުކުރެއްވިއެވެ. މާރިޗު މަހުގެ ތެރޭގައި ބައިޑަން ތަސްދީޤުކުރެއްވި ބިލުގެ ދަށުން 1.9 ޓުރިލިޔަން އެމެރިކާ ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ކަނޑައެޅިއެވެ. އެ ޕެކޭޖުގެ ދަށުން ޓްރަންޕު ކުރިން އިޢުލާނުކުރެއްވި އެހީތަކުގެ ތެރެއަށް އިތުރު އެހީތަކެއް އިތުރުކުރިއެވެ. ޢާންމުންނަށް 1،400 އެމެރިކާ ޑޮލަރުގެ ދީލަތި އެހީތެރިކަން ދިނުމުގެ އިތުރުން ވަޒީފާ ގެއްލިފައިވާ މީހުންނަށް ދެމުންދިޔަ އިނާޔަތްތައް ދޭނެ މުއްދަތު އިތުރުކުރިއެވެ. އޭގެ އިތުރުން ސަރަޙައްދީ ސަރުކާރުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 350 ބިލިއަން އެމެރިކާ ޑޮލަރު ކަނޑައެޅިއެވެ. އެ ޕެކޭޖުގެ ޢަދަދު ކިތަންމެ ބޮޑު ނަމަވެސް ޤައުމުގެ ރައްޔިތުންގެ ޙާލަތު ރަނގަޅުކުރުމަށް އެއީ ކޮންމެހެން އަޅަންޖެހޭ ފިޔަވަޅެއްކަމަށް ބައިޑަން ވިދާޅުވިއެވެ.

އެމެރިކާގެ އިޤްތިޞާދަށް ހީނަރުކަން ލިބުނު ނަމަވެސް ބަލިމަޑުކަމުގެ ޙާލަތުގައި އެ ޤައުމުން ދުނިޔޭގެ އެހެން ޤައުމުތަކުގެ މަތިން ހަނދާން ނައްތާލައިފައެއް ނުވެއެވެ. އެ ޤައުމުން ދިޔައީ އަމިއްލަ ޤައުމެކޭ އެއްގޮތަށް ދުނިޔޭގެ އެހެން ޤައުމުތަކަށްވެސް ދީލަތި އެހީތަކެއް ފޯރުކޮށްދެމުންނެވެ. ބަލިމަޑުކަން ފެތުރެން ފެށުނީއްސުރެ އެމެރިކާއިންވަނީ ބަލިމަޑުކަމާ ދެކޮޅަށް މަސައްކަތްކުރުމަށް ބޭރު ޤައުމުތަކަށާއި ޖަމުޢިއްޔާތަކަށް އެހީތެރިކަމުގެ ގޮތުގައި 1.5 ބިލިއަން އެމެރިކާ ޑޮލަރު ފޯރުކޮށްދީފައެވެ. އެމެރިކާއިން ފޯރުކޮށްދެމުންދާ އެހީގެ ސަބަބުން 120އަށްވުރެ ގިނަ ޤައުމުގެ ޞިއްޙީ ނިޒާމުތައް ވަރުގަދަވެ އިޤްތިޞާދަށް ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.

އެމެރިކާއިން ދައްކުވައިދީފައިވަނީ ޙާލަތު ކިތަންމެ ގޯސްވި ނަމަވެސް ހަރުދަނާ ސިޔާސަތުތަކެއް ތަންފީޒުކޮށް ރައްޔިތުންގެ މަސްލަޙަތު އިސްކުރުމުން ޤައުމުގެ ޙާލަތު ރަނގަޅުވެ ކުރިއެރުން ލިބޭނެކަމުގެ ލާމަސީލު މިސާލެކެވެ. އެހެން މީހުންނަށް އިނގިލި ދިއްކުރުމުގެ ބަދަލުގައި ރައްޔިތުންގެ ހެވާއި ލާބައަށް ވިސްނައި ފިޔަވަޅު އެޅުމުގެ މުހިންމުކަން އެ ޤައުމުންވަނީ ސާބިތުކޮށްދީފައެވެ.