ޚަބަރު

އޮޑިޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި


ހުސްވެފައިވާ އޮޑިޓަރ ޖެނެރަލްގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުޞަތުގެ މުއްދަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އިތުރުކޮށްފިއެވެ. އޮޑިޓަރ ޖެނެރަލްގެ މަޤާމު ހުސްވެފައިވަނީ އެ މަޤާމުގައި ހުންނެވި ހަސަން ޒިޔަތު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

މި މަގާމަށް އެދި ހުށައެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މިމަހުގެ 16ވަނަ ދުވަހުގެ ނިޔަލަށެވެ. ރައީސް އޮފީހުން ވިދާޅުވީ އޮޑިޓަރ ޖެނެރަލް ކަމަށް ކުރިމަތިލުމަށް އެދޭ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، ޖޫން މަހުގެ 15ވަނަ ދުވަހާ 16ވަނަ ދުވަހު ހެނދުނު 10:00 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކަމަށެވެ. ‌‏އަދި، މި ފޯމު ‌‏ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެކަމަށްވެސް ރައީސް އޮފީހުން ވިދާޅުވެއެވެ.

ކުރީގެ އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު މަޤާމުން އިސްތިއުފާދެއްވީ މަޖިލީހުން ޢާއްމުކޮށްފައިވާ އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާލިބުނު ކަމަށް ތުހުމަތުވާ ފަރާތްތަކުގެ ލިސްޓުގައި ޒިޔަތުގެ ނަން އޮތުމުން، މިދިޔަމަހުގެ 12 ވަނަ ދުވަހުއެވެ.

އިސްތިއުފާ ދެއްވައި ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީގައި ޒިޔަތު ވިދާޅުވީ ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުގައި އޭނާ މިވަގުތު ދެމިހުރުމަކީ، ދައުލަތާއި އޮޑިޓަރ ޖެނެރަލް އޮފީހުގެ ކަރާމަތާއި ގަދަރަށް އުނިކަން އަންނާނެ ކަމެއްކަމުގައި ދެކޭކަމަށާއި، އެހެންކަމުން ތަހުޒީބު މުޖުތަމައު ތަކުގައި އަމަލު ކުރާ އުސޫލުން، ދިވެހި ދައުލަތުގެ އޮޑިޓަރ ޖެނެރަލްގެ މަގާމުން އިސްތިއުފާދެއްވާފައިވާކަމަށެވެ.