ޚަބަރު

އަފްޣާނިސްތާނަށް އެހީތެރިވުމަށް އެމެރިކާއިން 266 މިލިޔަން ޑޮލަރު ދެނީ


އަފްޣާނިސްތާނަށް އެހީތެރިވުމަށް އެމެރިކާއިން 266 މިލިޔަން ޑޮލަރު ޚަރަދުކުރާނެކަމަށް އެ ޤައުމުން އިޢުލާނުކޮށްފިއެވެ.

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑު ޓުރަމްޕުގެ ސަރުކާރުންވަނީ ޠާލިބާނުންނާއެކު ޞުލްޙައިގެ އެއްބަސްވުމެއްގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައެވެ. އެ އެއްބަސްވުމުގެ ދަށުން ފާއިތުވި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ގިނަ ޢަދަދެއްގެ ސިފައިންވަނީ އަނބުރާ ޤައުމަށް ގެންގޮސްފައެވެ. ނަމަވެސް 2،500އެއްހާ އެމެރިކާގެ ސިފައިން އަދިވެސް އަފްޣާނިސްތާނުގައި އެބަތިއްބެވެ. ސެޕްޓެމްބަރު މަހުގެ 11ވަނަ ދުވަހުގެ ކުރިން އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އަނބުރާ ގެންދަވާނެކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑަންވަނީ އިޢުލާނުކުރައްވައިފައެވެ.

ޞުލްޙަވެރި ކުރިމަގު ހޯދައިދިނުމަށް ޚާރިޖީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި އެހެނިހެން ގޮތްގޮތުން އެ ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމިތިބޭނެއެވެ. ނަމަވެސް އިންސާނީ ޙައްޤުތައް ކަށަވަރުކުރުމުގައި އަފްޣާނިސްތާނުން ހޯދާފައިވާ ކުރިއެރުންތައް ނުދަމަހައްޓާނަމަ އެ ޤައުމަށް ދޭ އެހީތެރިކަން މެދުކަނޑައިލާނެކަމުގެ އިންޒާރު އެމެރިކާއިންވަނީ ދީފައެވެ.

އެމެރިކާއިން އަފްޣާނިސްތާނަށްދޭ އެހީތެރިކަން އިތުރުކުރުމުން 2002ވަނަ އަހަރުން ފެށިގެން އެމެރިކާއިން އަފްޣާނިސްތާނަށް ދީފައިވާ އެހީތެރިކަމުގެ ޖުމްލަ ޢަދަދު 3.9 ބިލިޔަނަށް އަރައެވެ. އެމެރިކާއިން އަފްޣާނިސްތާނަށް އެހީތެރިކުރުމަށް ޚަރަދުކުރާ ފައިސާއިން ޙާލުގައި ޖެހިފައިވާ އަފްޣާނިސްތާނުގެ 18 މިލިޔަނަށްވުރެ ގިނަ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ. އޭގެ ތެރޭގައި ގެދޮރު ގެއްލިފައިވާ 4.8 މިލިޔަން މީހުންވެސް ހިމެނެއެވެ. އޭގެ ތެރެއިން ގާތްގަނޑަކަށް 115،000 މީހުންނަކީ މި އަހަރުގެ ތެރޭގައި އަފްޣާނިސްތާނުގައި ހިނގާފައިވާ ހަމަނުޖެހުންތަކުގެ ސަބަބުން އެހެން ސަރަޙައްދުތަކަށް ދިޔުމަށް މަޖުބޫރުވެފައިވާ މީހުންނެވެ. އެ ފައިސާ ބޭނުންކުރާނީ ބޯހިޔާވަހިކަން ހޯދައިދިނުމަށާއި ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށާއި ޞިއްހީ ފަރުވާ ފޯރުކޮށްދިނުމަށާއި ކާބޯތަކެއްޗާއި ބޯފެނާއި ނަރުދަމާގެ ޚިދުމަތްތައް ފޯރުކޮށްފިނުމަށްކަމަށް އެމެރިކާއިން ބުނެއެވެ. އަދި ނުރައްކަލަށް ހުށަހެޅިފައިވާ އަންހެނުންނާއި ކުޑަކުދިންނަށް ރައްކާތެރިކަން ހޯދައިދިނުމަށް ހިންގާ ޙަރަކާތްތަކަށް ޚަރަދުކުރުމަށްވެސްވަނީ ހަމަޖެހިފައެވެ.

އެމެރިކާއިން ބުނީ އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލި ނަމަވެސް އަފްޣާނިސްތާނަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެކަމަށެވެ. އަފްޣާނިސްތާނުގައި ތިބި އެމެރިކާގެ ސިފައިން އެ ޤައުމުން ބޭލުމުގެ މަސައްކަތް ކުރިއަށްދާ މި ދަނޑިވަޅުގައި އެ ޤައުމުގައި ޞުލްޙަ ޤާއިމުކުރުމާގުޅޭ މަޝްވަރާތަކަށްވަނީ މަޑުޖެހިފައެވެ. އެމެރިކާގެ ސިފައިން އަފްޣާނިސްތާނުން ފޭބުމުން ޠާލިބާނުންގެ ނުފޫޒު އެ ޤައުމުގައި ވަރަށް ބޮޑަށް އިތުރުވާނެކަމަށް ބެލެވެއެވެ.