ޚަބަރު

ކެންސީނޯބަޔޯގެ ވެކްސިން ޕާކިސްތާނުގައި ތައްޔާރުކުރަނީ


ކޯވިޑް-19އަށް ޗައިނާއިން އުފައްދާފައިވާ ކެންސީނޯބަޔޯ ވެކްސިން ޕާކިސްތާނުގައި ތައްޔާރުކުރަން ފަށައިފިއެވެ.

ޕާކިސްތާނުގެ ސަރުކާރުން ކެންސީނޯބަޔޯގެ ވެކްސިން އެ ޤައުމުގައި ތައްޔާރުކުރުމަށް އެ ކުންފުންޏާއެކު އެއްބަސްވުމެއްގައި ސޮއިކުރީ މިދިޔަ މާރިޗު މަހުގެ ތެރޭގައެވެ. އެ މަސައްކަތްކުރަނީ އެއް ޑޯޒު ހިމެނޭ އެ ވެކްސިންގެ ކޮންސެންޓުރޭޓު ގަނޑުކޮށް އެތެރެކޮށް ޕާކިސްތާނުގެ ކާރުޚާނާއެއްގައި ތައްޔާރުކޮށް ބަންދުކޮށްގެންނެވެ. އެ މަސައްކަތް ކުރިއަށް ގެންދަނީ ކެންސީނޯބަޔޯގެ ބެލުމުގެ ދަށުންނެވެ
.
ޕާކިސްތާނުގައި އެ ވެކްސިން ތައްޔާރުކޮށް ވިއްކަނީ ޕަކްވެކްގެ ނަމުގައެވެ. އެ ޤައުމުގެ ނޭޝަނަލް އިންސްޓިޓިއުޓު އޮފް ހެލްތު، އެންއައިއެޗުން ބުނީ މަހެއްގެ ތެރޭގައި ވެކްސިންގެ ތިން މިލިޔަން ޑޯޒު އެ ޤައުމަށް ތައްޔާރުކުރެވޭނެކަމަށެވެ. ވެކްސިން ތައްޔާރުކުރަން ފެށިތާ ދެ ދުވަހުގެ ތެރޭގައި ވެކްސިންގެ 118،000 ޑޯޒު ތައްޔާރުކޮށްފައިވާކަމަށް އެ އިދާރާއިން ބުނެއެވެ.

ޕާކިސްތާނުގައި މިހާތަނަށް 930،511 މީހުންނަށް ކޯވިޑް-19 ޖެހި 21،189 މީހުންވަނީ އެ ބަލީގައި މަރުވެފައެވެ. 216 މިލިޔަން މީހުންގެ އާބާދީއެއް އޮންނަ ޕާކިސްތާނުގައި ކޯވިޑް-19 ވެކްސިން ދޭން ފެށީ މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައެވެ. އެ ޤައުމުގައި ބޭނުންކުރަނީ ޗައިނާގެ ސީނޯފާމް ވެކްސިނާއި ސީނޯވެކާއި ކެންސީނޯބަޔޯގެ އިތުރުން ރަޝިޔާގެ ސްޕަޓުނިކު 5 ވެކްސިނެވެ. އޭގެ އިތުރުން އެސްޓުރާޒެނެކާ ވެކްސިންވެސް އެ ޤައުމުގައި ބޭނުންކުރެއެވެ. އެ ޤައުމުގައި މިހާތަނަށް ވެކްސިންގެ 8.2 މިލިޔަން ޑޯޒުވަނީ ދީފައެވެ. ވެކްސިންގެ ހުރިހާ ޑޯޒެއް ފުރިހަމަކޮށްފައިވަނީ 2.3 މިލިޔަން މީހުންނެވެ. އަދި ވެކްސިންގެ އެއް ޑޯޒު ފުރިހަމަކޮށްފައިވަނީ 4 މިލިޔަން މީހުންނެވެ. އެއީ އެ ޤައުމުގެ އާބާދީގެ ގާތްގަނޑަކަށް 1.8 އިންސައްތައެވެ.