މުނިފޫހިފިލުވުން

"ޑޮކްޓަރ ޖީ" އަޔުޝްމާނާ، އިންދްރާނެއިލް އެކުގައި


ޑްރާމާ ފިލްމު "ޑޮކްޓަރ ޖީ" އިން އަޔުޝްމާން އާއި އެކު ބޮލީވުޑް އެކްޓަރ އަދި މޮޑެލް އިންދްރާ ނެއިލް ސެންގުޕްތާ ފެނިގެންދާނެއެވެ. މި ފިލްމުގައި ރަކުލް ޕްރީތް ސިންގްވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ.

ޑރ އުދޭ ގުޕްތާގެ ރޯލު އަޔުޝްމާން ކުޅޭއިރު ރަކުލްގެ ރޯލަކީ މެޑިކަލް ކިޔަވާ ދަރިވެރެއްކަމަށްވާ ޑރ ފާތިމާގެ ރޯލެވެ. އަދި އިންދްރާނެއިލް ވެސް ފިލްމުގެ މުހިންމު ރޯލެއް ކުޅޭނެކަމަށް ފިލްމުގެ ޓީމާއި ޙަވާލާދި ޚަބަރުތައް ބުނެއެވެ. އަނުބުތީ ކަޝަޕް ޑައިރެކްޓްކުރާ މި ފިލްމުގެ ސްކްރީން ޕްލޭ ތައްޔާރުކޮށްފައިވަނީ ސުމިތް ސަކްސޭނާއެވެ.

2012 ވަނަ އަހަރު ނެރުނު ފިލްމު "ވިކީ ޑޯނަރ" އިން މަޝްހޫރުވި އެކްޓަރ އަޔުޝްމާން ފާހަގަވެފައި ވަނީ ތަފާތު ފިލްމުތައް ކުޅޭ ތަރިއެއްގެ ގޮތުގައެވެ. އޭނާގެ ފުރަތަމަ ފިލްމުންވެސް އެނާވަނީ އެ އަހަރުގެ ފިލްމު ފެއަރ އެވޯޑްގެ އެންމެ މޮޅު ފިރިހެން ޑެބިއުގެ އެވޯޑް އުފުލާލާފައެވެ. އޭގެފަހުން 'ދަމް ލަގާކޭ ހައިޝާ' 'ބަރޭލީ ކީ ބަރްފީ' 'ބަދާއީ ހޯ' 'އަންދާދުން' އަދި 'އާޓިކަލް 15' ފަދަ ފިލްމުތަކުން އަޔުޝްމާން ވަނީ ފެނިގެން ގޮސްފައެވެ.

އެކްޓަރ އަދި މޮޑެލް އިންދްރާނެއިލް ވަނީ 1999 ވަނަ އަހަރު މޮޑެލިންގެ ދުނިޔެއަށް ވަދެފައެވެ. މޮޑެލިންގެ އިތުރުން ބައެއް މިޔުޒިކް ވީޑިއޯތަކުގައިވެސް މަސައްކަތްކޮށްފައިވާ އިންދްރާނެއިލް ވަނީ ބައެއް ހިންދީ ފިލްމުތަކުންވެސް ފެނިފައެވެ. މިގޮތުން "މުމްބާއި މަސާލާ" އަދި "ކަހާނީ" ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން އޭނާވަނީ ގިނަ ބެންގާލީ ފިލްމުތަކެއްގައި މަސައްކަތްކޮށްފައެވެ.