ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން 25 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
ފުލުހުން މިކަން ހާމަކުރެއްވީ ރައީސް ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާ ގުޅިގެން އެންމެފަހުގެ މައުލޫމާތު ހާމަކުރުމަށް ބޭއްވި ފްރެސް ކޮންފަރެންސެއްގައެވެ.
ޕްރެސް ކޮންފަރެންސްގައި ވާހަކަފުޅުދައްކަވަމުން ފުލުހުން ވިދާޅުވީ ރައީސް ނަޝީދަށް އަމާޒުކޮށް މިދިޔަމަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއާ ގުޅިގެން މިހާތަނަށް 150 އަށްވުރެ ގިނަ ފަރާތުން މައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. އަދި 25 ތަނެއް ބަލައި ފާސްކޮށްފައިވާކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މިމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ 4 މީހުން ފިޔަވައި އިތުރު ބަޔަކު ހައްޔަރުކޮށްފައިނުވާކަމަށެވެ. ނަމަވެސް ތަހުޤީޤަށް ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަމަށާއި، މިކަމުގެ ފަހަތުގައި ތިބި މީހުން ހޯދާނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
ފުލުހުންގެ ޕްރެސް ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއަށް ޚަރަދުކުރި މީހުން ހޯދުމުގެ މަސައްކަތްކުރަމުންދާކަމަށެވެ. އެގޮތުން އެމެރިކާގެ ތަޖުރިބާކާރެއްގެ އެހީގެ ދަށުން އެމަސައްކަތްކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ރައީސް ނަޝީދަށް ދިން ހަމަލާއަށް އެއްމަސް ހަމަވާ ދުވަހާއި ދިމާކޮށް ފުލުހުން މިއަދު ބޭއްވިއިރު، ފުލުހުން މިއަދު ބޭއްވި ޕްރެސްކޮންފަރެންސްގައި ރައީސް ނަޝީދުގެ ހަމަލާއާ ގުޅޭގޮތުން އިތުރު މާބޮޑު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މި ހަމަލާއާއި ގުޅިގެން މިހާތަަނަށް ހައްޔަރުކުރި ހަތަރު މީހުންނަކީ މއ.ފޭރުގެ ޢުމުރުން 21 އަހަރުގެ މުޖާޒް އަޙްމަދާއި ގއ.ކޮނޑޭ ފޮޅޭމާގޭ ޢުމުރުން 32 އަހަރުގެ ތަހްމީނު އަޙްމަދާއި، ރައީސް ނަޝީދަށް ހަމަލާދިން ބޮން ގޮއްވާލީ ވ.ތިނަދޫ ހިޔާ ޢުމުރުން 25 އަހަރުގެ އަދުހަމް އަޙްމަދު ރަޝީދާއި ލ.ގަން / ދުންފިނި އުފާ، ޢުމުރުން 23 އަހަރުގެ އަހުމަދު ފާތިހެވެ. މީގެތެރެއިން އަދުހަމް އަޙްމަދަކީ ރައީސް ނަޝީދަށް ހަމަލާދިނުމަށް ސައިކަލްގައި ހަރުކޮށްފައި އޮތް ބޮން ގޮއްވާލުމުގައި އަމަލީ ގޮތުން ބައިވެރިވި މީހާއެވެ. ފުލުހުން އާއްމުކުރި ވީޑިއޯ ފުޓޭޖްތަކަށް ބަލާއިރު މީނާ މިކަން ކޮށްފައިވަނީ ރައީސް ނަޝީދަށް ފާރަލައިގެން ފިލާ ހުރެކަން އެގެއެވެ. ދެން މި މައްސަލާގައި ހަރަުކޮށްފައިވާ ތަހްމީނު އަޙްމަދަކީ ބޮން ހަރުކޮށް ގޮއްވާލި ސައިކަލްގެ ވެރި ފަރާތެވެ.
ރައީސް ނަޝީދު އަވަހާރަކޮށްލަން ދިން ޓެރަރިސްޓް ހަމަލާގެ ތަހުޤީގުގެ މައުލޫމާތު ހާމަކުރުން ލަސްވާތީ އެމަނިކުފާނުގެ އާއިލީ ބޭފުޅުންނާއި ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ފުލުހުން މީގެ ކުރިން ވިދާޅުވީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ މީހުންނާއި ތަހުޤީގު ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ އޮފިސަރުން ކޯވިޑަށް ޕޮޒިޓިވްވުމުން ތަހުޤީގަށް ލަސްތަކެއް ކުރިމަތިވެފައިވާކަމަށެވެ. އެހެންނަމަވެސް މި ތަހުޤީގަށް ލިބެމުން އަންނަ ކުރި އެރުންތައް މަޖިލީހަށް ހިއްސާކުރަމުން އަންނަކަން ފުލުުހުން ވަނީ ހާމަކުރައްވާފައެވެ.
ފުލުހުން ވިދާޅުވީ މި މައްސަލާގައި ހަމަލާދިނުމުގައި ބައިވެރިވި މީހުންގެ އިތުރުން މި ހަމަލާދިނުމުގެ ފަހަތުގައި ތިބެ އެކަމަށް ހަރަދުކުރީ ކޮންބައެއްތޯވެސް ހޯދާނެކަމަށެވެ. އަދި މިކަމަށް ފަންޑުކުރި މީހުން ހޯދުމަށް ރައީސް ނަޝީދުވެސް ވަނީ ގޮވާލައްވާފައެވެ.
ރައީސް ނަޝީދަށް ދިން ހަމަލާގައި އެމަނިކުފާނުގެ ސެކިއުރިޓީ ބްރީޗްވި ގޮތުގެ އިންކުއަރީއެއް މަޖިލީހުގެ 241 ކޮމެޓިން އަންނަނީ ކުރަމުންނެވެ.
ރައީސް ނަޝީދަށް ދިން ނުރައްކާތެރި ހަމަލާގައި އެމަނިކުފާނަށް ސީރިއަސް ޒަހަމްތަކެއް ލިބިވަޑައިގެން ގިނަ އޮޕަރޭޝަންތަކެއް ވަނީ ކޮށްފައެވެ. އަދި އެ ޒަހަމްތަކަށް އޭޑީކޭގައި ފަރުވާ ހޯއްދެއްވުމަށްފަހު ޖަރުމަންވިލާތަށް ވަޑައިގެން އިތުރު ފަރުވާ ވަނީ ހޯއްދަވާފައެވެ. އަދި އަންނަ މަހު އެނބުރި ރާއްޖެ ވަޑައިގެންނެވޭވަރު ވާނެކަން ރައީސް ނަޝީދު ވަނީ ހާމަކުރައްވާފައެވެ.