ޚަބަރު

އައްސޭރި ޖަލަށް ފޯނާއި މަސްތުވާތަކެތި އެތެރެކުރަން އުޅެފި


އައްސޭރި ޖަލަށް ވަންދަން މަސައްކަތް ކުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި ފޯނުތަކެއް އަތުލައިގެންފިއެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އައްސޭރި ޖަލަށް ބައެއް ތަކެތި ޤަވައިދާ ހިލާފަށް ވެއްދުމަށް މަސައްކަތްކުރާކަމުގެ މައުލޫމާތަކެއް ލިބި ރޭ އޮޕަރޭޝަނެއް ހިންގާފައިވާކަމަށެވެ. އަދި މި އޮޕަރޭޝަންގައި އައްސޭރި ޖަލަށް ވެއްދުމަށް ޕޮޓުކޮއްފައިވާ މަސްތުވާތަކެއްޗާއި، މޯބައިލް ފޯނުތަކެއް ޖަލުގެ އޮފިސަރުން ހޯދާފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

އަހުމަދު މުހައްމަދުފުޅު ވިދާޅުވީ ރޭ ހިންގި އޮޕަރޭޝަންގައި އަތުލައިގަތް ތަކެތި ފުލުހުންނާއި ހަވާލުކޮށް އެ މަސައްލަ ތަހުޤީގުކުރަމުން އަންނަކަމަށެވެ. އަދި މިތަކެތި އެތެރެކުރަން މަސައްކަތް ކުރީ ކިހިނެތްކަމަށް ކޮމިޝަނަރ ހާމައެއް ނުކުރައްވައެވެ.

ޖަލަށް މަސްތުވާތަކެއްޗާއި ފޯނުތައް ވެއްދުމަށް ވަރަށް ގިނައިން މަސައްކަތް ކުރެއެވެ، ފުލުހުންނާއި ޖަލުގެ އޮފިސަރުން ގުޅިގެން ހިންގި އޮޕަރޭޝަންތަކުގައި މި ފަދަ ގިނަތަކެތި ވަނީ އަތުލައިގެންފައެވެ.