ޚަބަރު

ސޫރިޔާއަށް އެހީ ފޯރުނުކޮށްދެވިއްޖެނަމަ ބޮޑު ކާރިޘާއަކާ ކުރިމަތިލާންޖެހޭނެ: އދ


ތުރުކީވިލާތް މެދުވެރިވެގެން ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އދގެ ސަލާމަތީ މަޖިލީހުން ދީފައިވާ ޙުއްދައިގެ މުއްދަތު އިތުރު ނުކުރެވިއްޖެނަމަ ސޫރިޔާގެ އެތައް މިލިޔަން ރައްޔިތުންނެއް އިންސާނީ ކާރިޘާއަކާ ކުރިމަތިލާންޖެހޭނެކަމަށް އދން ބުނެފިއެވެ.

ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިން ރައްކާތެރިކަން ހޯދުމަށް އެ ޤައުމުގެ 3 މިލިޔަނެއްހާ މީހުން ދިރިއުޅެނީ ސޫރިޔާއާއި ތުރުކީވިލާތް ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައެވެ. އެ ސަރަޙައްދަށް ސޫރިޔާގެ ރައީސް ބައްޝާރުލް ޢަސަދުގެ ސަރުކާރުގެ ބާރެއް ނުފޯރައެވެ. އެ ސަރަޙައްދުގައި ދިރިއުޅޭ މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް މިދިޔަ އަހަރުގެ ޖުލައި މަހާ ހަމައަށް ބޭނުންކޮށްފައިވަނީ ތުރުކީވިލާތުން ސޫރިޔާއަށް ދެވެން އޮންނަ 3 މަގެކެވެ. ނަމަވެސް އދގެ ސަލާމަތީ މަޖިލީހުންވަނީ އޭގެ ތެރެއިން 2 މަގެއް ބޭނުންކުރުމުގެ ޙުއްދަ ދީފައިވާ މުއްދަތު އިތުރުކޮށްދިނުމަށް ދެކޮޅުހަދައިފައެވެ. އެ މައްސަލާގައި އެ މަޖިލީހުންވަނީ ފަސް ފަހަރެއްގެ މަތިން ވޯޓުލައިފައެވެ. މަގުތައް ބޭނުންކުރާ މުއްދަތު އިތުރުކޮށްދިނުމަށް ހުރަސްއެޅީ އެ މަޖިލީހުގެ ދާއިމީ މެންބަރުންކަމަށްވާ ރަޝިޔާއާއި ޗައިނާއިންނެވެ. އެއާއެކު އދގެ ސަލާމަތީ މަޖިލީހުން ފާސްކުރީ ތުރުކީވިލާތް މެދުވެރިކޮށް އެއް އަހަރު ދުވަހުގެ މުއްދަތަށް އެންމެ މަގަކުން ސޫރިޔާއަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ތުރުކީވިލާތުގެ މަގު ބޭނުންކުރުމުގެ ޙުއްދަ ދީފައިވާ މުއްދަތު އަންނަ ޖުލައި މަހުގެ ތެރޭގައި ހަމަވާނެއެވެ. އެއާއެކު އެ މައްސަލައާ ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގައި އަނެއްކާވެސް ބޮޑެތި ބަހުސްތަކެއް ކުރާނެކަމަށް ބެލެވެއެވެ. އދން ބުނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ މަގު ބޭނުންކުރުމުގެ ޙުއްދަ ދީފައިވާ މުއްދަތު ސަލާމަތީ މަޖިލީހުން އިތުރުނުކޮށްދީފިނަމަ ސޫރިޔާގެ ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެކަމަށެވެ. ސަލާމަތީ މަޖިލީހުން ގޮތް ނިންމުމުގައި އިސްކަންދޭނީ ޢާންމުންގެ މަސްލަޙަތަށްކަމަށް އުންމީދުކުރާކަމަށް އދން ބުނެއެވެ. ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަޙައްދުތަކުގައި ދިރިއުޅޭ މީހުންނަކީ އެންމެ ނާޒުކު ޙާލަތުގައި ދިރިއުޅޭ މީހުންގެ ގޮތުގައި އދން ސިފަކުރެއެވެ.

ތުރުކީވިލާތުގެ މަގު މެދުވެރިކޮށް މަހަކު 1،000އެއްހާ އުޅަނދުގެ ޒަރޫރީ ސާމާނު އދން ސޫރިޔާއަށް ފޯރުކޮށްދެއެވެ. އޭގެ ތެރޭގައި ކާބޯތަކެއްޗާއި ބޭހާއި އެހެނިހެން ސާމާނު ހިމެނެއެވެ. އެ ތަކެތިން ސޫރިޔާގެ ހުޅަނގު އުތުރުގެ ސަރަޙައްދުގައި ދިރިއުޅޭ 80 އިންސައްތަ މީހުންގެ ބޭނުންތައް ފުއްދުމަށް އދން މަސައްކަތްކުރެއެވެ.