ކުޅުދުށްފުށީގައި ޒުވާނަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި އިތުރު 2 މީހަކު ހައްޔަރުކޮށްފިއެވެ.
މިދިޔަ މެއިމަހުގެ 29 ވަނަ ދުވަހުގެ ރޭ ކުޅުދުއްފުށީގައި މީހަކަށް އަނިޔާ ކުރި މައްސަލައެއްގައި ކޯޓު އަމުރެއްގެ ދަށުން މިއަދު 19 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާކަމަށާއި މިރޭ 20 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާކަން ފުލުހުންވަނީ ހާމަކޮށްފައެވެ. މިއާއެކު މިމައްސަލައިގައި މިހާތަނަށް ޖުމްލަ 4 މީހުން ވަނީ ހައްޔަރުކޮށްފައެވެ. އަދި މިމައްސަލައިގައި ޒަޚަމްވި ޒުވާނާ އެރުވި ކަމަށް ބެލެވޭ ކާރުވެސް ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
މިދިޔަ މެއިމަހުގެ 29 ވަނަ ދުވަހުގެ ރޭ 20:48 އެހާކަންހާއިރު މޫނު ނިވާކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ޒުވާނަކު ރަހީނުކޮށް ކާރަކަށް އަރުވައިގެން ގެންދިޔުމަށްފަހުވަނީ އަނިޔާކޮށްފައެވެ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުން މީގެ ކުރިން ވިދާޅުވެފައިވަނީ މިޒުވާނާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުންޑިއަށް ލޭ އަރާފައިވާކަމަށެވެ. މިހާދިސާގައި ލިބުނު ޒަޚަމްތަކަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާ ހޯދުމަށްފަހު އިތުރު ފަރުވާއަށް މާލެ ގެނެސް މިޒުވާނާ އަންނަނީ ފަރުވާ ހޯދަމުންނެވެ.
މިމައްސަަލަ ފުލުހުންދަނީ ތަޙްޤީގު ކުރަމުންނެވެ.