ޚަބަރު

ކޯވިޑް ފެތުރޭތީ ޤައިދީން ޖަލުން ބޭރަކަށް ނުނެރޭނެ


ކޯވިޑް ފެތުރޭތީ މާލޭ ޖަލުގައި ތިބި އެއްވެސް ޤައިދީއަކު ޝަރީއަތަށްވެސް ނުގެންދާން މޯލްޑިވްސް ކަރެކްޝަނަލް ސާރވިސް އިން ނިންމައިފިއެވެ. މާލޭ ޖަލުގައި ހައްޔަރުކޮށް ތިބި ބައެއް ޤައިދީންގެ ޝަރީއަތެއް މިއަދު އޮތީ ކްރިމިނަލް ކޯޓްގައި ތާވަލުކޮށްފައެވެ.

އެކޯޓްގައި މިއަދު ބާއްވަން ތާވަލުކޮށްފައި އޮތް ޝަރީއަތަކީ ތިމަރަފުށީ ތައުލީމީ މަރުކަޒުގައި އޯލެވްލެ އިމްތިހާނު ހަދަމުންދަނިކޮށް އެ މަރުކަޒު ގޮއްވާލަން، ރޭވިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ މައްސަލައެވެ. އެހެންނަމަވެސް މި މައްސަލައިގެ އަޑުއެހުންވަނީ ކެންސަލްކޮށްފައެވެ.

މިއަދު 10:00 ބާއްވަން އޮތް މި އަޑުއެހުން ކެންސަލްކުރީ ކޯވިޑް ވަރަށް ބޮޑަށް ފެތުރިފައިވާތީ އެއްވެސް ޤައިދީއަކުން ޖަލުން ބޭރަށް ނެރެން ކަރެކްޝަނުން ބޭނުންނުވާތީއެވެ. އަދި މިވަގުތު މާލޭ ޖަލުގެ ހުރިހާ މޫވްމަންޓެއް އެއްކޮށް ހުއްޓާލާފައިވާކަން ކަރެކްޝަނުން ވަނީ ކޯޓަށް އަންގާފައެވެ.

އައިއެސްއާއި ގުޅިގެން ބޮން ގޮއްވަން ރޭވިކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ އުފުލާފައިވާ ތ ތިމަރަފުށީ ފެހިވިދުވަރުގެ އުމުރުން 34 އަހަރުގެ އަބްދުﷲ ޝަރީފާއި ހަމަ އެރަށު އަސްރަފީވިލާ އުމުރުން 32 އަހަރުގެ އަޙްސަން މުހައްމަދުާއި އެރަށު ކެނެރީގެ އުމުރުން 28 އަހަރުގެ އަލީ މުނީޒާއި ތިމަރަފުށީ އަސުރުމާގެ އުމުރުން 34 އަހަރުގެ މުހައްމަދު އާޞިރާއި އެރަށު ސައިމާގެ އުމުރުން 20 އަހަރުގެ ސަމާހު ޝަރީފުގެ އިތުރުން ރ. ކަނދޮޅުދޫ ފެހިވިލާ އުމުރުން 18 އަހަރުގެ އަލީ އަރުހަމް މުހައްމަދާއި ނ. ކުޑަފަރި، ރޯޒްމީޑު، އިބްރާހިމް ލޫޠާއި ރ. މަޑުއްވަރި، ބީޗްހައުސް ޢަބްދުﷲ ޢިމާދުގެ މައްޗަށެވެ.

މި މީހުންގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމް އަމަލެއް ހިންގަން ހިތްވަރު ދިނުމުގެ ކުށުގެ ދައުވާއާއި ޓެރަރިޒަމް އަމަލެއް ކުރުމަށް ބޭނުންވާ އުކުޅުތައް ދަސްކުރުމުގެ ކުށުގެ ދައުވާއާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާ ލިޔުމެއް ގެންގުޅުމުގެ ކުށުގެ ދައުވާއާއި ޓްރެރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ކުށުގެ ދައުވާއާއި އަދުލް އިންސާފު ޤާއިމުކުރުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާއެވެ.

މި 8 މީހުންގެ މައްޗަށް ދައުވާކުރާ މައްސަލަތަކުގެ ތެރޭގައި ތ. ތިމަރަފުށީގައި ދީނުގެ ނަމުގައި ޓެރަރިސްޓް ޖަމަޢަތްތަކަށް ތާޢީދުކޮށް ޓެރަރިޒަމަށް ހިތްވަރުދީ ޓެރެރިސްޓް ޖަމާޢަތްތަކުގެ ޢަމަލުތަކަކީ ސަބަބުވެރި ޢަމަލުތަކެއްކަމަށް ދައްކައި ޓެރަރިސްޓް ޖަމާޢަތެއްކަމަށްވާ އިސްލާމިކް ސްޓޭޓް ޖަމާޢަތުގެ އިރުޝާދުގެ ދަށުން ދިވެހިރާއްޖޭގައި ޓެރަރިޒަމްގެ ޢަމަލުތައްކުރުމަށް ރާވައި އެކަމަށް ހިތްވަރުދިނުން ހިމެނެއެވެ.