ޚަބަރު

ފެތުނު އާގުބޯޓުން ކަނޑަށް ތެޔޮ އެޅިދާނެތީ ސްރީ ލަންކާއިން ތައްޔާރީ ޙާލަތަކަށް އަތުވެއްޖެ


ސްރީ ލަންކާގެ ވެރިރަށް ކޮލޮންބޯ ކައިރިން ރޯވެ ފެތިފައިވާ އާގުބޯޓުން ކަނޑަށް ތެޔޮ އެޅިދާނެތީ އެ ޤައުމުން ތައްޔާރީ ޙާލަތަކަށް އަތުވެއްޖެއެވެ.

އިންޑިޔާގެ ގުޖުރާތުން ސްރީ ލަންކާގެ ކޮލޮންބޯ ބަނދަރަށް ދަތުރުކުރި ސިންގަޕޫރުގައި ދަފްތަރުކޮށްފައިވާ އެމްވީ އެކްސް-ޕުރެސް ޕަރލުގައި 1،486 ކޮންޓެއިނަރު ބަރުކޮށްފައި ހުއްޓެވެ. އެ ބޯޓުގައި ހުރީ ސިނާޢީ މަސައްކަތްތަކަށް ބޭނުންކުރާ ކެމިކަލާއި ވިހަ މާއްދާތަކެކެވެ. އޭގެ ތެރޭގައި 25 ޓަނުގެ ނައިޓުރިކް އެސިޑާއި އެހެނިހެން ކެމިކަލާއި ޕުލާސްޓިކުގެ ބާވަތްތައް ހިމެނެއެވެ. އެ ބޯޓުގައި އެންމެ ފުރަތަމަ ރޯވީ މެއި މަހުގެ 20ވަނަ ދުވަހުއެވެ. ނަމަވެސް ސްރީ ލަންކާގެ ކަނޑުގެ ސިފައިންނާއި ޕޯޓްސް އޮތޯރިޓީއާއި މެރިން އެންވައިރަމަންޓު ޕުރޮޓެކްޝަން އޮތޯރިޓީންވަނީ އަލިފާންގަނޑު ނިއްވާލައިފައެވެ. ނަމަވެސް އަނެއްކާ މެއި މަހުގެ 25ވަނަ ދުވަހު ކުރިއަށްވުރެ ބޮޑަށް ބޯޓުގައި ރޯވެ އަލިފާންގަނޑު ނިއްވާލުމުގައި ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހުނެވެ. ބޯޓުގައި ހުރި ގިނަ ޢަދަދެއްގެ ކޮންޓެއިނަރުތައް ކަނޑަށް ވެއްޓި ކޮންޓެއިނަރުތަކުގައި ހުރި ޕުލާސްޓިކު ޕެލަޓުތަކާއި ވިހަ މާއްދާތައްވަނީ މަސްވެރިކަން ރަނގަޅު އަދި ފަތުރުވެރިންގެ މެދުގައި މަޤުބޫލު ނެގަންބޯގެ ގޮނޑުދޮށަށް ލައްގަން ފަށައިފައެވެ. ޖޫން މަހުގެ 2ވަނަ ދުވަހު ބޯޓު ފެތެން ފެށުމުން ސްރީ ލަންކާގެ އައްސޭރިއާ ދުރަށް ބޯޓު ގެންދިޔުމަށްވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ބޯޓުގެ ކޮޅުފަސްކޮޅު ކަނޑު އަޑީގައި ޖެހި އެ މަސައްކަތް ނާކާމިޔާވެ ބޯޓުވަނީ ފެތިފައެވެ.

ބޯޓު އޮޕަރޭޓުކުރާ އެކްސް-ޕުރެސް ފީޑަރސުން ބުނީ ބޯޓުގައި ހުރި ވިހަ މާއްދާތަކުގެ ބޮޑުބައެއް އަލިފާނުގައި އަނދައިފައިވާކަމަށެވެ. އަދި ބޯޓުގައި ހުރި 350 ޓަނުގެ ތެޔޮ ކަނޑަށް އެޅިފައިވާކަމުގެ އެއްވެސް ނިޝާނެއް މިހާތަނަށް ފެނިފައިނުވާކަމަށެވެ. ނަމަވެސް ބޯޓުން ކުނިބުނި ބޭރުވެދާނެކަމަށް ކަމާބެހޭ ފަރާތްތަކުން އެ ސަރަޙައްދުގައި ތައްޔާރަށް ތިބިކަމަށާއި އެ މަސައްކަތުގައި ސްރީލަންކާގެ ކަނޑުގެ ސިފައިންނާއި އިންޑިޔާގެ ކޯސްޓު ގާޑުންވެސް ބައިވެރިވާނެކަމަށް އެކްސް-ޕުރެސް ފީޑަރސުން ބުނެއެވެ. އަދި ކަނޑަށް ތެޔޮ އެޅިއްޖެނަމަ ކުރަންޖެހޭ ކުރަންޖެހޭ ހުރިހާ ކަމެއް ކުރަން ތައްޔާރަށް އޮތްކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

ބޯޓު އަޑިއަށް ދިޔުމުގެ ސަބަބުން މަސްވެރިކަން ރަނގަޅު ސްރީ ލަންކާގެ އައްސޭރިފަށުން ފެށިގެން 80 ކިލޯމީޓަރުގެ ސަރަޙައްދެއްގައި މަސްވެރިކަން ނުކުރުމަށްވަނީ އަންގައިފައެވެ. އޭގެ އަސަރު މަސްވެރިކަންކުރާ 5،600އަށްވުރެ ގިނަ އުޅަނދަށް ކުރާނެއެވެ. ސްރީ ލަންކާއިން ބުނީ ކާރިޘާގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށް އެ ޤައުމުން މަސައްކަތްކުރާނެކަމަށެވެ.